Advertisement

މިހިރީ ހުރިހާ ވައުދެއް ފުއްދުމުގައި، އެންމެ ތަންފުކެއް ވެސް ފަރުވާކުޑަ ނުކުރާނަން: ރައީސް

22 ފެބުރުވަރީ 2024 - 11:36 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅުދައްކަވަނީ. އެމަނިކުފާނު ހުވަދުއަތޮޅަށް ވަޑައިގެންނެވީ އައްޑުއާއި ފުވައްމުލަކަށް ފަހު -- ފޮޓޯ: ރައީސް އޮފީސް


މިހިރީ ހުރިހާ ވައުދެއް ފުއްދުމުގައި، އެންމެ ތަންފުކެއް ވެސް ފަރުވާކުޑަ ނުކުރާނަން: ރައީސް

22 ފެބުރުވަރީ 2024 - 11:36 0

ވެވަޑައިގެންނެވި ހުރިހާ ވައުދުތަކެއް ފުއްދުމުގައި ދެމި ހުންނަވާނެ ކަމަށާއި، އެއްވެސް ވަރަކަށް ފަރުވާކުޑަ ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށުގައި މިއަދު ބޭއްވެވި ޖަލްސާގައި ރައީސް ދެއްވީ އެމަނިކުފާނު ވެވަޑައިގަނެފައިވާ ބޮޑެތި ވައުދުތަކުގެ "އަދާހަމަ" އެވެ. އެއާ އެކު އެމަނިކުފާނު ވިދާޅުވީ ވައުދުތައް ފުއްދުމުގައި ދެމިހުންނަވާނެ ކަމަށާއި ފަރުވާކުޑަނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"ހުރިހާ ވައުދެއް ފުއްދުމުގަ އަޅުގަނޑު މިހިރީ. އެންމެ ތަންފުކެއް ވެސް ފަރުވާކުޑަ ނުކޮށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މުއިއްޒު ވެވަޑައިގެންނެވި އެއް ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަށް ވެވަޑައިގެންނެވި ވައުދެެވެ. އެ ވައުދު ފުއްދުމަށް ކުރައްވާ މަސައްކަތުގެ ތަފްސީލު ދެއްވަމުން މިއަދު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވައިލަން އިންޑިއާ ސަރުކާރާއިއެކު އެއްބަސްވެ، ތާރީހު ކަނޑައެޅިފައިވާ ކަަމަށެވެ.

ކެމްޕޭނުގައި ވެވަޑައިގެންނެވި އަނެއް ވައުދަކީ ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން އެ ޖަޒީރާތަކާ ރާއްޖެއާ ދެމެދު ކަނޑުގެ އިން ވަކި ކުރި އިރު ގެއްލުނު ކަމަށް ބުނާ ކަނޑުގެ ސަރަަހައްދު އަނބުރައި ހޯދުމަށް ވެވަޑައިގެންނެވި ވައުދެވެ. މިއަދު ވިދާޅުވީ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމަށް ކަމުގެ މާހިރުންނާއި މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

ވެރިކަމަށް ވަޑައިގެންނެވި އިރު ގައުމު އޮތް އިގުތިސާދީ އޮތީ އަނދަވަޅެއްގައި ކަމަށް ވިދާޅުވެ، އަނދަވަޅުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް މިއަދު ވިދާޅުވި އެވެ. ވިދާޅުވީ ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު، ބައިނައްލަގުވާމީ ދަރަނީގެ ގޮތުގައި އޮތް 120 ބިލިއަނުގެ އިތުރުން، ދިވެހި ރައްޔިތުންނަށް ސަރުކާރުން ދޭންޖެހޭ ނުވަ ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށެވެ.

"މިކަހަލަ އެތައް އިގުތިސާދީ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަން މިއޮތީ. އެ މަސައްކަތްތައް މި އޮތީ ފަށާފަ ދަރަނި ދައްކަމުން. އެއީ އެތެރެއާ ބޭރުގެ. މިދެންނެވި 120 ބިލިއަންގެ ބޭރު ދަރަންޏާ، އާންމު ރައްޔިތުންނަށް ދޭން ހުރި ނުވަ ބިލިއަން ރުފިޔާގެ ދަރަންޏާ ހަވާލުވެގެން އަޅުގަނޑުމެން މިތިބީ ފަށާފަ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އޭގެ ތެރޭގައި ސަބްކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ ފައިސާގެ އިތުރުން މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވެސް ހިމެނޭކަމަށާއި، މި ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 442 މިލިއަން ރުފިޔާ ހަވާލުކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ ވާހަކަފުޅުތަކާ އެކު ރައީސް ގޮވައިލެއްވީ އެމަނިކުފާނާއިއެކު މަސައްކަތް ކުރާނެ، ވައުދުތައް ފުއްދާނެ ބަޔަކު ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ހޮވުމަށެވެ.

"އަޅުގަނޑު އުންމީދުކުރަނީ ދެން ރައްޔިތުންގެ މަޖިލީހަށް ތިބޭފުޅުން ހޮވައިދޭނީ، މިދިޔަ ތިން މަހުގެ ތަޖުރިބާއިން ރައްޔިތުން އަޅުގަނޑާއި ހަވާލުކުރި ޒިންމާ އަދާކޮށްދޭނެ ވަރުގެ މަޖިލީހެއް ކަމަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ގއ. ކޮލަމާފުށި އަދި ދާންދޫއަށް ވެސް ވަޑައިގަންނަވާނެ އެވެ.