Advertisement

އިތުރު 3 ބަޔޮސްފިއާ ރިޒާވާ އެކު ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކެއް ހަދަނީ

13 ފެބުރުވަރީ 2024 - 19:26 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ވޯލްޑް ގަވަމަންޓްސް ފޯރަމްގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް


އިތުރު 3 ބަޔޮސްފިއާ ރިޒާވާ އެކު ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކެއް ހަދަނީ

13 ފެބުރުވަރީ 2024 - 19:26 0

ތިމާވެށި ހިމާޔަތް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި އިތުރު ތިން ބަޔޮސްފިއާ ރިޒާވާއެކު ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކެއް ގާއިމުކުރަން ރާވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދުބާއީގައި ކުރިއަށް ގެންދާ ވޯލްޑް ގަވަންމަންޓްސް ފޯރަމްގައި ތަގުރީރު ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވާ ކާރިސާތަކާއި ގެއްލުންތައް ކުޑަކުރަން ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.

ރާއްޖޭގައި އިތުރު ތިން ޔުނެސްކޯ ބަޔޮސްފިއާ ރިޒާވް ގާއިމުކޮށް ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗާ ޕާކު ތަރައްގީކުރަން ސަރުކާރުން ނިންމީ އެހެންވެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއެއްވެސް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވެފައިވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.

"ހިމާޔަތްކޮށްފައިވާ 91 ސަރަހައްދެއް އަދި ތިން ޔުނެސްކޯ ބަޔޯސްފިޔާ ރިޒާވް އަޅުގަނޑުމެންގެ [ރާއްޖޭގައި] އެބަ އޮތް. އަދި އަޅުގަނޑުމެން ޕްލޭންކޮށްފިން އިތުރު ތިން ބަޔޯސްވިޔާ ރިޒާވް އަދި ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކެއް ގާއިމްކުރަން" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ދަނޑުވެރިކަން ކުރުމަށްވެސް އިތުރު ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރައްވަމުން ރައީސް ވަނީ ރާއްޖޭގައި ވާޓިކަލް ފާމިން ޕައިލެޓް ޕްރޮޖެކްޓެއް ހިންގުމަށް ރާވާފައިވާކަމަށްވެސް ވިދާޅުވެފަ އެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައިން އުފެއްދޭ ކަރަންޓުގެ ގޮތުގައި ހަދަން މަސައްކަތް ކުރެއްވުމަށް ނިންމަވާފައިވާ ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.