Advertisement

މާލީ ބުރަޔާއެކު ވެސް ހިންގަނީ މަތިބަރު، ހަރަދު ބޮޑު ސަރުކާރެއް

25 ފެބުރުވަރީ 2024 - 10:13 0

އަމަން ހަލީމް

އަމަން ހަލީމް

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު، ރައީސް މުއިއްޒު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: އިގުތިސާދީ ހާލަތު ދަށް ކަމަށް ވިދާޅުވި ނަމަވެސް ހަރަދުތައް ކުޑަ ކުރާ މަންޒަރެއް ނުފެނޭ -- ފޮޓޯ: ރައީސް އޮފީސް


މާލީ ބުރަޔާއެކު ވެސް ހިންގަނީ މަތިބަރު، ހަރަދު ބޮޑު ސަރުކާރެއް

25 ފެބުރުވަރީ 2024 - 10:13 0

"ވަރަށް އިތުބާރާއެކު ތިޔަބޭފުޅުންގެ ކުރިފުޅުމަތީ އަޅުގަނޑު ހުއްޓި މިހުރީ، ނިކަން ހުތޫރަތްތެރި ވަޅުގަނޑެއްގެ ތުންފަތްމަތީގައި. އެއީ، ތިޔަބޭފުޅުންގެ އުންމީދުތަކާއި އަޅުގަނޑު އެކުލަވައިލާ ސަރުކާރުގެ ވާޖިބުތައް އަދާކުރުމާ، މި ދެމެދުގައި އޮތް ވަޅުގަނޑެއް. މި ދަންނަވާ ވަޅުގަނޑަކީ، ދިވެހިރާއްޖޭގެ އިގުތިސާދު މިއަދު ވެއްޓިފައި މި އޮތް ފުން އަނދަވަޅު."

މިއީ އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށް ފަހު ގައުމާ މުހާތަބުކުރައްވާ ދެއްވި ފުރަތަމަ ހިތާބުގައި ވިދާޅުވި ބަސްކޮޅެކެވެ. އެފަހުން މިއަދާ ހަމައަށް ރައްޔިތުންނާ މުހާތަބު ކުރަން ލިބުނު ކޮންމެ ފުރުސަތެއްގައި ރައީސް މުއިއްޒު މި ވަޅުގަނޑުގެ ވާހަކަ ނަންގަނެ އެވެ.

މި ވަޅުގަނޑުގެ ފުން ކަމުން، އެމަނިކުފާނާއި އަދުގެ ސަރުކާރުގައި ތިބި މީހުން ބުނާ ގޮތުން، މި ސަރުކާރުން އަމާޒު ހިފާފައިވާ ބިޔަ ތަރައްގީގެ ތަސައްވުރަށް އެޅިފައި އޮތް ބޮޑު ހުރަހަކީ ވެސް އަދި ހިޔަންޏަކީ ވެސް މި ވަޅުގަނޑެވެ. މިކަމުގެ ޒިންމާ އެވެރިން އަޅުވަނީ ކުރީ ސަރުކާރުގެ ބޮލުގަ އެވެ. ބުނަނީ އެ ސަރުކާރުގެ ދޯހަޅި މާލީ ނިންމުންތަކުގެ ސަބަބުން ދައުލަތުގެ މާލިއްޔަތު ފޫދުއްވާލައިފި ކަމަށެވެ.

މިފަހުން ރައީސް އަތޮޅު ތެރެެއަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގައި ވެސް ޕޯޑިއަމްތަކަށް އަރާވަޑައިގެން ވެސް މި ވަޅުގަނޑުގެ ވާހަަކަ ނުދައްކަވާ ހަމަ އެންމެ ފަހަރެއް ވެސް ނުދެ އެވެ. ވިދާޅުވަނީ ދައުލަތުގައި ފައިސާގެ ތާށިކަން ހުރީ އިންތިހާގައި ކަމަށާއި ކަންކަން ހަމައަކަށް އަޅުވަން ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. އެމަނިކުފާނު ހިސާބު ޖައްސަވަނީ ކުރިއަށް އޮތް ދެ ތިން މަސް ތަދުވެފައި އެފަހުން ކަންކަން ރަނގަޅު ވާނެ ކަމަށެވެ.

