Advertisement

ޓެން ހާގަށް ޔުނައިޓެޑްގައި ފުރުސަތު އޮތީ މި ސީޒަނުގެ ނިޔަލަށް

15 ފެބުރުވަރީ 2024 - 14:56 0


ޓެން ހާގަށް ޔުނައިޓެޑްގައި ފުރުސަތު އޮތީ މި ސީޒަނުގެ ނިޔަލަށް

15 ފެބުރުވަރީ 2024 - 14:56 0

މެންޗެސްޓާ (ފެބްރުއަރީ 15) - މެންޗެސްޓާ ޔުނައިޓެޑްގައި ކަންކަން ރަނގަޅު ޓްރެކަށް ގެނެސް ޓީމު ކުރިއަރުވަން އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގަށް ފުރުސަތު ދީފައި އޮތީ މި ސީޒަނުގެ ނިޔަލަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑްގެ ޓީމާ ގުޅޭ ކަންކަމުގައި ބަސްބުނުމުގެ ބާރު، ދާދި ފަހުން އެ ކްލަބްގެ 25 ޕަސެންޓް ހިއްސާ ގަތް އިނގިރޭސި މަހުޖަނު، ޖިމް ރެޓްކްލިފްގެ ކުންފުނި އިނިއޯސް އަށް ވަނީ ދީފަ އެވެ. ޔުނައިޓެޑްގެ ހިންގުމުގެ މި ކަންކަން ރަޖިސްޓްރީ ކުރުމުގެ ހުރިހާ މަރުހަލާއެއް މިހާރު ވަނީ ފުރިހަމަވެފަ އެވެ.

މިހާރު ރަސްމީކޮށް، އިނިއޯސް އިން ވަނީ ޔުނައިޓެޑް ހިންގުމުގެ އޮނިގަނޑުގެ ކަންކަން ރޭވުމުގައި މަސައްކަތް ފަށައިފަ އެވެ. އޭގެ ތެެރެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރާ ކަމަކީ، ޓީމުގެ ކޯޗުގެ މަގާމަށް ބަދަލެއް ގެންނަން ފެނޭތޯ ބެލުމެވެ.

އިނިއޯސްގެ އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓެން ހާގް، 54، އަށް މި ސީޒަނުގެ ނިޔަލަށް ކަންކަން ބަދަލުނުކުރެވިއްޖެނަމަ، ޔުނައިޓެޑުން އާ ކޯޗެއް ހޯދުމުގެ މަސައްކަތް ރަސްމީކޮށް ފަށާނެ އެވެ.

ދާދި ފަހުން، ރޯމާގެ ކޯޗުކަމުން ވަކިކުރި، ހޯސޭ މޮރީނިއޯ އަލުން ޔުނައިޓެޑާ ހަވާލުވުމުގެ ޝައުގުވެރިކަން ގެންގުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، މޮރީނިއޯ އާއި އިނިއޯސްގެ އޮފިޝަލުންނާ ގާތްގުޅުމެއް އޮވެ އެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޔުނައިޓެޑް ކެޓިއިރު، ގްރޫޕްގެ ތިން ވަނަ ވެސް ނުލިބުމުން، އެ ޓީމަށް ދެން މި ސީޒަނުގައި ޔޫރަޕްގެ މުބާރާތެއް ނެތެެވެ. ލީގުގެ ހަ ވަނައިގައި ޔުނައިޓެޑް އޮތްއިރު، އެ ޓީމަށް ލީގަށް ވާދަކުރުމުގެ ފުރުސަތެއް ނެތެވެ. ގަދަ ހަތަރަކާ ދެމެދު މި ވަގުތު ޔުނައިޓެޑަށް ހަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.