Advertisement

ޖަމީލުގެ ތުހުމަތެއް، ސުވާލެއް އަދި ނަސޭހަތެއް!

19 ފެބުރުވަރީ 2024 - 09:12 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރިޔާސީ އިންތިހާބުގެ ކުރިން ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގައި އޭރު މާލޭގެ މޭޔަރު އަދި މިހާރު ރައީސުލްހުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު. -- ފޮޓޯ: އަދަދު


ޖަމީލުގެ ތުހުމަތެއް، ސުވާލެއް އަދި ނަސޭހަތެއް!

19 ފެބުރުވަރީ 2024 - 09:12 2

"ކޯޓުގެ ވަކި ފަނޑިޔާރަކަށް ސަރުކާރުން ނުފޫޒު އެބަ ފޯރުވާ" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ތުހުމަތު ކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސުވާލަކާއި ނަސޭހަތެއް ރައްދުކޮށްފި އެވެ.

ޖަމީލު ރޭ އެކްސްގައި ޕޯސްޓެއް ކުރެއްވީ، 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީނާ ގުޅޭ ގޮތުން، ރައީސް މުއިއްޒު އައްޑޫގައި ވާހަކަ ދެއްކެވުމުންނެވެ. އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރީ ރިޔާސީ އިންތިހާބަށް ފަހު އެވެ.

"އަނެއްކާވެސް އިންތިހާށް ރ. ޔާމީނުގެ ނަން ބޭނުން ކުރަން މިފެށީ. ކޮބާ ވައުދުވި ގޮތް؟ ކޮބާ [ޔާމީން] މިނިވަންކޮށްފިން؟" ޖަމީލު ސުވާލު ކުރެއްވި އެވެ.

ނަސޭހަތެއްގެ ގޮތުގައި ޖަމީލު ވިދާޅުވީ "ﷲ އަށް ބިރުގަނޭ! އަމިއްލަ ސްޓްރެންތްގައި އިންތިހާބު މޮޅުވޭތޯ ބައްލަވާ؟ ދެނެއް ރައްޔިތުން ގުނބޯ ނުހެއްދޭނެ" ކަމަށެވެ.

ޖަމީލް މިގޮތަށް ނަސޭހަތް ދެއްވީ ރިޔާސީ އިންތިހާބުގައި ވެސް އެންމެ ބޮޑަށް ވިއްކީ ޔާމީން މިނިވަން ކުރުމުގެ ވައުދާއި އެމަނިކުފާނު ތަސްވީރު ކަމަށްވާތީ އެވެ.

މި ވެރިކަމާއެކު ކޯޓަށް ނުފޫޒު ފޯރުވުން ނިމޭނެ ކަމާއި އެއާއެކު ޔާމީން މިނިވަން ވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

ރައީސް މުއިއްޒު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރޭ ފޭދޫގައި ރައްޔިތުންނާ ބައްދަލު ކުރައްވައި ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތް ހުއްޓިފައި އޮތުމުން ކަންބޮޑުވާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ރައީސް ޔާމީންއަށް އިންސާފު ލިބުން ލަސްވުމަކީ ގައުމަށް ހަމަޖެހުން ލިބޭނެ ގޮތެއް ނޫން ކަމަށާއި، އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ކަމަށެވެ.

މިހާރު އޮތް ސަރުކާރުގައި ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާނެ އެކަކުވެސް ނުހުންނާނެ ކަމަށާއި، މި ސަރުކާރުގެ ވެރިކަން ފެށުނު ފަހުން ރާއްޖޭގެ ޝަރުއީ ދާއިރާ މިނިވަންވެފައިވާ ކަމަށްވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބުގެ ތެރޭގައި ކޮންމެ ޖަލްސާއެއްގައި ޔާމީނަށް ހާއްސަ ހުސް ގޮނޑިއެއް ހުރެ އެވެ. އަދި ވެރިކަން ހޯދަނީ ޔާމީން މިނިވަންކުރުމާއި، އިންޑިއާ ސިފައިން ބޭރުކުރަން ކަމަށް މައިގަނޑު ގޮތެއްގައި ވިދާޅުވަމުން ދިޔަ އެވެ. ނަމަވެސް އެ ދެ ވައުދު ވެސް އަދި ނުފުދެ އެވެ.

ޔާމީން މިނިވަން ކުރުމަށް ޕީޕީއެމް/ޕީއެންސީން ގޮވަމުން ދިޔަ އަޑު ރިޔާސީ އިންތިހާބަށް ފަހު ވަނީ އެއްކޮށް ކެނޑިފަ އެވެ.

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އެމަނިކުފާނު ޖަލުގައި ބަހައްޓަން ބޭނުން ނުވާނެ ކަމަށާއި އެމަނިކުފާނު މިނިވަން ކުރަން މިއަދުގެ ސަރުކާރަށް ދަތިވެގެން އުޅެނީ ކޮންކަމާ ގުޅިގެންތޯ ސުވާލު އުފައްދަވައި ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑާޝިޕާ މެދު ޔާމީން ވަނީ ހިތްހަމަ ނުޖެހުން ވެސް ފާޅުކުރައްވައިފަ އެވެ.

ނަމަވެސް، ޔާމީންއާ ގުޅުވައިގެން ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު އޮތީ ފުދިފައި ކަމަށް ސަރުކާރުގެ ތަރުޖަމާނެއްގެ ގޮތުގައި މުހައްމަދު ޝަހީބު ވިދާޅުވެފައިވެ އެވެ.