ނަމަވެސް މިއަދަށް ސަރުކާރަށް 100 ދުވަސް ވެފައިވާއިރު ބަހުން ސަރުކާރާއި އިގުތިސޯދު ތަދުކަމަަށް ބުނި ނަމަވެސް އަމަލުން އެ މަންޒަރު ދައްކުވައިދެނީ ވަރަށް ވެސް ކުޑަކޮށެވެ. އިސްރާފު ގިނަ އެވެ. ހަރަދު ކުޑަކުރަން ކަންތައްތަކެއް ރޭވި ކަރުދާހަަށް ތިރިކުރެވިފައި ހުރި ނަމަވެސް މިހާތަނަށް އަމަލީ ސިފަ ޖެހުނު ހަމަ އެއްކަމެއް ވެސް ނެތެވެ. ފެންނަނީ އިދިކޮޅުގައި ތިބި އިރު ގޯސްކުރި ކަންކަން ތަކުރާރުކުރަމުންދާ މަންޒަރެވެ.

ވާރުތަވީ މައްސަލަ ބޮޑު އިގުތިސާދެއް

ރައީސް މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވީއިރު ހުރިހާ މިންގަނޑަކުން ބެލި ނަމަވެސް އިގުތިސޯދީ ހާލަތު ރަނގަޅެވެ. ޓޫރިސްޓު ނަމްބަރުތަކުން ރެކޯޑުތައް މުގުރަނީ އެވެ. ޓޫރިޒަމުން ލިބުނު އާމްދަނީއަށް ހީނަރުކަމެއް އައި ނަމަވެސް ދައުލަތުގެ ޓެކްސް އާމްދަނީ އާއި ޓެކްސް ނޫން އާމްދަނީ ވެސް އަންދާޒާތަކަށް ވުރެ އިތުރެވެ.

އެއާ އެކީ ޖުމްލަކޮށް ގައުމުގެ އެހެން ހުރިހާ ސިނާއަތްތަކުގެ ދުވެލި ވެސް ރަނގަޅެވެ. މަދު ދާއިރާތަކެއް ފިޔަވައި ހުރިހާ އިގުތިސާދީ ދާއިރނިމުނު އަހަރުގެ ތެރޭގައި ރަނގަޅެވެ. މަރުކަޒީ ބޭންކު، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އިގުތިސޯދު ހަ ޕަސެންޓު ކުރި އެރި އެވެ.

އެހެނެއް ކަމަކު އިގުތިސާދުގައި ހުރި މައްސަލަތައް ބައިވަރެވެ. އެންމެ ބޮޑު މައްސަލައަކަށް ޑޮލަރު ތާށިކަމެވެ. އަނެއް ކަމަކަށް ބިޔަ އިންވެސްޓުމަންޓުތަކަށް ބޭނުންވާ ފައިސާ އެތެރޭގެ މާލީ ނިޒާމުން ނުލިބޭ މައްސަލަ އާއި ބޭންކުތަކުގެ ލިކުއިޑިޓީ މައްސަލަ އެވެ. މި ހުރިހާ ކަމަކަށް ވުރެ ވެސް ބޮޑު ކަމަކަށް ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންދާ ދައުލަތުގެ ކޮޅެއް މެދެއް ނުފެންނަ ހިސާބަށް އިތުރުވެފައިވާ ދަރަންޏެވެ.

ދައުލަތުގެ ޖުމްލަ ދަރަނި މި ވަގުތު ހުރީ މުޅި ގައުމުގެ އުފެއްދުންތެރިކަމަށް ވުރެ މަތީގަ އެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ޑެޓް ބުލެޓިންގައިވާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތާއި ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނީގެ އަދަދަކީ 124 ބިލިއަން ރުފިޔާ އެވެ. މިއީ މިވަރުުގެ ގައުމަކާ އަޅާ ބަލާއިރު މާ ބޮޑު އަދަދެއް ކަމަށް އެންމެން ވެސް ގަބޫލުކުރެ އެވެ.

