ވިލިނގިލީގައި ދެ ކެންޑިޑޭޓުން ރައީސްގެ ފޮޓޯއާއެކު ކެމްޕޭނު ކުރަނީ : ރައްޔިތުންނަށް ސަރުކާރު ކެންޑިޑޭޓަކީ ކޮބައިކަން ނޭނގޭ - ފޮޓޯ: އަދަދު
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިނގިލީ ދާއިރާއަށް ވާދަކުރާ ދެ ކެންޑިޑޭޓަކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފޮޓޯ ބޭނުންކޮށްގެން ކެމްޕޭން ކުރަން ފަށައިފި އެވެ.
ގއ.ވިލިނގިލިން "އަދަދު" އާ ވާހަކަ ދެއްކި، ޕީއެންސީގެ ބައެއް ސަޕޯޓަރުން ބުނީ ވިލިނގިލި ދާއިރާގެ ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރި ޔަޒްމީދު މުހައްމަދު އަދި ޕްރައިމަރީއިން ދެވަނައަށް ދިޔަ އާޒިމް އަބްދުލްއަޒީޒު ވެސް ދަނީ ކެމްޕޭނުގައި ރައީސްގެ ފޮޓޯ އަދި ޕީއެންސީގެ ކުލަތައް ބޭނުންކުރަމުން ގެންދާތީ މީހުންނަށް އޮޅުން އަރާ ކަމަށެވެ.
"އަހަރުމެންނަކަށް ނޭނގޭ ސަރުކާރު ކެންޑިޑޭޓެއް، ރައީސް މިއަދު މިރަށަށް ވަޑައިގެން އެކަން ސާފުކޮށްދެއްވަން ވާނެ" އެ ރަށުން ވާހަކަދެއްކި ޕީއެންސީގެ ސަޕޯޓަރަކު ބުންޏެވެ.
ޕީއެންސީގެ ޕްރައިމަރީއިން ބަލިވި އާޒިމް މަޖިލީހަށް ކުރިމަތިލީ އަމިއްލަގޮތުންނެވެ. ވިލިނގިލިން މައުލޫމާތު ދިން މީހުން ބުނި ގޮތުގައި ރަށުގެ ޕީއެންސީގެ އިސް ފަރާތްތަކުން ތިބީ އާޒިމާއެކު އެވެ.
ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދާއި ގއ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހިމް ޝިހާންގެ އިތުރުން ވިލިނގިލީ ދާއިރާގެ ޕީޕީއެމް ރައީސް އަދި ޕީޕީއެމް/ޕީއެންސީގެ ސިޓިއަރިން ކޮމެޓީ ރައީސް އަހުމަދު ރަޝާދު ވެސް ވަނީ އާޒިމަށް ތާއިދު ކޮށްފަ އެވެ.
މިކަމާ ގުޅިގެން ދެ ކެންޑިޑޭޓުންވެސް ބަހެއް ބުނަން ބޭނުމެއް ނުވެ އެވެ. ނަމަވެސް ޔަޒްމީދުގެ ކެމްޕޭނު ޓީމުން ނަން ނުޖެހުމަށް އެދި މައުލޫމާތު ދިން ފަރާތަކުން ބުނި ގޮތުގައި ސަރުކާރުގެ ތާއީދު އޮތީ އޭނާ އަށެވެ. އަދި މިރޭ އެކަން ސާފުވާނެ ކަމަށްވެސް ބުންޏެވެ.
ރައީސް ރަސްމީ ދަތުރެއްގައި މިއަދު ވިލިނގިއްޔަށް ވަޑައިގަންނަވާއިރު، ރައީސް މިނިސްޓަރުންގެ ފެންވަރުގައި އައްޔަނުކުރައްވާފައިވާ ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްްމަންޓު މުހައްމަދު އަލީ ޖަނާހު ދަނީ ޕީއެންސީގެ ކެންޑިޑޭޓާއެކު ވިލިނގިލީގައި ހަރަކާތްތެރިވަމުންނެވެ.
ރައީސްއަށް މަރުހަބާ ކިޔުމުގެ ގޮތުން ބަނދަރުގައިވެސް ދެ ކެނޑިޑޭޓުން ވަނީ ރައީސްގެ ފޮޓޯ ޖެހި ޕޯސްޓަރުތަކެއް ހަރުކޮށްފަ އެވެ. ވިލިނގިލިން "އަދަދު" އާ ވާހަކަދެއްކި ގިނަ މީހުން ބުނި ގޮތުގައި ދެ ކެންޑިޑޭޓުންވެސް ދަނީ ރައީސް އަދި ސަރުކާރުގެ ތާއީދު އޮތީ އެ ކެންޑިޑޭޓަށް ކަމަށް ބުނަމުންނެވެ.
Comment