Advertisement

ކޫއްޑޫގައި ޝިޔާމް އެދިވަޑައިގަތީ ފައިސާ ދޫކުރަން ވަގުތުކޮޅެއް ދިނުމަށް، މަސްވެރިން ބުނަނީ ވަގުތު ދެވިއްޖެ ކަމަށް

18 ފެބުރުވަރީ 2024 - 19:30 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މިނިސްޓަރު ޝިޔާމް މަސްވެރިންނާ ވާހަކަ ދައްކަވަނީ: ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހޯދަން ވަރަށް ގިނަ މަސައްކަތް ކުރަމުންދާ ކަމަށް -- ފޮޓޯ: އަދަދު ފައިލް


ކޫއްޑޫގައި ޝިޔާމް އެދިވަޑައިގަތީ ފައިސާ ދޫކުރަން ވަގުތުކޮޅެއް ދިނުމަށް، މަސްވެރިން ބުނަނީ ވަގުތު ދެވިއްޖެ ކަމަށް

18 ފެބުރުވަރީ 2024 - 19:30 1

މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު ސަރުކާރުން ދޭންޖެހޭ 298 މިލިއަން ރުފިޔާ ދޫކުރުމަށް ވަގުތުކޮޅެއް ދިނުމަށް ފިޝަރީޒް މިނިސްޓަރު މިއަދު އެދިވަޑައިގަތުމުން، ފައިސާ ނުލިބިގެން ކޫއްޑޫގައި މުޒާހަރާ ކުރަމުންދާ މަސްވެރިން އެކަމާ ދެކޮޅު ހަދައިފި އެވެ.

މަސްވެރިންނަށް އެއްވެސް މިންވަރަކަށް ފައިސާ ނުލިބޭތާ ދެ މަސް ވެފައިވާ ކަމަށް ބުނެ، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ވަދެ މަސްވެރިން މިއަދު ހެނދުން ފެށިގެން ދިޔައީ މުޒާހަރާ ކުރަމުންނެވެ. އެއާއެކު، މަސްވެރިކަމާ ބެހޭ މިނިސްޓަރު ޝިޔާމް ވަނީ މަސްވެރިންނާ ވާހަކަ ދެއްކެވުމަށް އެ ރަށަށް މިއަދު ފުރާވަޑައިގަނެފަ އެވެ.

"މިވަގުތު މިއީ އުނދަގޫ ވަގުތުކޮޅެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެއިރު މަސްވެރިންނަށް ގެނައި ތަސައްވުރާ އެކީގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރައީސް ޑރ. މުއިއްޒުގެ މި ފަސް އަހަރުގައި އަޅުގަނޑުމެން ދާނީ. މަސްވެެރި އާއިލާތަކަށް ނިކަމެތިކަމެއް ނާންނާނެ،" މަސްވެރިންނާ ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވި އެވެ. "ހަމަ ކުޑަ ވަގުތުކޮޅެއް އަޅުގަނޑުމެންނަށް ދެއްވާށޭ އަޅުގަނޑު މި ދަންނަަވަނީ."

ނަމަވެސް މަސްވެރިން ބުނީ ސަރުކާރުގެ ބަހަށް މިހާރު އިތުބާރު ނުކުރާ ކަމަށާއި ފައިސާ ދޫކުރަން ވަގުތު ދެވިއްޖެ ކަމަށެވެ. އަދި މަސްވެރިން އެދުނީ މިނިސްޓަރު ވިދާޅުވި ގޮތަށް މާޗް 5، ވަންދެން ފައިސާ ދޫކުރަން މަޑުނުކޮށް މި ހިނގާ ފެބްރުއަރީ މަހުގެ ތެރޭގައި ފައިސާ ދައްކާ ހަލާސް ކުރުމަށެވެ.

މަސްވެރިންނާ ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހޯދަން އެކި ގޮތް ގޮތުން ވަރަށް ގިނަ މަސައްކަތް ކުރަމުންދާ ކަމަށެވެ. މާޗް 5، ގެ ކުރިން ފައިސާ ދެއްކޭނެ ކަމަށް ވިދާޅުވަނީ އެ މަސައްކަތުގެ މައްޗަށް ބިނާކޮށް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ދިވެހިރައްޖޭގެ ބޭންކުތަކާއި ފިނޭންސް މިނިސްޓްރީ އާއި އަޅުގަނޑުމެންގެ ވުޒާރާ އާއި މިފްކޯއާއެކީގައި މަސައްކަތް ކުރަމުން މި ދަނީ މި ފައިސާ ލިބޭނެ ގޮތެއް ހޯދުމަށްޓަކައި. މަސައްކަތްތަކެއް އެބަހުރި ކުރެވިފަ،" މިނިސްޓަރު ވިދާޅުވި އެވެ. "އެހެންވެގެން ދަންނަވަން މި ކެރެނީ ފަހެއް މާޗުގެ ކުރިއަށް އަޅުގަނޑުމެން މިކަންތައް ހައްލު ކުރާނަމޭ."

މިއަދު މުޒާހަރާ ކުރި ބައެއް މަސްވެރިން މި ނޫހާ ވާހަކަ ދައްކަމުން ބުނީ ފައިސާ ނުލިބުމުން އަތްމަތި ދަތިވެ، ދަރަނިވެރިވެފައިވާ ކަމަށެވެ. އަސާސީ ހިދުމަތްތަކަށް ފައިސާ ދައްކަނީ ވެސް މީހުން އަތުން ދަރަންޏަށް ނަގައިގެން ކަމަށް ބައެއް މީހުން ބުންޏެވެ.

"ކަރަންޓާ ނުލައި ނުއެއް އުޅެވޭނެތާ، އެހެންވީމާ އެގޮތް މިގޮތުން [ދަރަންޏަށް] ފައިސާ ހޯދައިގެން ކަރަންޓު ބިލު މިހާރު ދައްކައިފިން. އެކަމަކު ގެއިން އިންޓަނެޓް އެހެރީ ކެނޑިފައި،" މަސްވެރިއަކު ބުންޏެވެ.