Advertisement

ގޯތި ދޭން ހުކުމް ކުރުމުންވެސް މިނިސްޓްރީން ޖަވާބެއް ނުލިބިގެން އެންމެ ފަހުން ޕަބްލިކް ފޯރަމަށް!

23 ފެބުރުވަރީ 2024 - 22:10 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް މުއިއްޒުއާ ސުވާލު ކުރެވޭ ޕަބްލިކް ފޯރަމްގެ ތެރެއިން. -- ފޮޓޯ؛ ރައީސް އޮފީސް


ގޯތި ދޭން ހުކުމް ކުރުމުންވެސް މިނިސްޓްރީން ޖަވާބެއް ނުލިބިގެން އެންމެ ފަހުން ޕަބްލިކް ފޯރަމަށް!

23 ފެބުރުވަރީ 2024 - 22:10 0

"ބިންވެރިޔާ" ސްކީމްގެ ދަށުން ޝަރުތު ހަމަ ނުވާ ކަމަށް ކަނޑައެޅި މީހަކަށް ގޯތި ދޭން ސިވިލް ކޯޓުން ހުކުމް ކުރުމުންވެސް ހައުސިން މިނިސްޓްރީން ޖަވާބެއް ލިބިފައި ނުވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ސުވާލު ކުރެވޭ ޕަބްލިކް ފޯރަމްގައި ބައިވެރިވެ، ސީދާ ރައީސްއަށް އެ ފޯރަމްގެ ބައިވެރިޔަކު ޝަކުވާ ހުށަހަޅައިފި އެވެ.

ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ކ. މާލެ، ދަފްތަރު ނަންބަރު: 234، ފާތިމަތު އަހްމަދަށް ގޯތި ނުލިބޭނެ ކަމަށް ނިންމީ ގޯސްކޮށް ކަމަށް ހުކުމް ކުރީ ޑިސެމްބަރު 10، ގައި ސިވިލް ކޯޓުންނެވެ.

މިކަމާ ގުޅޭގޮތުން ފާތިމަތު އަހުމަދު ރައީސް މުއިއްޒުއާ ކުރެއްވި ސުވާލުގައި ވަނީ ކޯޓުން ހުކުމް ކުރިތާ ތިން މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ސަރުކާރުގެ ފަރާތުން ޖަވާބެއް ލިބިފައި ނުވާ ކަމަށާއި، ހައުސިން މިނިސްޓަރުގެ އެޕޮއިންޓްމަންޓަށް އެދޭތާ ދެ މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމުގެ ޝަކުވާ ކޮށްފަ އެވެ.

"ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ކުރިމަތިލައިގެން ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅުމުން ހުރިހާ ލިޔެކިޔުމެއް ކޯޓަށް ހުށަހެޅުމުން މިނިސްޓްރީގެ ނިންމުން ބާތިލު ކަމަށް ނިންމައި، ގޯތި ދިނުމަށް ހުކުމް ކޮށްފައި އޮތީ," ފާތިމަތު ބުންޏެވެ.

ފާތިމަތު އަހުމަދުގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ލިޔެކިޔުންތައް މިނިސްޓްރީން ބައްލަވަން ޖެހޭނެ ކަމަށާއި، ލަސްވެގެން ދިޔަ ކަމަށްޓަކައި މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ކުރު ޖަވާބަކީ ސަރުކާރުން ޝަރުއީ ދާއިރާއިން ނިންމާ ކަންކަމަށް އިހުތިރާމު އަދާކުރާނެ. ޝަރުއީ ދާއިރާއަކާ ސަރުކާރުން ނުބެހޭނެ އަދި ނުފޫޒެއްވެސް ނުފޯރުވާނެ. ޝަރުއީ ދާރިއާއިން ނިންމާ ކަމެއް އެއީ ރައްޔިތުންގެ ހައްގާ ގުޅިފައިވާ ކަމެއް ވެއްޖެއްޔާ އަމުދުން އެކަން އަވަސްކޮށްދިނުމަށް މަސައްކަތް ކުރާނަން," ރައީސް މުއިއްޒު ވިދާޅުވި އެވެ.

އޭގެއިތުރުން ފާތިމަތު ބުނި ގޮތަށް ކަންތައްތައް ހިނގައިގެން ގޮސްފައިވާނަމަ ގޯތި އޭނާއަށް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް މުއިއްޒު ވަނީ ދެއްވާފަ އެވެ.

ސިވިލް ކޯޓުގެ ހުކުމް

މިނިސްޓްރީން އެންމެ ފުރަތަމަ އިއުލާނު ކުރި ވަގުތީ ލިސްޓުގައި އޭނާގެ ނަން ހިމަނާފައި ނުވާއިރު އެކަމާ ގުޅިގެން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް އޭނާ އެ މިނިސްޓްރީއަށް ފޯރުކޮށްދީފައިވެ އެވެ.

އޭނާގެ މާލޭގެ ރަށްވެހިންގެ ރެޖިސްޓްރީ އާއި އުފަން ދުވަހުގެ ސެޓިފިކެޓު ހުށަހެޅުމުން ވެސް މިނިސްޓްރީގެ ނިންމުން ބާތިލުވާނެ އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައި ނުވާ ކަމަށް ސިވިލްކޯޓުގެ ހުކުމުގައި ވެ އެވެ. ހުކުމުގައިވާ ގޮތުން ދާއިމީ ލިސްޓުގައި ވެސް އޭނާގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ހައުސިން މިނިސްޓްރީން އޮތީ ކަނޑައަޅައިފަ އެވެ.

އެކަމާ ގުޅިގެން އޭނާ ސިވިލް ކޯޓުގައި ދައުވާ ކުރީ އޭނާގެ އައިޑެންޓިޓީ ސައްހަ ކުރުމަށާއި, މިނިސްޓްރީގެ ނިންމުމުގެ ސަބަބުން ގެއްލިގެންދާ ހައްގުތައް ހޯދައިދިނުމަށް އެދި އެވެ.

ސިވިލް ކޯޓުގެ ގާޒީ ފައިސަލް އާދަމް ޑިސެމްބަރު 10, ގައިކުރެއްވި ހުކުމުގައި ވަނީ ފާތިމަތު އަހްމަދުއަކީ "ބިންވެރިޔާ" ސްކީމަށް ޝަރުތު ހަމަވާ މީހެއް ކަމަށް ކަނޑައަޅައި, އެހެން މީހުންނަށް ގޯތި ހަވާލުކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތްތަކުގެ ދަށުން އޭނާއަށް ވެސް ގޯތި ދިނުމުގެ ކަންކަން ހަމަޖައްސައިދިނުމަށެވެ.