Advertisement

ކުރީގެ ނައިބު ރައީސް ފައިސަލް އެމްޑީޕީއަށް ސޮއިކޮށްފި

22 ފެބުރުވަރީ 2024 - 12:57 1

ނިމާ ހަސަން

ނިމާ ހަސަން

ސޯލިހު އާއި ފައިސަލް ފޯމު ހަވާލުކުރާއިރު ކައިރީގައި ފައްޔާޒު. ފައިސަލްގެ ސިޔާސީ ހަޔާތުގައި ގިނަ ދުވަސް ހޭދަކުރެއްވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު


ކުރީގެ ނައިބު ރައީސް ފައިސަލް އެމްޑީޕީއަށް ސޮއިކޮށްފި

22 ފެބުރުވަރީ 2024 - 12:57 1

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް މިއަދު ސޮއިކުރައްވައިފި އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު އެ ޕާޓީއަށް ސޮއިކުރެއްވުމަށް ފަހު ފައިސަލްގެ ފޯމާ ހަވާލުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އެ ބޭފުޅުންގެ އަރިހުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އަދި އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދު ވެއް ތިއްބެވި އެވެ.

"އަޅުގަނޑަކީ އަބަދުވެސް އެމްޑީޕީ ފިކުރުގެ, ސިޔާސަތުގެ މީހެއް. އެއީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރެވޭނީ ރައްޔިތުންނަށް ހިތްހަމަޖެހޭ މިންވަރަށް ހިދުމަތް ކުރެވޭނީ މި ފިކުރުން. ރައްޔިތުންނާ މި ފިކުރު ގާތީ," ފައިސަލް ވިދާޅުވި އެވެ.

އާ ގާނޫނު އަސާސީގެ ދަށުން ވެރިކަމުގެ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ އަދި ހަމައެކަނި ނައިބު ރައީސް އަކީ ފައިސަލް އެވެ. އޭނާ ނައިބު ރައީސްކަން ކުރެއްވީ އެމްޑީޕީ އިސްވެ އޮތް ކޯލިޝަން ސަރުކާރެއްގަ އެވެ.

ފައިސަލް ވިދާޅުވީ އޭނާ އަށް ނައިބު ރައީސް ކަމަށް ވަޑައިގެންނެވުނީ ރައްޔިތުންގެ މަޖިލީހުގެ އަދި ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވުމުން ކަމަށެވެ.

"އަޅުގަނޑުގެ ނެތް އެހާބޮޑު ދަހިވެތިކަމެއް, ދެން ކުއްލިއަކަށް އަޅުގަނޑަށް އެންމެ މޮޅު ގޮތް ލިބޭނީ އެމްޑީޕީއަށް ސޮއި ކުރީމައޭ. އެ ވިސްނުމަށްވުރެ ބޮޑަށް ބެލީ ޖުމްހޫރީ ޕާޓީގައި ހުރެގެން ދައުރު ނިންނުމަށް," މިހާރު އެމްޑީޕީއަށް ސޮއިކުރެއްވީ ކީއްވެތޯ ސުވާލު ކުރުމުން ފައިސަލް ވިދާޅުވި އެވެ.

އެމްޑީޕީގެ ފޯމުގައި ފައިސަލް އިނގިލީގެ ނިޝާން ޖައްސަވަނީ. އޭނާގެ ފޯމާ ހަވާލުވީ ސޯލިހު --- ފޮޓޯ: އަބްދުالله އިޔާން/އަދަދު


އޭނާ ސިޔާސީ ހަޔާތް ފެއްޓެވީ ވެސް މިވަގުތު އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީންނެވެ. ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގަތީ މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވިއިރު، 2005 ގަ އެވެ. ނަމަވެސް 2008 ގެ ފަހުކޮޅު ޖޭޕީއާ ގުޅިވަޑައިގަތެވެ.

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރަކަށް ފައިސަލް ހޮވިވަޑައިގަތީ ޖޭޕީގެ މެމްބަރެއްގެ ގޮތުގަ އެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވިއިރު، އެ މަނިކުފާނުގެ ރަނިންމޭޓަކަށް ވުމަށް ޖޭޕީގެ ކައުންސިލްގައި ނެގި ވޯޓު ކާމިޔާބު ކުރެއްވީ ފައިސަލް އެވެ.

އޭނާ ޖޭޕީން ވަކިވެވަޑައިގެންނެވީ ވެރިކަމުގެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު, ޖެނުއަރީ 21, 2024, ގަ އެވެ. އެމްޑީޕީން މާލެ ސިޓީގެ ކައުންސިލަށް ކުރި ކެމްޕޭނުގައި ވެސް އަމަލީ ގޮތުން ފައިސަލް ބައިވެރިވެވަޑައިގެންނެވި އެވެ.

އުމުރުން 50 އަހަރުގެ ފައިސަލް ސިޔާސީ ދާއިރާއާ ގުޅިވަޑައިގެންނެވުމުގެ ކުރިން، ޒުވާން ދުވަސްވަރުން ފެށިގެން ހޭދަކުރެއްވީ ރިސޯޓު ދާއިރާގަ އެވެ. ކުރެހުމާއި ޑިޒައިން ކުރެއްވުމުގެ މަސައްކަތް ވެސް އެމަނިކުފާނު ކުރައްވަ އެވެ.