16 ފެބުރުވަރީ 2024 - 04:02 0
ލީވާން އަލީ ނާސިރު
16 ފެބުރުވަރީ 2024 - 04:02 0
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރި ކެންޑިޑޭޓުންގެ ތެރެއިން އަންހެނުންގެ ނިސްބަތަކީ 10.76 ޕަސެންޓު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެ އެވެ.
މާޗު 17 ގައި ބާއްވަން ތާވަލުކޮށްފައިވާ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުމަށް ހުޅުވާލި މުއްދަތު ބުދަ ދުވަހުގެ ނިޔަލަށް ހަމަވިއިރު، 93 އިިންތިހާބީ ދާއިރާ އަށް ވާދަކުރަން 381 ކެންޑިޑޭޓުން ފޯމް ހުށަހަޅާފައިވެ އެވެ.
"އިންތިހާބަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 10.76 ޕަސެންޓަކީ އަންހެން ބޭފުޅުން،" ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
އެއީ ގާތްގަނޑަކަށް ސާޅީހަކަށް ކެންޑިޑޭޓުންނެވެ.
ހަބީބު ވިދާޅުވީ އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލި ކެންޑިޑޭޓުންގެ ކެންޑިޑެސީއާ މެދު ނިންމި ގޮތް ރޭގެ ނިޔަލަށް އީމެއިލްގެ ޒަރީޔާއިން ފޮނުވާފައިވާނެ ކަމަށެވެ.
ކެންޑިޑެސީ ސައްހަ ނޫން ކަނޑައަޅާފައިވަނީ ކިތައް މީހުންގެ ކަމެއް އީސީ އިން އަދި ހާމައެއް ނުކުރެ އެވެ.
އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ކެންޑިޑޭޓު ނަންބަރު ތަރުތީބުކުރަން ގުރު ނެގުން މިއަދު މެންދުރު 2:00 އިން ފެށިގެން އިރުއޮއްސި 6:30 އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.
ގުރު ނެގުމުގައި ކެންޑިޑޭޓުންނަށް ވަަޑައިނުގެންނެވޭނަމަ ބަދަލުގައި އަންނަ މީހެއް ބަޔާންކޮށް، ސިޓީއާއެކު އައުމަށް އިލެކްޝަންސް އިން ވަނީ އެދިފަ އެވެ.
ކެންޑިޑޭޓުގެ ފަރާތުން އެއްވެސް މީހަކު ހާޒިރު ނުވާނަމަ ގުރު ނަގާނީ އީސީގެ އޮފިޝަލެއް ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
މާޗު 17 ގައި އިންތިހާބު ބާއްވަން މިހާރު ތާވާލުކޮށްފައި ވާއިރު، ރޯދައިގެ 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށް މަޖިލީހުން ވަނީ ގާނޫނަށް ބަދަލު ގެނެސްފަ އެވެ. އެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ތަސްދީގެއް ނުކުރައްވަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment