Advertisement

"ރައީސްގެ ޖަވާބު" ސިލްސިލާ އެމްޑީޕީއިން ސިފަކުރީ ޑްރާމާއެއްގެ ގޮތުގައި

19 ފެބުރުވަރީ 2024 - 12:47 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) : "ރައީސްގެ ޖަވާބު" ސިލްސިލާ އެމްޑީޕީއިން ސިފަކުރީ ޑްރާމާއެއްގެ ގޮތުގައި - ފޮޓޯ: މަޖިލިސް އިދާރާ


"ރައީސްގެ ޖަވާބު" ސިލްސިލާ އެމްޑީޕީއިން ސިފަކުރީ ޑްރާމާއެއްގެ ގޮތުގައި

19 ފެބުރުވަރީ 2024 - 12:47 0

ރައީސް އޮފީހުން ސޯޝަލް މީޑިއާގައި ގެނެސްދޭ "ރައީސްގެ ޖަވާބު" ސިލްސިލާ ސިފަވަނީ ޑްރާމާއެއްގެ ގޮތުގައި ކަމަށް އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އިދިކޮޅު އަދި މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނަށް ދެއްވި ޖަވާބުގައި އަލިފުށީ ދާއިރާގެ މެންބަރު ބިގޭ ވިދާޅުވީ ސަރުކާރުން ޖަވާބުދާރީ ނުވާކަމުގެ އެތައް ޝަކުވާއެއް ލިބެމުންދާ ކަމަށެވެ. އެގޮތުން ނޫސްވެރިންނަށް ސަރުކާރުން ޖަވާބުނުދޭ ކަމަށް ބުނާ ގިނަ ޝަކުވާތަކެއް އެ ޕާޓީއާ ހަމައަށް އައިސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ރައީސްގެ ރިޔާސީ ބަޔާނުގައި އެ ވިދާޅުވާ 'މަދުވެގެން ކޮންމެ އެއް ރައްޔިތެއްގެ ވީޑިއޯ ސުވާލަކަށް ސީދާ އަޅުގަނޑު ކޮންމެ ދުވަހަކު ޖަވާބު ދޭން ފަށައިފިން' އަޅުގަނޑަށް މި ސިފަކުރެވެނީ ސިލްސިލާ ޑްރާމާއެއްގެ ގޮތުގަ،" އޭނާ ވިދާޅުވި އެވެ.

ފެބްރުއަރީ 1، އިން ފެށިގެން ރައީސް ގެންދަވަނީ އާންމުންގެ ސުވާލުތަކަށް ވީޑިއޯ މެދުވެރިކޮށް ޖަވާބުދެއްވަމުންނެވެ. އެ ސުވާލުތައް ކުރާ ފަރާތްތައް ހޮވެނީ އަދި ކަނޑައަޅަނީ ކޮން އުސޫލަކުން ކަމެއް ސާފެއް ނޫނެވެ.

އޭގެ އިތުރުން، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ވަޒީރުން ޖަވާބު ދިނުމަށް ބޭއްވި ފޯރަމުގައި ވެސް ގިނައިން ތިބީ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށް ވިދާޅުވެ އެ ފޯރަމަށް ވެސް ބިގޭ ވަނީ ފާޑުވިދާޅުވެފަ އެވެ.

"އެހެންކަމުން ހާމަކަން ބޮޑު ސަރުކާރެއް އުފައްދަވާނެ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތަކަކީ މޫނުމަތި ރީތި ކުރުމުގެ އުސޫލުން ކުރައްވާ ކަމެއް، ބޮޑު އޮޅުވާލުމެއް. މިވީ ތިން މަސް ދުވަސް ތެރޭގައި ނޫސްވެރިކަމަށް އޮތީ އަނދިރި މުސްތަގްބަލެއްކަން އިހްސާސްކުރެވެން ފަށައިފި،" މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިދާޅުވި އެވެ.

މި ސަރުކާރަށް މިވީ ތިން މަސްދުވަހުގެ ތެރޭގައި މީޑިއާއަށް ކުރިމަތިވި ގޮންޖެހުންތައް ވެސް ބިގޭ ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން ފެހި ގާނޫނަށްފަހު އެއްވެސް ސަރުކާރަކުން މީޑިއާ ސައިޓެއް ބްލޮކް ނުކުރާ ކަމަށާއި މި ސަރުކާރުން، ފާޑުކިޔާ ތިން ސައިޓެއް ބްލޮކް ކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.