Advertisement

ބޮންޑޭ އަދި ކޮއްކޮ އަހުމަދު ވެސް މާފަންނު މެދު ދާއިރާއަށް ވާދަ ކުރަނީ

17 ފެބުރުވަރީ 2024 - 12:09 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މާލޭގެ ޗާޓުން އާމިރު، ނަޝީދަށް އެއްޗެއް ދައްކާއިރު ކައިރީގެ ބޮންޑޭ މަޑުކޮށްލައިގެން: އެ ދެބެއިންނާއެކު މާފަންނު މެދަށް އަށް ކެންޑިޑޭޓަކު މިފަހަރު ވާދަ ކުރޭ -- ފޮޓޯ: އަހުމަދު އާމިރު


ބޮންޑޭ އަދި ކޮއްކޮ އަހުމަދު ވެސް މާފަންނު މެދު ދާއިރާއަށް ވާދަ ކުރަނީ

17 ފެބުރުވަރީ 2024 - 12:09 0

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާފަންނު މެދު ދާއިރާއަށް އިބްރާހިމް ރަޝީދު (ބޮންޑޭ) އަދި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަހުމަދު އާމިރު ވެސް ވާދަ ކުރަން ނިންމައިފި އެވެ.

ބޮންޑޭއަކީ މިހާރު ވެސް އެ ދާއިރާގެ މެންބަރެވެ. އޭނާ ވާދަ ކުރައްވަނީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގަ އެވެ. ބޮންޑޭގެ ކޮއްކޮ އަހުމަދު އާމިރު ވާދަ ކުރައްވަނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގަ އެވެ.

މިހާރު ހިނގާ 19 ވަނަ މަޖިލީހުގެ މާފަންނު މެދު ދާއިރާއަށް ބޮންޑޭ އިންތިހާބުވީ އެމްޑީޕީގެ ޓިކެޓުގަ އެވެ. ނަމަވެސް އޭނާ ފަހުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ޑިމޮކްރެޓްސްއާ ގުޅިވަޑައިގަނެފަ އެވެ.

ބޮންޑޭ އަދި އޭނާގެ ކޮއްކޮ އަހުމަދު އާމިރަށް ވެސް ޕާޓީ ޓިކެޓުތައް ލިބުނީ ޕްރައިމަރީއެއްގައި ވާދަނުކޮށެވެ. ފުރުސަތު ހުޅުވާލުމުން އެ ދެ ޕާޓީން ވެސް ވެސް އެ ދާއިރާއަށް އިތުރު ބަޔަކު ކުރިމަތިލާފައެއްނުވެ އެވެ.

ފެހި ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށި ފަހުން 2009 ވަނަ އަހަރު މާފަންނު މެދު ދާއިރާއަށް ހޮވުނީ ވެސް ބޮންޑޭ އެވެ. އޭގެ ފަހުން 2014 ވަނަ އަހަރު އިންތިހާބުވީ ޕީޕީއެމްގެ އަސްމާ ރަޝީދެވެ. އޭގެ ފަހުން އަނެއްކާ 2019 ވަނަ އަހަރު އިންތިހާބުވީ ބޮންޑޭ އެވެ.

މާފަންނު މެދު ދާއިރާއަށް މިފަހަރު ވެސް އަސްމާ ވާދަ ކުރައްވަ އެވެ. ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓު އޭނާއަށް ލިބުނީ ފަސް މީހުންގެ ޕްރައިމަރީއެއްގައި ވާދަކޮށްގެނެވެ.

ބޮންޑޭ، އަހުމަދު އާމިރު އަދި އަސްމާއާއެކު ޖުމުލަ އަށް ކެންޑިޑޭޓަކު މާފަންނު މެދު ދާއިރާއަށް ވާދަ ކުރެ އެވެ. އެއީ ލަބީގް މުހައްމަދު މާހިދު އާއި އަހުމަދު ޖަވާދު (ޖަގޭ) އާއި މުހައްމަދު މައިޒަރު އާދަމް ޒާހިރު (ކުރޮޅި) އާއި މުހައްމަދު ރިޔާޒް އަބޫބަކުރު އަދި އާމިނަތު ހަސަން (އައިންތު މިސް) އެވެ.