Advertisement

ގާނޫނީ ވަކީލުކަމުގެ ހުއްދަ 30 ފަރާތަކަށް ދީފި

22 ފެބުރުވަރީ 2024 - 08:27 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

30 ފަރާތަކުން ގާނޫނީ ވަކީލު ކަމުގެ ހުވައި ކުރުމުގެ ތެރެއިން -- ފޮޓޯ: ބާ ކައުންސިލް


ގާނޫނީ ވަކީލުކަމުގެ ހުއްދަ 30 ފަރާތަކަށް ދީފި

22 ފެބުރުވަރީ 2024 - 08:27 0

މި އަހަރުގެ ފުރަތަމަ ބެޗުގެ ގޮތުގައި ގާނޫނީ ވަކީލުކަމުގެ ހުވައި ކުރެއްވި 30 ފަރާތަކަށް އެ ދާއިރާގައި މަސައްކަތް ކުރުމުގެ ހުއްދަ ބާ ކައުންސިލުން ދީފި އެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ވަކީލުކަމުގެ ހުއްދަ ލިބޭ ފަރާތްތަކަށް ގާނޫނީ ހުވައި ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ. އެ ފަރާތްތަކަށް ގާނޫނ ވަކީލުގެ ހުއްދަ ހަވާލުކޮށް ދެއްވީ ބާ ކައުންސިލްގެ ނައިބު ރައީސް މިޒުނާ އަހުމަދު އެވެ.

އެ ރަސްމިއްޔާތުގައި މިޒުނާ ވިދާޅުވީ ގާނޫނީ ވަކީލުންނަކީ އަދުލުވެރި، އިންސާފުވެރި، އަދި ގާނޫނީ ވެރިކަން ނެގެހެއްޓުމުގައި ޒިންމާދާރުކަމާއި މިނިވަންކަމާއެކު މަސައްކަތް ކުރަން ބައެއް ކަމަށެވެ.

"ވަކީލުންނަކީ މަސައްކަތަށް ފަރުވާތެރި، ރަނގަޅު ސުލޫކާ އަހުލާގެއްގެ ބަޔަކަށް، ދާއިރާއަށް ވަނުމުގެ ޝައުގުވެރިވާ އެހެން ފަރާތްތަކަށް ނަމޫނާއަކަށް ވާނެ ކަމަށް އުންމީދުކުރަން" މިޒުނާ ވިދާޅުވި އެވެ.

ވަކީލުންގެ ފެންވަރު ރަނގަޅު ކުރުމުގެ އިތުރުން ހުނަރާއި ފަންނު އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރުމަށް ވެސް މިޒުނާ ވަނީ ނަސޭހަތްތެރިވެވަޑައިގަތެވެ.

ގާނޫނީ ފަންނުގެ ގާނޫނު އައި ފަހުން ބާ ކައުންސިލުން ވަނީ ކޮލިފައިންގް ލޯ ޑިގްރީގެ އަސާސީ ޝަރުތު އެކުލަވާލައި، 2022 އިން ފެށިގެން ކޮންމެ އަހަރަކު އެއް ފަހަރު އިންތިޒާމުކުރާ ބާ ކައުންސިލްގެ އިމްތިހާނު ބާއްވައި، މި އަހަރު އަމަލުކުރަން ފަށާ ލައިސަންސިންގް ޓްރެއިނިންގެ އަލްޓަނޭޓިވް ރޫޓުތައް ތައާރަފްކޮށްފަ އެވެ.

މިކަންކަމަކަށް އަލިއަޅުއްވާލައްވައި ގާނޫނީ ފަންނު ކުރިއަރުވައި، ލައިސަންސިންގެ ނިޒާމަކީ ފެންވަރު ރަނގަޅު، ބައިނަލްއަގުވާމީ ދުނިޔެ ބަލައިގަންނަ ނިޒާމަކަށް ހެދުމަށްޓަކައި ބާ ކައުންސިލުގެ ރައީސް އަލްމަރުހޫމު އިސްމާއިލް ވިޝާމް ކޮށްދެއްވި މަސައްކަތްތައް މިޒުނާ ފާހަގަ ކުރެއްވި އެވެ.

ބާ ކައުންސިލުން ހުއްދަ ދީފައިވާ 700 އަށް ވުރެ ގިނަ ވަކީލުން އެބަ ތިއްބެވެ.