20 ނޮވެންބަރު 2024 - 12:52 0
ސާއިފް ޝިޔާދު
20 ނޮވެންބަރު 2024 - 12:52 0
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް، ގާނޫނުއަސާސީ ބަދަލު ކުރަން ހުށަހަޅާފައިވާ ބިލާ މެދު ސަރުކާރު މެންބަރުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރުމާ ގުޅިގެން އެ ބިލަށް ބަދަލުތަކެއް ގެނެސް ފާސްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
މިއަދު ފުރަތަމަ ކިޔުން އިއްވައި އިބްތިދާއީ ބަހުސް ކުރިއަށްގެންދާ ބިލުގައި ސަރުކާރުން ވަނީ މައިގަނޑު ހަތަރު ބަދަލެއް ހުށަހަޅާފަ އެވެ. އޭގެ ތެރެއިން މެންބަރުންގެ ކަންބޮޑުވުން އޮތީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މަޖިލިސް މެންބަރުކަމުން ވަކިވާ ހާލަތްތަކާ ގުޅޭގޮތުންނެވެ.
ސަރުކާރުން ހުށަހެޅި ބިލުގައި އޮތީ "ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބުނާ ގޮތުގެ މަތިން ވަކިކުރުން", އެއީ މެންބަރުކަން ގެއްލޭނެ ހާލަތެއްގެ ގޮތުގަ އެވެ. ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ބ. ގެ 1 އަދި 2 ގައި ވެސް އިބާރާތް ކުރުމުގައި އޮތީ މިހެންނެވެ.
ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނޭ ގްރޫޕެއްގައި އެ ބިލަށް ގެންނަން ބޭނުންވާ ބަދަލު އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ ހިއްސާކުރައްވާފަ އެވެ.
"... އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީގެ ނިންމުމާކައި ހިލާފަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓު ދިނުމުގެ ސަބަބުން އެ ސިޔާސީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އެ މެންބަރަކު އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ވަކިކުރުން." ސަރުކާރުން އެ މާއްދާތަކުގެ އިބާރާތް ބަދަލުކުރަން ހުށަހެޅީ މިހެންނެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދަންނަވައިގެން ޑްރާފްޓް ކުރި ބަދަލެއް ކަމަށް އެމަނިކުފާނު ވަނީ އެ ގްރޫޕްގައި ވިދާޅުވެފަ އެވެ.
"އަޅުގަނޑު ޔަގީންކުރަން މިގޮތަށް ބަދަލުކުރީމާ ރަނގަޅުވާނެ ކަމަށް. އަޅުގަނޑު ދަންނަވައިގެން މިގޮތަށް ޑްރާފްޓް ކުރީ. މަޖިލިސް ތެރެއިން މިގޮތަށް އިސްލާހު ކޮށްލައިގެން ފާސްކޮށްދެއްވުން އެދެން," ރައީސް މުއިއްޒު މެންބަރުންނަށް ފޮނުއްވި މެސެޖުގައި ވިދާޅުވި އެވެ.
މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކަށް ގެންނަ ބަދަލު ހިމެނޭހެން ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ މެންބަރުންނަށް އެންގީ، މެންބަރުންނާއި ބައެެއް މިނިސްޓަރުންނާއެކު މުލިއާގޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބޭއްވި ބައްދަލުވުމެއްގަ އެވެ.
އެ އިސްލާހު ގެންނަން ބޭނުން ނުވާ މެންބަރުން ތިއްބެވިޔަސް، އެ ބައްދަލުވުމުގައި އެކަން ފާޅުގައި ވިދާޅުވީ މަދު މެންބަރެތަކެއް ކަމަށްވެ އެވެ. މިފަދަ އިސްލާހެއް ގެނައުމަށް ރައީސް ނިންމެވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވާ ބޭފުޅުންނާ ޗެލެންޖު ކުރެއްވިތާ ދެ ދުވަސް ފަހުންނެވެ.
Comment