Advertisement

ޕީއެންސީގެ ކެންޑިޑޭޓަކު ހުއްޓާ އެ ޕާޓީގެ ޣަނީ ވެސް ކުރެންދޫ ދާއިރާއަށް ވާދަ ކުރަނީ

14 ފެބުރުވަރީ 2024 - 19:19 3

ނިމާ ހަސަން

ނިމާ ހަސަން

މެންބަރު ޣަނީ, ކުރެންދޫ ދާއިރާއަށް ވާދަކުރަން އީސީއަށް ފޯމު ހުށަހަޅަނީ


ޕީއެންސީގެ ކެންޑިޑޭޓަކު ހުއްޓާ އެ ޕާޓީގެ ޣަނީ ވެސް ކުރެންދޫ ދާއިރާއަށް ވާދަ ކުރަނީ

14 ފެބުރުވަރީ 2024 - 19:19 3

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީއިން ކުރެންދޫ ދާއިރާއަށް ވާދަކުރާނެ ކެންޑިޑޭޓަކު ހޮވާފައި އޮއްވައި، ދާދިފަހުން އެ ޕާޓީއަށް ސޮއި ކުރެއްވި މިހާރު ވެސް އެ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމް ވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ދާއިރާއަށް ވާދަކުރައްވަން ފޯމު ހުށަހަޅުއްވައިފި އެވެ.

ޕީއެންސީން މިދިޔަ ޖެނުއަރީ މަހު ބޭއްވި ޕްރައިމަރީން ނިންމާފައި ވަނީ އެ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާނެ ކެންޑިޑޭޓަކީ އާދަމް ތައުފީގް ކަމަށެވެ. އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުމަށްފަހު އާދަމް ގެންދަނީ ކެމްޕޭނު ވެސް ކުރަމުންނެވެ.

އެހެން ނަމަވެސް, އަމިއްލަ ގޮތުން ވާދަ ކުރައްވަން ޣަނީ ވަނީ މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފަ އެވެ. ފޯމު ހުށަހެޅުމަށްފަހު ޣަނީ ވިދާޅުވީ, އިތުރު ދައުރަކަށް މަޖިލީހަށް ކުރިމަތިލެއްވީ, ފެއްޓެވި ދަތުރު ކުރިއަށް ގެންގޮސް ނިންމުމަށް ކަމަށެވެ.

"ސަރުކާރު ކެންޑިޑޭޓެއް އެބަހުރި, އެކަމަކު އަޅުގަނޑަށް ވެސް ފުރުސަތެއްތާ ދެއްތޯ އިންތިހާބުގައި ވާދަކުރަން," ސަރުކާރު ކެންޑިޑޭޓަކު ހުއްޓާ ވާއްދަކުރައްވަނީ ކީއްވެތޯ ސުވާލު ކުރުމުން ޣަނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހިނގަމުންދާ މަޖިލީހުގެ ދައުރުގައި ސަރުކާރާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ރައްޔިތުންނަށް މަންފާތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދައުރުގައި ވެސް މަސައްކަތް ކުރައްވާނީ ސަރުކާރާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރު ވަކި, މަޖިލިސް ވެސް ވަކި އެކަމަކު ގުޅިލާމެހިގެން ނޫން ގޮތަކަށް ރައްޔިތުންގެ މައިގަނޑު ކަންތައްތައް ކުރުމަކީ ފަސޭހަ ކަމަކަށް ނުވޭ،" ޣަނީ ވިދާޅުވި އެވެ.

ޣަނީ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ފަސް އަހަރުގެ އަމާޒަކީ ކުރެންދޫ ދާއިރާއަށް ސިއްހީ, އަދި ތައުލީމީ ރޮނގުން ވަސީލަތްތަކާއި އުމްރާނީ ތަރައްގީގެ އިތުރުން އިންސާނީ ވަސީލަތްތައް ކުރިއެރުވުމަށް ސަރުކާރާއި މަޖިލީހުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމެވެ.