Advertisement

ސިޓީބިޓީ: ރައީސަށް ސުވާލެއް!

15 ފެބުރުވަރީ 2024 - 08:11 0

ސިޓީބިޓީ

ސިޓީބިޓީ


ސިޓީބިޓީ: ރައީސަށް ސުވާލެއް!

15 ފެބުރުވަރީ 2024 - 08:11 0

"ސިޓީބިޓީ"ން ރައްޔިތުންގެ ހިޔާލު ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލާފައި އޮތް އޮތުމަށް އަދަދު ނޫހަށް ޝުކުރު ދަންނަވަމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުތެރޭގައި މަނިކުފާނު ވިދާޅުވި ވާހަކަތަކުގެ ތެރެއިން އަޅުގަނޑަށް ކަމުދިޔަ އެއް ވާހަކައަކީ، އާ ވެރިކަމަކާއެކު ގައުމީ ތަރައްގީ އަށް ގެންނަ ބޮޑު ބަދަލު ހުއްޓުވައި އެއް އަމާޒެއް ހިފެއްޓުމަށްޓަކައި، ގައުމީ ތަރައްގީގެ 20 އަހަރުގެ ޕްލޭނެއް އެކުލަވައިލާނެ ކަމަށް ވިދާޅުވި ވާހަކަ އެވެ.

އެ ޕްލޭނު ތައްޔާރުކުރަން ހުރިހާ ރަށެއްގެ، ހުރިހާ ރައްޔިތުންނެއްގެ ހިޔާލު ހޯއްދަވާނެ ކަމަށް ވިދާޅުވުމުން ވެރިކަމަށް ވަޑައިގަންނަވާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެކަން ފައްޓަވާނެ ކަމަށް ގަބޫލު ކުރެވުނެވެ. އަދި ގާނޫނީ ބާރުވެރިކަން ލިބިފައިވާ ޕްލޭނަކަށް ވެސް އެ ޕްލޭން ހައްދަވާނެ ކަމަށް ވިދާޅުވުމުން މަނިކުފާނުގެ ހަރުދަނާ ވިސްނުންފުޅެއް ހުރިކަން ގަބޫލު ކުރެވުނެވެ.

"އޭގެ ބޭނުމަކީ ރާއްޖޭގެ ތަރައްގީ ރައްޔިތުން ބޭނުންވާ މިސްރާބަށް ގެންދާކަން ޔަގީންކުރުން. ދެން އަންނަ ސަރުކާރުތަކުގައި މައިގަނޑަށް ބަދަލު ނާންނަ ގޮތަށް ކުދި ކުދި ބަދަލު ގެނެވޭނެ އެއީ މައްސަލައެއް ނޫން. އެހެން ނަމަވެސް ރައްޔިތުންގެ ފުލް ރެޕްރެޒެންޓޭޝަނެއް ހިމެނޭ ގޮތަށް ހެދިފައިވާ ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭނެއް 20 އަހަރު ދުވަހަށ.ް މަދުވެގެން 20 އަހަރު ދުވަހަށް ހެދުމަކީ ވަރަށް ރަނގަޅުކަމެއ،ް ރާއްޖޭގެ ކުރިއެރުން ވަކި މިސްރާބަކަށް ގެންދިއުމުގައި،" ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް ވިދާޅުވެފައިވެ އެވެ.

މަނިކުފާނުގެ ވެރިކަމަށް ހޮނިހިރު ދުވަހު ބަރާބަރު ތިން މަސް ފުރޭނެ އެވެ.

ފުށިދިއްގަރު ފަޅު އެ ވަނީ ހިއްކަން ފަށައިފަ އެވެ. އެތަނުގައި 65،000 ހައުސިން ޔުނިޓު އެޅުމަށް ވަނީ ޕްލޭން ކޮށްފަ އެވެ. ގުޅިފަޅާއި ތިލަފުއްޓާއި ހުޅުމާލޭން 9،000 އަށް ވުރެ ގިނަ ގޯތި ދޫކޮށްފައިވާއިރު، އަދި ހުޅުމާލޭގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކާއެކު މާލޭ ސަރަހައްދުގެ ބޯހިޔާވަހި ކަމަށް ބޮޑު ލުޔެއް ލިބޭނެ އެވެ.

މާލޭ އިންޓަނޭޝަނަލް އެއާޕޯޓު 25 މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ތަރައްގީކޮށް، ޖެހިގެން އޮތް ރިސޯޓު ނަގައި، ސީޕްލޭން ބަދަލުކޮށް، ތެޔޮ ރައްކާކުރާ ފޮނަދޫ ބައިނަލްއަގުވާމީ މާލީ މަރުކަޒަކަށް ހެދުމުގެ ތަސައްވަރާއި، ކަނޑު އަޑީގެ ބިއްލޫރި ޓަނަލާއި ރަސްމާލޭގެ އެއާޕޯޓަކީ ވެސް ތަސައްވުރެވެ. ކެންސަރު ހޮސްޕިޓަލާއި ތެލަސީމިއާ ހޮސްޕިޓަލް ވެސް މި ސަރަހައްދުގަ އެވެ.

މި ބަދަލު އަންނައިރު، ރަށްރަށަށް މިހާރު އަންނަ ބަދަލު އެނގިވަޑައިގެންފައިވޭތޯ އެވެ. މާލޭ ސަރަހައްދުގައި ވިންދު ހުރުމަކީ ދެބަސް ނުވެވޭނެ ހަގީގަތެކެވެ. އެހެންވެ، ހިޖުރަކުރުން އިތުރުވެ، ރަށްތައް ފަޅުވުމުގެ، ނުވަތަ ފަޅުވުމާ ގާތަށް ދިޔުމުގެ ބިރު އެބަ އޮތެވެ.

މަނިކުފާނު މަސައްކަތް ތިކުރައްވަނީ ޖުމުލަ 70،000 ހައުސިން ޔުނިޓު މުޅި ރާއްޖެ އަށް ފަތުރައިލުމަށެވެ. އެއީ ރަސްމާލޭގައި މިވަގުތު 30،000 ހައުސިން ޔުނިޓު އަދި އަތޮޅުތަކުގައި 40،000 ހައުސިން ޔުނިޓެވެ. ނަމަވެސް، އަތޮޅު އިގުތިސޯދު، ރަށު އިގުތިސޯދުގައި ދިރުމެއް، ވިންދެއް ނެތްއިރު، ހައުސިން ޔުނިޓުތަކެއް އެޅި ނަމަވެސް، ދިރުމެއް އަންނާނެތޯ އެވެ؟

އިތުރު އެހެން މައްސަލައެކެވެ. ދިވެހިންގެ ލޭނާރަކީ މަސްވެރި ކަމެކެވެ. ނަމަވެސް ބިދޭސީން ނެތި މިހާރު މަހަކަށް ނުފުރެ އެވެ. ދަނޑުތަކުގައި ވެސް ބިދޭސީންނެވެ. މޭވާ އާއި ތަރުކާރީ ހައްދަނީ، ސަޕްލައި ކުރަނީ އަދި ވިއްކަނީ އެ މީހުންނެވެ. ގައުމިއްޔަތު ދިރުވުމަކީ މި މަސައްކަތްތައް އަލުން އަނބުރާ ދިވެހިންނަށް ހޯދައި ދިނުމެވެ. ބިދޭސީން ލައްވައި ކުރުވިޔަސް، ދިވެހިންގެ ބާރު އޮތުމެވެ.

މަނިކުފާނުގެ ވައުދުތަކުގައި އަތޮޅުތަކުގައި ބްރިޖު ބިނާކުރުމާއި ދިގު ގޯޒްވޭތައް ފަތުރައިލުމާއި، ކާރުހާނާތަކާއެކު އާބަން ސެންޓަރުތައް ހެދުން ހިމެނެ އެވެ. ޑިޖިޓަލް އިކޮނޮމީގެ ވާހަކަ ވެސް ދެއްކެވި އެވެ. މި ހުންނަނީ ކިތަންމެހާ ވެސް ރަނގަޅު ކަންކަމެވެ. ނަމަވެސް، ދެން އަންނަ ބަޔަކަށް ވެސް ބަދަލު ނުގެނެވޭނެ ގޮތަށް، މިކަންކަމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން، މަނިކުފާނު ވިދާޅުވި ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލަން ފައްޓަވާށެވެ. އެކަމަށް ފަންނީ ބޭފުޅުންނާއި ތަޖުރިބާ ކާރުންނާއި އާންމު ރައްޔިތުންނާއި ސިޔާސީންގެ ވިސްނުން ހޯއްދަވާށެވެ.

އަޅުގަނޑުގެ ސުވާލަކީ އެކަން ކުރަން ފަށާނީ ކޮން އިރަކުންތޯ އެވެ؟ އަހަރެންގެ ވެސް ހިޔާލު އެބަ ހުއްޓެވެ. އިންތިޒާރުގައި މި ހުންނަނީ ގޮވައިލާނެ ވަގުތަކަށެވެ. ހަނދާން މިކޮށް ދިނީ ލަސްވަމުންދާތީ އެވެ.

***

ފަރުހާން

ސިޓީބިޓީ

ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައި ވަނީ "ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް [email protected] އަށް އީމެއިލްކޮށްލާށެވެ.