Advertisement

ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދާއި ތަފުސީލު އާންމު ނުކުރި!

25 ފެބުރުވަރީ 2024 - 17:54 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު : ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދާއި ތަފުސީލު އާއްމު ކޮށްފައި ނުވޭ - ފޮޓޯ: ރައީސް އޮފީސް


ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދާއި ތަފުސީލު އާންމު ނުކުރި!

25 ފެބުރުވަރީ 2024 - 17:54 1

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކުގެ އަދަދާއި ތަފުސީލުތައް އާއްމުނުކުރަން ރައީސް އޮފީހުން ނިންމައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އައްޔަންކުރި ފަރާތްތަކުގެ އަދަދާއި ތަފުސީލު ހޯދުމަށް "އަދަދު" އިން އެދުމުން، ގާނޫނުން ލިބިދޭ މުއްދަތުގައި ރައީސް އޮފީހުން އެ ތަފުސީލުތައް ދީފައެއް ނުވެ އެވެ.

އެ ގާނޫނުގެ ދަށުން އާރުޓީއައިއަށް ޖަވާބުދޭން ލިބިދޭ 14 ދުވަހުގެ މުއްދަތު އިތުރު 14 ދުވަހަށް އިތުރުކުރި ނަމަވެސް ރައީސް އޮފީހުން އެ މުއްދަތު ހަމަވިއިރުވެސް މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.

"އަދަދު" އިން ތަފުސީލު ހޯދަން ހުށަހެޅި މަގާމުތަކުގެ ތެރޭގައި ހިމެނެނީ މިނިސްޓަރުން، ސީނިއާ މިނިސްޓަރުން، ސްޓޭޓް މިނިސްޓަރުން، ޑެޕިއުޓީ މިނިސްޓަރުން، ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން، އަދި ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.

މީގެ ތެރެއިން މިނިސްޓަރުން، ސްޓޭޓް މިނިސްޓަރުން އަދި ޑެޕިއުޓީ މިނިސްޓަރުންގެ ނަމާއި އަދަދު ރައީސް އޮފީހުގެ ވެބްސައިޓުގައި ލިބެން ހުންނައިރު، އެ މަގާމުތަކުގައި މަދުވެގެން 305 މީހުން އެބަ ތިއްބެވެ. އެ މީހުންގެ މުސާރައަށް މަހެއްގެ މައްޗަށް 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ އެވެ. އެއީ އަހަރަކު 156 މިލިއަން ރުފިޔާ އެވެ. ފަސް އަހަރަށް ބަލާއިރު 780 މިލިއަން ރުފިޔާ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން އަންނަނީ މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މަގާމުތަކުގެ ޖުމްލަ އަދަދު 700 އިން މައްޗަށް ނުދާނެ ކަމަށެވެ. އެގޮތުން މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވަނީ ސަރުކާރުގެ އިސް ސިޔާސީ މަގާމުތަކަށް އިތުރު މީހުން އައްޔަން ނުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"ހަމައެހެންމެ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ހާލަތްތައް ފިޔަވައި ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން އަޅުގަނޑު ނިންމާފައިވާ ވާހަކަ ދަންނަވާލަން" ރައީސް ވިދާޅުވި އެވެ.

ނަމަވެސް، ރައީސް މިހެން ވިދާޅުވި ފަހުންވެސް ސިޔާސީ އެކި މަގާމުތަކަށް ބޭފުޅުން އައްޔަންކުރި ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓުތަކެއް ވަނީ ދައުރުވެފަ އެވެ.