Advertisement

މި ހާލަތުން އަރައިގަންނަން އުނދަގޫޫ ފިޔަވަޅުތަކެއް އަޅަންޖެހޭ، އިގްތިސާދީ އެޖެންޑާ ކާމިޔާބު ކުރަން ފުރުސަތެއް ދެއްވާ: ރައީސް

18 ފެބުރުވަރީ 2024 - 20:36 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު


މި ހާލަތުން އަރައިގަންނަން އުނދަގޫޫ ފިޔަވަޅުތަކެއް އަޅަންޖެހޭ، އިގްތިސާދީ އެޖެންޑާ ކާމިޔާބު ކުރަން ފުރުސަތެއް ދެއްވާ: ރައީސް

18 ފެބުރުވަރީ 2024 - 20:36 0

އިގްތިސާދު މިހާރު އޮތް ހާލަތުން އަރައިގަތުމަށް އުނދަގޫ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވިދާޅުވެ ސަރުކާރުގެ އިގްތިސާދީ އެޖެންޑާ ކާމިޔާބު ކުރަން ފުރުސަތެއް ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަނެފި އެވެ.

ކުރީ ސަރުކާރުން މަސައްކަތް ކުރ ގޮތުން ގައުމު އޮތީ އަނދަވަޅަކަށް ވެއްޓިފައި ކަމަށް ވިދާޅުވެ، އައްޑޫގެ މަރަދޫ، މަރަދޫފޭދޫގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އިގްތިސާދީ ހާލަތު ރަނގަޅު ކުރަން ސަރުކާރުން ކުރާ މަސައްކަތަށް އިތުބާރު ކުރުމަށެވެ.

"އަޅުގަނޑުމެންގެ އިގްތިސާދު މި އޮތް ހާލަތުން އަރައިގަންނަ ކަމަށް ވަންޏާ ވަރަށް އުނދަގޫ ފިޔަވަޅުތަކެއް އަޅަންޖެހޭ. ކެމްޕެއިނުގައި އެ ވައުދުތައް އަޅުގަނޑު ވީ. އެއީ ކުއްލިއަކަށް އަޅުގަނޑު ދެއްކި ވާހަކައެއް ނޫން،" ރައީސް ވިދާޅުވި އެވެ. "އެންްމެ މުހިންމު އެންމެ އުނދަގޫ ކަމަކަށްވި ވައުދަކީ ފައިސާ ޗާޕު ކުރުން ހުއްޓާލުން."

ރައީސް ވިދާޅުވީ އިގްތިސާދު ރަނގަޅު ކުރަން މަސައްކަތް ކުރާއިރު ވެސް ތަރައްގީ ކުރިއަށްދާނެ ކަމަށާއި ތަރައްގީ ލަހެއް ވެސް ނުވާނެ ކަމަށެވެ.

"ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދޭ އެދުމަކަށް އޮތީ މި މަސައްކަތަށް އިތުބާރު ކުރެއްވުމަށް. މިކަން ކުރިއަށް ގެންދިޔުމުގައި ފުރުސަތެއް ދެއްވައި އިތުބާރު ކުރެއްވުމަށް. ތަރައްގީ ކުރިއަށްދާނެ. ތަރައްގީ ގެނައުމުގައި ލަހެއް ނުކުރާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން މަސްވެރިންނަށް ފައިސާ ނުލިބިގެން ކޫއްޑޫގައި މުޒާހަރާކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނައިން މަސްވެރިންނަށް ފައިސާ ދިނީ މި ސަރުކާރުން ކަމަށެވެ.

"އަޅުގަނޑުމެން މަސްވެރިންނަށް ވެސް އެންމެ ކުރު މުއްދަތެއްގައި އެންމެ ގިނަ ފައިސާ ދިން ބަޔަކަށް ވާނީ. އަޅުގަނޑުމެން ހަވާލުވިއިރުގައި 200 އެތައް މިލިއަން ރުފިޔާއެއް ދައްކަން އޮތް. އެ ފައިސާ ވެސް ދައްކައި، އަދި އިތުރަށް ވެސް މަސް ބާނަމުންދާ ވަރަކަށް ދައްކަންޖެހޭ ފައިސާ ހުންނާނެ. ޖުމުލަ 442 މިލިއަން ރުފިޔާ ތިން މަސް ތެރޭގައި މި ދެއްކީ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު މަސައްކަތް މި ކުރަނީ މި ދެންނެވި ފަދައިން ވަރަށް އަވަހަށް އެ ފައިސާ ވެސް ދޭން. ތިރީހަކަށް މިލިއަން ރުފިޔާ އެބަ އޮތް ކަންނޭނގެ މި ދެ ރަށުގެ މަސްވެރިންނަށް ވެސް ދައްކަން މިހާރު ވެސް."

އައްޑޫ، ފުވައްމުލަށް އަދި ހުވަދޫގެ ބައެއް ރަށްރަށަށް ކުރައްވާ ފަސް ދުވަހުގެ ދަތުރެއްގައި ރައީސް މާލެއިން ފުރާވަޑައިގަތީ މިއަދެވެ.