Advertisement

ފަސޭހަކަމާ އެކު ގެޓާފޭ ބަލިކޮށް ބާސެލޯނާ ދެ ވަނަ އަށް

25 ފެބުރުވަރީ 2024 - 10:59 0


ފަސޭހަކަމާ އެކު ގެޓާފޭ ބަލިކޮށް ބާސެލޯނާ ދެ ވަނަ އަށް

25 ފެބުރުވަރީ 2024 - 10:59 0

ބާސެލޯނާ (ފެބްރުއަރީ 25) - ސްޕެނިޝް ލީގުގައި ރޭ ގެޓާފޭ އަތުން 4-0 އިން މޮޅުވެ، ބާސެލޯނާ ތާވަލްގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

މި މޮޅާ އެކު ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ވަނީ ޖިރޯނާ ފަހަތަށް ޖައްސާލައި، 57 ޕޮއިންޓާ އެކު ތާވަލްގެ ދެ ވަނަ މަގާމަށް ޖެހިލައިފަ އެވެ. ތިން ވަނަ މަގާމުގައި މި ވަގުތު އޮތް ޖިރޯނާ އަށް ވަނީ 56 ޕޮއިންޓް ލިބިފަ އެވެ.

ތާވަލްގެ އެއް ވަނައިގައި ރެއާލް މެޑްރިޑް އޮތީ 62 ޕޮއިންޓާ އެކު އެވެ. ލީގުގައި މިއަދު ސެވިއްޔާއާ ދެކޮޅަށް ރެއާލް ނުކުންނާނެ އެވެ.

އަމިއްލަ ދަނޑުގައި ރޭ ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗުގެ 20 ވަނަ މިނިޓުގައި ބާސެލޯނާ އަށް ލީޑު ހޯދައިދިނީ ބްރެޒިލްގެ ވިންގާ ރަފީނިއާ އެވެ. އަދި މެޗުގެ ދެ ވަނަ ހާފުގައި އެ ޓީމުގެ ޖޮއާއޯ ފެލިކްސް އާއި ފްރޭންކީ ޑިޔޮންގް އަދި ފެރްމިން ލޯޕޭޒް ވަނީ ލަނޑު ޖަހައިފަ އެވެ.

މެޗަށް ފަހު ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ މި މެޗުން ލިބުނު މޮޅާއެކު ބާސެލޯނާ އަށް ހަމަޖެހުމެއް ލިބޭނެ ކަމަށެވެ.

"އަހަރަމެންނަށް މި މެޗުގައި އެނގުނު އެ ޓީމު (ގެޓާފޭ)ގެ ޑިފެންސް އިން ޖާގަ ލިބޭ ތަންތަނުން އެޓޭކްތައް އުފައްދަން. އެގޮތަށް ކުޅެގެން ގޯލުތައް ޖެހުނީ،" ޒަވީ ބުންޏެވެ.

ލީގުގެ ފުލުގައި އޮތް އަލްމޭރާ އިން ވަނީ ރޭ އެތުލެޓިކޯ މެޑްރިޑާ 2-2 އިން އެއްވަރުކޮށްފަ އެވެ. މި މެޗުގައި އެތުލެޓިކޯ އިން ދެ ފަހަރު ލީޑު ހޯދި ނަަމަވެސް، އަލްމޭރާ އިން ވަނީ ދެ ފަހަރުވެސް ނަތީޖާ އެއްވަރުކޮށް، މުހިންމު ޕޮއިންޓެއް ހޯދައިފަ އެވެ.