Advertisement

ވިލިނގިލީގައި 750 މިލިއަން ޑޮލަރުގެ އެއާޕޯޓެއް އަޅަން "ފެންވަރު ބެލުމުގެ ފަހުމުނާމާއެއްގައި" ސޮއިކުރަނީ

22 ފެބުރުވަރީ 2024 - 09:33 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ބްރިޖުގެ މަސައްކަތް ރައީސް އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ބައްލަވާލައްވަނީ.


ވިލިނގިލީގައި 750 މިލިއަން ޑޮލަރުގެ އެއާޕޯޓެއް އަޅަން "ފެންވަރު ބެލުމުގެ ފަހުމުނާމާއެއްގައި" ސޮއިކުރަނީ

22 ފެބުރުވަރީ 2024 - 09:33 1

ގއ. ވިލިނގިލީގައި 750 މިލިއަން ޑޮލަރުގެ އެއާޕޯޓަކާއި އެ އަތޮޅުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށް ހުށަހަޅާފައިވާ ކުންފުންޏަށް އެ މަސައްކަތް ކުރެވޭތޯ ފެންވަރު ބެލުމުގެ ފަހުމުނާމާގައި މިއަދު ސޮއިކުރަން ނިންމައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އޮންނަ ރަސްމިއްޔާތުގައި އެ މަޝްރޫއުގެ އިންވެސްޓްމަންޓް އެޕްރައިޒަލް (ފެންވަރު ބެލުމުގެ) މަސައްކަތުގައި ސޮއިކުރާނެ އެވެ.

މި ފަހުމުނާމާގައި ރާއްޖޭގެ ފަރާތުން ސޮއިކުރާނީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު އެވެ. ބެސިކްސް ކުންފުނިން ސޮއިކުރާނީ އެ ކުންފުނީގެ ބިޒްނަސް ޑެވެލޮޕްމަންޓް މެނޭޖަރު ސަވް ޑޮލޮމަންސް އެވެ.

ގދ. ތިނަދޫގައި 600 މިލިއަން ޑޮލަރުގެ އެއާޕޯޓެއް އަޅަން ތައިލޭންޑްގެ ޕޭން ޕެސިފިކް ކުންފުންޏާ އެކު ވެސް ސަރުކާރުން ވަނީ އަންގާރަ ދުވަހުގެ ރޭ ސޮއިކޮށްފަ އެވެ. "އަދަދު" ނޫހުން ކުރި ތަހުގީގުން ވަނީ މި ކުންފުންޏަކީ އެއާޕޯޓު އެޅުމަށް ގާބިލުކަން ނެތް ކުންފުންޏެއްކަން ސާބިތުވެފަ އެވެ.

ވިލިނގިލީގައި އަޅާ އިންޓަނޭޝަނަލް އެއާޕޯޓާ އެކު ހުވަދޫ އަތޮޅުގައި ހަ އެއާޕޯޓެއް އޮންނާނެ އެވެ. މިހާރު ވެސް އެ އަތޮޅު ދެކުނުބުރީގައި ތިން އެއާޕޯޓު އޮތްއިރު އުތުރުބުރީގައި ހިދުމަތް ދެމުން އަންނަނީ އެއް އެއާޕޯޓުގަ އެވެ. ތިނަދޫ އެއާޕޯޓާއި މި އެއާޕޯޓު ނިމުމުން ޖޯގްރަފީގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު އަތޮޅު ކަމަށްވާ ހުވަދޫ އަތޮޅުގައި ދެ އިންޓަނޭޝަނަލް އެއާޕޯޓު އޮންނާނެ އެވެ.

މި މަސައްކަތް ކުރުމަށް ހުށަހަޅާފައިވަނީ ބެލްޖިއަމްގެ ބެސިކްސް އެސްއޭ ކުންފުންޏެވެ. މިއީ 1909 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ.

އެންމެފަހުން 2020 ގައި އާންމުކުރި މާލީ ހިސާބުތަކުން އެނގޭ ގޮތުގައި އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 3.8 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި, 12,000 އަށްވުރެ ގިނަ މުވައްޒަފުން އެ ކުންފުނީގައި މަސައްކަތް ކުރެ އެވެ.

މި ކުންފުނިން ވަނީ ޔޫއޭއީގެ ދުބާއީގައި ހުންނަ ބުރުޖު ހަލީފާ އެޅުމުގައި ވެސް ހަރަކާތްތެރިވެފަ އެވެ. އެއީ, އެ އިމާރާތް އެޅި ދެކުނު ކޮރެއާގެ ސެމްސަންގް ކޯޕަރޭޝަނާ އެކު ޖޮއިންޓް ވެންޗާއެއްގެ ތެރެއިންނެވެ.