Advertisement

ޔާމީންގެ އިސްތިއުނާފު މައްސަލަ ލަސްވާތީ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފި

22 ފެބުރުވަރީ 2024 - 14:15 0

ނިމާ ހަސަން

ނިމާ ހަސަން

ޔާމީންގެ ވަކީލުން; އިސްތިއުނާފު މައްސަލަ ލަސްވާތީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައިވޭ -- ފޮޓޯ: މިރާޝް/ އަދަދު


ޔާމީންގެ އިސްތިއުނާފު މައްސަލަ ލަސްވާތީ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފި

22 ފެބުރުވަރީ 2024 - 14:15 0

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން ލަސްވާތީ އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހައި ކޯޓުގައި މިހާރު ކުރިއަށް ދަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އަތޮޅު އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މަރުހަލާ އެވެ.

އެ މުއާމަލާތުގައި، ޔާމީން 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލި ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އަދަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން އިއްވީ 11 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ އެކެވެ.

އެ މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މީގެ ތިން މަސް ކުރިން ނޮވެމްބަރު 21, 2023ގަ އެވެ. އެ ދުވަހު ކުރިއަށް ގެންދިޔައީ މައްސަލައިގެ ފަހު ބަސް އިއްވުމެވެ. ދެން އޮތީ ހުކުމް އިއްވުމެވެ.

އިސްތިއުނާފު މައްސަލަ ލަސްވާތީ ޔާމީންގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ބުނީ, އިންތިހާބާ ދިމާކޮށް ޔާމީންގެ މައްސަލައިގެ އިސްތިއުނާފު ލަސްވި ނަމަވެސް އެމަނިކުފާނުގެ މައްޗަށް ކުށެއް ސާބިތުކުރަން ބޭނުންވީމަ އަވަސް އަވަހަށް ޝަރީއަތްތައް ހިންގައި ހުކުމް ޖަހާތަން ފެންނަ ކަމަށެވެ.

"ރައީސް ޔާމީނަށް މިއަދު ގާނޫނުގެ ރައްކާތެރިކަމާއި ހަމަހަމަކަން ޖުޑީޝަރީން ކަށަވަރުކޮށްދޭ ކަމަކަށް ގަބޫލެއް ނުކުރެވޭ" ވަކީލުންގެ ޓީމުގެ ފަރާތުން އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވި އެވެ.

އެގާރަ އަހަރުގެ ޖަލުހުކުމެއް އޮތް ނަމަވެސް ޔާމީނު މިހާރު ހުންނެވީ ރަށު ބަންދުގަ އެވެ. ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ސޯލިހަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު ޔާމީނު ފުރަތަމަ ބަދަލުކުރީ ގޭބަންދަށެވެ. ފަހުން އިތުރު ލުއިތައް ދީ، މިހާރު ހުންނެވީ މާލޭގެ ގިނަ ތަންތަނަށް ވަޑައިގެންނެވޭ ގޮތަށެވެ.