މިއީ ދުނިޔޭގެ ހުރިހާ މާލީ އިދާރާއަކީ ރޭޓިން އެޖެންސީއަކާއި ދިވެހި އިގުތިސާދީ ކުރިމަގާ މެދު ކިރިޔާ ވެސް ވިސްނާ ބަޔަކު ވެއްޖިއްޔާ ކަންބޮޑުވާ މައްސަލަ އެވެ. ދަރަނި މިވަރުގައި ހުރެގެން ހުރަސްތަކާއި ގޮންޖެހުންތަައް ގިނަވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެކަން ރައީސް ވެސް ގަބޫލުކުރައްވަ އެވެ. އެެހެންވެ އެމަނިކުފާނު މިހާރު ޗެމްޕިއަން ކުރައްވަމުން ގެންދަވާ އެއް މޮޑެލަކީ ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ ޕްރައިވެޓް ކުންފުނިތަކުން ފަންޑުކުރާ ގޮތަށް ޕްރޮޖެކްޓުތައް ހިންގުމެވެ.

ރަސްމާލެ މަޝްރޫއަކީ މީގެ މިސާލެކެވެ. އެ މަޝްރޫއަކީ ބަޖެޓު ފޮނުވިއިރު މި ސަރުކާރުން ބޭނުންވެގެން ކުރީ ސަރުކާރުން ބަޖެޓުގައި ހިމަނައިދިން ކަމެކެވެ. ނަމަވެސް އިންތިގާލީ މަރުހަލާގެ ތެރޭގައި އުފެދުނު ކުނިގަނޑެއްގެ ތެރެއިން އެ މަޝްރޫއު ބަޖެޓުން އުނިކުރަން އިދިކޮޅުން ކޮންޓްރޯލް ކުރާ ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އެވެ.

އެއާއެކީ ސަރުކާރުން ކުރި ކަމަކީ އެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތެއް ހޯދުމެވެ. ހޯދި ގޮތަކީ މަސައްކަތުގެ އަގަށްވާ ފައިސާގެ މުގާބިލުގައި ބިންތަކެއް ދޭގޮތަށް ކަނޑައަޅައި މަޝްރޫއުގެ މަސައްކަތް ފެށީ އެވެ. މިއީ ބަޖެޓުކޮށްފައި ނެތަސް ސަރުކާރަށް ކުރެވިދާނެ ކަމަކަށް ވާތީ އެކަން ކޮށްފައި ބަޔަކާ އެ އޮތީ 1800 ހެކްޓަރުގެ ރަސްމާލެ ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފަ އެވެ.

މި ސަރުކާރަށް ވާރުތަވީ އަނެއް ބޮޑު މައްސަލައަކީ ސަރުކާރާއި ސަރުކާރު ކުންފުނިތަކުން ވިޔަފާރިތަކަށާއި މަސްވެރިންނަށް ދަރާފައި ހުރި ފައިސާ އެވެ. މި ސަރުކާރުން ބުނާ ގޮތުން ނުދައްކާ ހުރި ބިލުތަކުގެ އަގު ހަ ބިލިއަނެއްހާ ރުފިޔާއަށް އަރަ އެވެ.

ސިޔާސީ މަގާމުތައް ގިނަވެ ސަރުކާރުގެ މަތި ބަރު

އިދިކޮޅުގައި ތިބި ދުވަސްވަރު މި ސަރުކާރުގައި ތިބި މީހުން އެންމެ ފާޑުކީ އެއް ކަމަކަށް ވާނީ ކުރީ ސަރުކާރުގެ މަތިބަރުވުމެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ މަތިބަރު ސަރުކާރެއް ކަމަށް ބުނެވިދާނެ އެވެ.

ހިސާބު އަދަދުތަކުން ކިޔައިދޭނަމަ، އިންތިގާލީ މަރުހަލާގެ ތެރޭގައި ސިޔާސީ މަގާމުތައް 200 އަށް ވުރެ ގިނަ ނުވާނެ ކަމަށް ބުނެ ވެރިކަމަށް އައި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުނުއިރު ފެނުނީ ސިޔާސީ މަގާމުތައް ހާހުން މަތީގައި އުޅުނު ތަނެވެ. މި ސަރުކާރުން ބުނަނީ އެ އަދަދު 700 އިން މަތި ނުވާނެ ކަމަށެވެ.

