16 ފެބުރުވަރީ 2024 - 17:32 0
އަމަން ހަލީމް
ޕީޖީ ޝަމީމް، އެމެރިކާ ސަފީރު ހޫގޯ ޔޮން އާ ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ: ޕީޖީ އޮފީސް
16 ފެބުރުވަރީ 2024 - 17:32 0
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމު، އެމެރިކާ ސަރުކާރާއި އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާ ބައްދަލުކުރައްވައިފި އެވެ.
މި ދެ ގައުމުގެ ސަފީރުންނާއި ޕީޖީ ޝަމީމް ބައްދަލުކުރެއްވީ ވަކި ވަކިންނެވެ.
ޝަމީމް، އެމެރިކާ ސަފީރު ހޫގޯ ޔޮން އާ ބައްދަލުކުރެއްވީ މި މަހުގެ ތިން ވަނަ ދުވަހު ޕީޖީ އޮފީހުގަ އެވެ. އެ އޮފީހުން ބުނި ގޮތުގައި މިއީ ޝަމީމަށް އަމާޒުކޮށް މިދިޔަ މަހުގެ 31 ގައި ބަޔަކު ދިން ހަމަލާއަށްފަހު އެމަނިކުފާނު ކުރިއަށްގެންދެވި ރަސްމީ ފުރަތަމަ ބައްދަލުވުމެވެ.
އޭގެ ފަހުން އޮސްޓޮރޭލިއާ ސަފީރު ޑޭވިޑް ޖެސަޕްއާ ޝަމީމް ބައްދަލުކުރެއްވީ އިއްޔެ އެވެ.
ޕީޖީ އޮފީހުން ބުނީ ވަކިވަކިން ކުރިއަށްގެންދެވި މި ބައްދަލުވުންތަކުގައި ސަފީރުން ވަނީ ޝަމީމް އަށް އަމާޒުކޮށް ދިން ހަމަލާއާމެދު އެ ދެ ގައުމުންވެސް ކަންބޮޑުވާކަން ހާމަކޮށްފައި ކަމަށެވެ. އަދި ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ކުރިއެރުވުމަށް ދެ ގައުމުގެ ސަރުކާރުން އެހީތެރިކަން ދެވެން އޮތް ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ސަފީރުންނާއެކު ޝަމީމް މަޝްވަރާ ކުރެއްވި ކަމަށް ބުންޏެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއާ ޕީޖީ އޮފީހާ އޮންނަ ގުޅުމުގެ ތެރެއިން، ޖިނާއީ އަދުލުގެ ނިޒާމަށް ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކޮށް، އެ ޑިޕާޓްމަންޓުން މިހާރުވެސް ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އެގޮތުން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ފަންނީ މާހިރުން، ޓެރަރިޒަމާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ މައްސަލަތަކުގައި އިންވެސްޓިގޭޓަރުންނާއި، ޕްރޮސިކިއުޓަރުންނާއެކު މަސައްކަތްކޮށްފައިވެ އެވެ. ހަމައެހެންމެ އޮސްޓްރޭލިއާ ސަރުކާރުން ގެންދަނީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް އެކި ދާއިރާތަކުން ފަންނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޕީޖީ އޮފީހުން ބުނީ މި ބައްދަލުކުރެއްވުންތަކުގައި ދެ ގައުމުގެ ސަރުކާރުން ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ދެމުންއަންނަ އެހީތެރިކަމަށްޓަކައި ޕީޖީ ޝަމީމް ޝުކުރު އަދާކުރެެއްވި ކަމަށެވެ. އަދި ހާއްސަކޮށް ޓެރަރިޒަމާ ދެކޮޅަށް މި ނިޒާމުން ކުރަމުންގެންދާ މަސައްކަތުގައި އެ ދެގައުމުގެ ސަރުކާރުން ދެމުން އަންނަ އެހީތެރިކަން ފާހަގަކުރެއްވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment