Advertisement

ރަށްރަށް ވަކިން އޮންނަ ކަމަށް ވިދާޅުވެ އެއާޕޯޓު ގިނަ ކުރުމުގެ ސިޔާސަތު ރައީސް ދިފާއު ކުރައްވައިފި

25 ފެބުރުވަރީ 2024 - 10:40 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. ދިއްދޫގައި ވާހަކަ ދައްކަވަނީ: އެއާޕޯޓު ގިނަ ކުރުމުގެ ސިޔާސަތު ދިފާއު ކުރައްވައި އެމަނިކުފާނު ވާހަކަ ދެއްކެވި - ފޮޓޯ: ރައީސް އޮފީސް


ރަށްރަށް ވަކިން އޮންނަ ކަމަށް ވިދާޅުވެ އެއާޕޯޓު ގިނަ ކުރުމުގެ ސިޔާސަތު ރައީސް ދިފާއު ކުރައްވައިފި

25 ފެބުރުވަރީ 2024 - 10:40 1

ގުދުރަތީ ގޮތުން ރާއްޖެ އޮންނަ ގޮތުން ރަށްރަށް ވަކިން އޮންނާތީ، ދަތުރުފަތުރު ކުރުމަށް ހުރި ގޮންޖެހުންތަކާއި ތަކުލީފުތަކަށް ރައްޔިތުންނަށް ލުޔެއް ހޯދައިދޭން ސަރުކާރުން ގިނަ އެއާޕޯޓުތަކެއް އެޅުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ދިފާއު ކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވައިފި އެވެ.

އެއާޕޯޓެއް އެޅުމަށް ރައީސް ވައުދުވެވަޑައިގެންފައިވާ ހއ. އަތޮޅު ވެރިކަންކުރާ ރަށް، ދިއްދޫގައި މިއަދު ހެނދުނު ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެއާޕޯޓު ގިނަ ކުރުމުގެ ސިޔާސަތަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"ރާއްޖޭގެ ޖިއޮގްރެފިކަލް ޑިސްޓްރިބިއުޝަން އޮތް ގޮތުން، ކޮންމެހެން ކުރީގައި އޮތް ގޮތަކަށް ނޫން ރާއްޖެ އޮންނަ ބޭނުން ވަނީ ރައްޔިތުން މިހާރު، ކޮންމެހެން ބޭނުންވާ ކަމެއް އެއާޕޯޓް އެޅުމަކީ، ބައެއް ތަންތަނުގައި ޑޮމެސްޓިކް، ބައެއް ތަންތަނުގައި އިންޓަނޭޝަނަލް، އެއާޕޯޓް އަޅަން ޖެހޭ، ވައުދު ވަނީ އެ ކަން ކުރަން ޖެހޭ ކަމަށް ގަބޫލު ކޮށްގެން،" އެމަނިކުފާނު ވިދާޅުވި އެވެ.

ހއ. ދިއްދޫގައި ވެސް އެ ރަށު ފަޅުން ބިން ހިއްކައި، އިތުރު ކުރާ ބިމުގެ ޖާގައިން އެއާޕޯޓުގެ މަސައްކަތް ކުރިއަށް ދާނެ ކަމުގެ ޔަގީން ކަން ރައީސް މުއިއްޒު ދެއްވި އެވެ. ދިއްދޫ އެއާޕޯޓަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ.

އެއާޕޯޓު ގިނަ ކުރުމުގެ ސިޔާސަތު އެމަނިކުފާނު ދިފާއު ކުރެއްވީ، އެންމެ ފަހުން ހުވަދު އަތޮޅަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުރިން އިއުލާން ނުކުރައްވާ ބައެއް އެއާޕޯޓުގެ މަޝްރޫއުތައް އިއުލާން ކުރައްވައި، އެ ކަމަށް ބައެއް އާބަން ޕްލޭނިންގެ ތަޖުރިބާކާރުންނާއި މާލީ ތަޖުރިބާކާރުންގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

އެ ގޮތުން ގދ. ތިނަދޫގެ ދެކުނުން ކައިރީގައި ކާޑެއްދޫ އެއާޕޯޓު އޮތް ނަމަވެސް ތިނަދޫ ފަޅު ހިއްކައިގެން އެއާޕޯޓެއް ހެދުމަށް ބަޔަކާ ވަނީ ހަވާލުކޮށްފަ އެވެ. ސްޕީޑް ލޯންްޗެއްގައި ފަސް މިނެޓުން ތިނަދޫއިން ކާޑެއްދޫއަށް ދެވެ އެވެ.

ހަވާލުކުރި އިންވެސްޓަރުގެ ފެންވަރާ މެދު ވެސް ސުވާލުތަކެއް އުފެދިފައިވަނިކޮށް ވިލިނގިލީ ފަޅުގައި ވެސް އެއާޕޯޓެއް އެޅުމަށް ވެސް ބަޔަކާ ހަވާލުކޮށްފައިވެ އެވެ. ވިލިނގިލީ ދެކުނުން ކައިރީގައި ދެވޭ ކޫއްޑޫގައި ވެސް އެއާޕޯޓެއް އޮވެ އެވެ. އެއީވެސް ސްޕީޑް ލޯންޗެއްގައި ފަސް މިނެޓުގެ ދަތުރެކެވެ.

މީގެ އިތުރުން ގއ. ކޮލަމާފުށީގައި ވެސް އެއާޕޯޓެއް އެޅުމަށް ވެސް ރައީސް މުއިއްޒު ވައުދުވެވަޑައިގަތެވެ. ރައީސްގެ ވައުދުތައް ހިމެނޭހެން ރާއްޖޭގައި ތަރައްގީކޮށްފައިވާ, ތަރައްގީކުރަމުންދާ އަދި ޕްލޭން ކުރެވިފައިވާ އެއާޕޯޓުތަކުގެ އަދަދު 40 އާ ގާތްކުރެ އެވެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް އަގުލަބިއްޔަތު ދިނުމަށް ދިއްދޫގައި ވެސް އެމަނިކުފާނު އެދިވަޑައިގަތެވެ. އޭގެ ސަބަބަކަށް ރައީސް ދައްކަވަނީ ބަޖެޓުގައި ކުޑަ އަދަދެއް އިދިކޮޅު އެމްޑީޕީން ހިމެނުމުން، ސަރުކާރުން ބޭނުންވި ބައެއް މަޝްރޫއުތަކަށް އެ ޕާޓީން ބަޖެޓުން ޖާގަ ދީފައި ނުވާތީ ކަމަށް ވިދާޅުވެ އެވެ.