އެކަމަކު މިއަދާ ހަމައަށް ހަމައެކަނި މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓްރީތަކުގައި ނައިބުންގެ ގޮތުގައި ވެސް މަދުވެގެން 305 މީހުން އެބަ ތިއްބެވެ. އެ މީހުންގެ މުސާރައަށް މަހެއްގެ މައްޗަށް 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ އެވެ. އެއީ އަހަރަކު 156 މިލިއަން ރުފިޔާ އެވެ. ފަސް އަހަރަށް ބަލާއިރު 780 މިލިއަން ރުފިޔާ އެވެ.

މިއީ ހަމައެކަނި ސަރުކާރުގެ އެންމެ މަތީ ފެންވަރުގައި ތިބި މިނިސްޓަރުންނަށް ހަރަދުވާ ވަރެވެ. މީގެ ތެރެއަށް ސަރުކާރު ކުންފުނިތަކުގެ އެމްޑީންނާއި ޕޮލިޓިކަލް ޑިރެކްޓަރުންނަށް ލާފައި ތިބި މީހުންގެ މުސާރަތައް އެއްކޮށްލައިފިނަމަ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފަސް އަހަރުގެ ތެރޭގައި ހަރަދުވާނެ އެވެ. މިއީ މަދު އަދަދެއްގެ ފައިސާއެއް ނޫނެވެ. ސަރުކާރުގެ މަތިބަރޭ މި ބުނަނީ މިހެންވެ އެވެ.

އިސްރާފު ކުޑަކުރަން މަސައްކަތް ކުރާ މަންޒަރެއް ނުފެނޭ

ސަރުކާރުން މިހާރު އެންމެ ގަދައަށް ދައްކަމުންދާ ވާހަކައަކީ މި ސަރުކާރުގެ މާލީ އެޖެންޑާއަށް ބައިނަލްއަގުވާމީ ތައުރީފު ލިބެމުންދާ ވާހަކަ އެވެ. އެގޮތުން ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ވަފުދުތަކުން ރާއްޖެ އައިސް ސަރުކާރާ ބައްދަލުކޮށް ކުރެވުނު މަޝްވަރާތަކަށް ފަހު، ދައުލަތުގެ މާލިއްޔަތު ރަނގަޅުކުރަން ސަރުކާރުން ރާވާފައިވާ ކަންކަމަށް އެ އިދާރާތަކުން ރުހިގަބޫލުވެފައިވާ ސަރުކާރުން އަންނަނީ ބުނަމުންނެވެ.

އެ މާލީ އެޖެންޑާގައި ހިމެނޭ ކަންކަމުގެ ތެރޭގައި ހިމެނެނީ ސަރުކާރާއި މުޅި ދައުލަތަށް ބޮޑު މާލީ ބުރައަކަށް ވެފައިވާ ދެކޮޅު ނުޖެހޭ އެސްއޯއީތައް ކޮޅަށް ޖެހުމާއި މުތުލަގަށް އެންމެނަށް ލިބޭ ސަބްސިޑީ އެ ބޭނުންވާ ބަޔަކަށް ލިބޭނެ ގޮތް ހެދުމާއި ދިވެހިންގެ ސިއްހީ ފަރުވާގެ ކަންކަމަށް އޮންނަ އާސަންދަ ސްކީމުގެ އިސްރާފުތައް ހުއްޓުވުމުގެ އިތުރުން ފައިސާ ޗާޕުކުރުން ހުއްޓާލުމެވެ.

އެއީ ކުރީ ސަރުކާރުން ތައްޔާރުކުރި ބަޖެޓު ފޮތުގައި ޖެހި ކަންކަމެވެ. އެ ހުރިހާ ކަމަކީ ވެސް އޭގެ ކުރީގެ ބަޖެޓު ފޮތްތަކުގައި ވެސް ޖަހާ، އެކި ސަބަބުތަކާ ހުރެ އެ ސަރުކާރަށް ތަންފީޒު ނުވެ ނުވަތަ ތަންފީޒުނުކޮށް ހުރި ކަންކަމެވެ. މި ސަރުކާރުން އައިސް ކުރި ކަމަކީ އެ ސިޔާސަތުތަކަށް ބަދަލު ނުގެނެސް ތަންފީޒުކުރަން ނިންމުމެވެ.

