Advertisement

ރައީސް އޮފީހުގައި ތަރުޖަމާނަކު ނެތި 50 ދުވަސް

20 ފެބުރުވަރީ 2024 - 11:49 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓް ވޯކް: އަދަދު


ރައީސް އޮފީހުގައި ތަރުޖަމާނަކު ނެތި 50 ދުވަސް

20 ފެބުރުވަރީ 2024 - 11:49 1

ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމު ހުސްވެފައި އޮންނަތާ މިއަދަށް 50 ދުވަސް ފުރިއްޖެ އެވެ.

އެ އޮފީހުގެ އިސް ތަރުޖަމާނެއްގެ ގޮތުގައި ހުންނެވި މުހައްމަދު ޝަހީބު އެ މަގާމުން ދުރުކޮށް އޭނާއަށް ފޮރިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފައިވަނީ މި އަހަރުގެ ފުރަތަމަ ދުވަހު އެވެ.

އިސް ތަރުޖަމާނުގެ މަގާމުން ޝަހީބު ވަކިކުރީ މަގާމަށް އައްޔަންކުރިތާ 18 ދުވަސް ފަހުންނެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައެއްނުވެ އެވެ.

ނަމަވެސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި ޝަހީބު، ސަރުކާރުގެ ތަރުޖަމާނުގެ މަގާމަށް އައްޔަން ކުރުމުން ނޫސްވެރިންގެ ފަރާތުން ފާޑުކިޔުން އަމާޒުވި އެވެ. އަދި އެ މަގާމުގައި ހުންނެވިއިރު ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށް ގެންދިޔަ ގޮތާމެދު ވެސް ބައެއް ނޫސްވެރިން ފާޑުކިޔެވެ.

ދައުލަތުގެ އެންމެ އިސް އޮފީހުގައި ތަރުޖަމާނަކު ނެތި 50 ދުވަސް ވެގެން ގޮސްފައިވާއިރު، މިކަމާ ގުޅިގެން "އަދަދު" އާ ވާހަކަ ދައްކަމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ ތަރުޖަމާނަކު ރައީސް އައްޔަންކުރައްވާނެ ކަމަށެވެ. ނަމަވެސް އެކަން ކުރައްވާނެ ސީދާ ތާރީހެއް ދަންނަވަން ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމު ހުސްވީ، އެ އޮފީހުން ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކެއް ބާއްވަން ފަށާފައިވަނިކޮށެވެ. ނަމަވެސް އޭގެ ފަހުން އެ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވިފައިނުވާއިރު، ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަކުރާ ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހީމް އެވެ.

ނަމަވެސް ވޭތުވެދިޔަ ތިން ހަފުތާގެ ވަޒީރުންގެ މަޖިލީހަށްފަހު ނޫސްވެރިންގެ ބައްދަލުން ބާއްވާފައެއް ނުވެ އެވެ. އެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ރައީސް އޮފީހުން ޖަވާބުދެނީ ހަމައެކަނި އެ ދުވަހެއްގެ ނިންމުންތަކާ ގުޅޭ ސުވާލުތަކަށް އެކަނި ކަމުން، އެކަމާ ގުޅިގެން ގިނަ ނޫސްވެރިން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.