Advertisement

މިނިސްޓަރުގެ މައްޗަށް ބެންޒެމާ އަށް ކޯޓުގައި ކުރި ނުހޯދުނު

16 ފެބުރުވަރީ 2024 - 09:43 0

މިނިސްޓަރު ޖެރާލްޑް (ކ) އާއި ބެންޒެމާ (ވ)


މިނިސްޓަރުގެ މައްޗަށް ބެންޒެމާ އަށް ކޯޓުގައި ކުރި ނުހޯދުނު

16 ފެބުރުވަރީ 2024 - 09:43 0

ޕެރިސް (ފެބްރުއަރީ 16) - ފްރާންސްގެ އިންޓީރިއާ މިނިސްޓަރު، ޖެރާލްޑް ޑާމަނިންގެ މައްޗަށް އަބުރުގެ ދައުވާ ކުރަން ފްރާންސްގެ ފޯވާޑް، ކަރިމް ބެންޒެމާ ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.

ފްރާންސްގެ ސަރުކާރުގެ އިސް މީހެއް ކަމަށްވާ ޖެރާލްޑް، ވަނީ މިދިޔަ އަހަރު، ބެންޒެމާ އަށް އެކްސް (ކުރިން ޓްވިޓާ) ގައި ކުރި ޕޯސްޓެއްގައި ފާޑުކިޔައިފަ އެވެ. އެ ގޮތުން، ފަލަސްތީނަށް އަރައި އިޒްރޭލުން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް، ގާޒާގެ ރައްޔިތުންނަށް ހަމްދަރުދީ ފާޅުކޮށް، ބެންޒެމާ، އެކްސްގައި ކުރި ޕޯސްޓަކާ ބެހޭގޮތުން، ޖެރާލްޑް ވަނީ ބެންޒެމާ އަކީ، މުސްލިމުންގެ ޖަމާތެއް ކަމަށްވާ "މުސްލިމް ބްރަދަހުޑް"އާ ގުޅުން އޮތް ފަރާތެއް ކަމަށް ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ބެންޒެމާގެ ގާނޫނީ ޓީމުގެ ހާއްސަ ވަކީލް، ހިގޭސް ވިޖިއާ ވަނީ މިދިޔަ މަހު ފްރާންސްގެ ކޯޓަށް ޖެރާލްޑްގެ މައްސަލައެއް ހުށަހަޅައިފަ އެވެ.

ފްރާންސްގެ ކޯޓުތަކަށް ހުށަހެޅޭ މި ފަދަ ހާއްސަ މައްސަލަތައް މުރާޖާ ކުރާ ކޮމީޓީން ކަންކަން ބެލުމަށް ފަހު، އިއްޔެ ނިންމާފައިވަނީ ކޯޓުގައި މައްސަލަ ބެލޭނެ ގޮތެއް ނެތް ކަމަށެވެ. ބެންޒެމާގެ އަނބުރަށް އަރައިގަންނަ ފަދަ ކަމެއް، ޖެރާލްޑް ކޮށްފައިނުވާ ކަމަށެވެ.

ފްރާންސް ގައުމީ ޓީމަށް 2022 ވަނަ އަހަރު ކުޅުން ހުއްޓާލި ބެންޒެމާ، އަށް މީގެ ކުރިން، ގައުމީ ޓީމާ ދުރުގައި ހަ އަހަރު ހުންނަން ޖެހުނީ ސިޔާސީ ފިއްތުންތަކާ ހެދި ކަމަށް މީޑިއާގައި ވާހަކަ ދެކެވުނެވެ. އެ ގޮތުން، ބެންޒެމާ އަކީ ފްރާންސަށް ހިޖުރަކުރި އަލްޖީރިއާ ދަރިކޮޅަށް ނިސްބަތްވާ ފަރާތެއް ކަމަށްވާތީ، ގިނަ ފަހަރުތަކެއް މަތިން، ސިޔާސީ މީހުން ވަނީ ބެންޒެމާގެ ނަން ބޭނުންކޮށް، ފްރާންސްގެ މުސްލިމުންނަށް ފާޑުކިޔައިފަ އެވެ.