މިއިން ކަމެއް އަދި ތަންފީޒުވެފައި ނުވާއިރު، ސަރުކާރަށް 100 ދުވަސް ވެގެން ދިޔަ އިރު އަދި ރަނގަޅު ޕްލޭނެއް ނުދެއްކެ އެވެ. ހާއްސަކޮށް އިންތިގާލީ މަރުހަލާގެ ތެރޭގައި އެންމެ މައްސަލަ ބޮޑު ކަމަށް ފާހަގަކުރި ދައުލަތުގެ ކުންފުނިތައް ހަމަ މަގަށް އަޅުވަން ކުރާ މަސައްކަތެއް ނުފެނެ އެވެ. އާސަންދައަށް ބަލާއިރު ހަރަދު ކުޑަކުރަން އެޅި ފިޔަވަޅެއް ފެންނަން ނެތަސް އާސަންދައިގެ ތެރޭގައި އިތުރު ކަންކަން ހިމަނައި އިތުރަށް ހަރަދު ބޮޑުވާ ކަންކަން ކޮށްފި އެވެ.

އާމްދަނީ އިތުރުކުރަން ކުރި ކަމެއް ނެތް

ސަރުކާރަށް 100 ދުވަސް ވެގެން އައި އިރު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާޑުކިޔުންތެރިން ފާހަގަކުރަމުން އަންނަނީ ސަރުކާރުގެ އާމްދަނީ އިތުރުނުކޮށް ހަރަދުތައް ކުރަމުން ދިޔުމެވެ. އިގުތިސާދު ތަދު ކަމަށާއި ފައިސާ ނެތް ކަމަށް ބުނި ނަމަވެސް އާމްދަނީ އިތުރުކުރަން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ބުނާ ކިޔާ ފާޑުގެ އަޑު ގަދަ އެވެ.

ސަރުކާރުން ބުނާ ގޮތުގައި ރާއްޖޭގެ އިގުތިސާދު ފުޅާކުރަން ގެންގުޅޭ ތަސައްވުރުގައި ބައިވެރިވާނީ ބޭރު ގައުުމުތަކާއި ވިޔަފާރިވެރިންނެވެ. އެގޮތުން ރާއްޖޭއިން ބޭރަށް މިހާތަނަށް ކުރެއްވި ދަތުރެއްގައި ވެއްޖިއްޔާމުން އިންވެސްޓަރުންނާއެކީ ފޯރަމްތައް ބާއްވައި، އިންވެސްޓަރުންނަށް ސަރުކާރުގެ މަޝްރޫއުތައް ހުށަހަޅާފައިވެ އެވެ. ނަމަވެސް މިހާތަނަށް މިއިން ފޯރަމަކުން އިންވެސްޓްމަންޓެއް ލިބުނު ކަމެއް ސާފެއް ނޫނެވެ.

އެހެން ނަމަވެސް ސަރުކާރުގެ ބިޔަ މަޝްރޫއުތަަށް ބޭރު ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ. މީގެ ތެރެއިން ބައެއް މަސައްކަތްތައް ފަށަން ކުރަން ޖެހޭ ދިރާސާތަކުގެ މަސައްކަތް ފަށައިފި އެވެ. އަދި އެހެން ބައެއް މަޝްރޫއުތައް ހިންގަން ވެސް ހަވާލުކޮށްފި އެވެ. އެކަމަކު ގިނަ އިންވެސްޓަރުންނަށް އެވަރުގެ ޕްރޮޖެކްޓެއް ހިންގޭނެ ކަމާ މެދު މިހާރު ވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ.

އެކަމަކު ވެސް ސަރުކާރުންދޭ ޔަގީންކަމަކީ ރައީސް މުއިއްޒުގެ ދުރު ތަސައްވުރުން ރާއްޖެ މި ވެއްޓިފައިވާ އަނދަވަޅުން ނަގާނެ ކަމަށެވެ. ނަމަވެސް ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ފެންނަނީ އަ ވަޅުގަނޑަށް ފަސް އެޅުމުގެ ބަދަލުގައި އިތުރަށް ކޮނެ އަޑިއަަށް ވަންނަމުންދާ މަންޒަރެވެ. ހަރަދު ކުޑަކުރަން އެކަށީގެންވާ ފިޔަވަޅުތައް ނާޅައި އިންތިހާބަށް ރައްޔިތުންނަށް ތަރައްގީ ވިއްކަން ނިކުމެ އުޅޭ މަންޒަރެވެ.

މިހާތަނަށް ހަރަދު ކުޑަކުރަން އެޅި ފިޔަވަޅަކީ ކުރީ ސަރުކާރުން ގެންގުޅުނު 35،000ރ. ގެ ސާކިއުލާ އަލުން އިއާދަކުރި މަންޒަރެވެ. އެކަމަކު އިގުތިސޯދަށް މިވަގުތަށް އެއަށް ވުރެ ބޭނުންޖެހިފައި ވަނީ ލިބޭ އާމްދަނީން ދެކޮޅު ނުޖެހި އޮތް ބަޖެޓުގެ ޑެފިސިޓު ފޫބެއްދުމެވެ. ހިންގާ ތަރައްގީގެ ޕްރޮޖެކްޓުތައް ތަންކޮޅެއް ރޭވުންތެރިކަމާއެކީ ހިންގާ އިގުތިސޯދަށް ފައިސާ ވަންނަ މަޝްރޫއުތަކަކަށް ހެދުމެވެ.

ހަމައެހެންމެ، ސަރުކާރުގެ ތަސައްވުރާ ވިދާޅުވާ ބަސްފުޅާ އަމަލާ ފައްތަރުވާން އެބަޖެހެ އެވެ. މިސާލަކަށް ރައީސް މުއިއްޒު ޗެމްޕިއަން ކުރައްވަމުން ގެންދަވާ ރާއްޖޭގެ 20 އަހަރުގެ މާސްޓާޕްލޭނެވެ. މި މާސްޓާޕްލޭނަކީ ހަމައެއް ލަމައެއް ނެތި ހިންގާ ތަރައްގީ ހުއްޓުވާ، ދުރު ރާސްތާގެ ޕްލޭނެއްގެ ދަށުން ރާއްޖެ ތަރައްގީކުރަން ގާނޫނީ ބާރުވެރިކަމާއެކީ ރައްޔިތުންނާ ހަމައަށް ގެނެސްދެއްވަން ރައީސް ވައުދުވެފައިވާ ޕްލޭނެކެވެ.

އެކަމަކު މި ތަރައްގީގެ ޕްލޭނު ނުނިމެނީސް މިހާރު ވެސް ރަށްރަށަށް ވަޑައިގެން އަގު ބޮޑެތި އެއާޕޯޓުތަކާއި ބިން ހިއްކުމާއި އެހެން މިހެން މަޝްރޫއުތައް ހިންގާނެ ކަމަށް ވައުދު ވުމުގެ ބޭނުމެއް ނެތެވެ. ރައީސް އެ ވިދާޅުވާ ގޮތަށް ރައްޔިތުންނަށް ވިސްނައިދޭންވީ ރޭވުންތެރިކަމާއެކީ ކަންކަން ކުރަން މަޑުކުރިއްޔާމުން މާ ރަނގަޅު ވާނެ ކަމެވެ.

މިހާރު ހުރި މައްސަލަތައް އެ ނޫން ގޮތަކަށް ހައްލުވާ މަންޒަރެެއް ނުފެނެ އެވެ. ފެންނަނީ ބުރު ވަށައިގެން އެނބުރޭ ތަނެވެ. މާލީ ގޮތުން ބުރަ ކަމަށް ވިދާޅުވާ ނަމަ، ކުރާ ކަންކަން ވެސް ހުންނަން ވާނީ އެ މަގަށެވެ.