Advertisement

އާޖެންޓީނާ އިން ބްރެޒިލްގެ އޮލިމްޕިކްސް ހުވަފެނަށް ހުރަސްއަޅައިފި

13 ފެބުރުވަރީ 2024 - 08:49 0


އާޖެންޓީނާ އިން ބްރެޒިލްގެ އޮލިމްޕިކްސް ހުވަފެނަށް ހުރަސްއަޅައިފި

13 ފެބުރުވަރީ 2024 - 08:49 0

ކަރަކާސް، ވެނެޒުއޭލާ (ފެބްރުއަރީ 13) - އެންމެ ފަހުން ބޭއްވި އޮލިމްޕިކްސްގެ ދެ ގޭމްސްގައި ވެސް ފިރިހެން ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ހޯދި ބްރެޒިލް، މި ފަހަރުގެ މުބާރާތަށް ކޮލިފައިނުވެ ކަޓައިފި އެވެ.

ބްރެޒިލަށް މި އަހަރު ފްރާންސްގައި ބާއްވާ އޮލިމްޕިކްސް އިން ޖާގަ ގެއްލުނީ އާޖެންޓީނާ އަތުން 1-0 އިން ބަލިވުމުންނެވެ. މިއާ އެކު، ޖެހިޖެހިގެން ތިން އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓް ކާމިޔާބުކުރަން ބްރެޒިލުން ކަނޑައެޅި ޓާގެޓަށް ހާސިލްނުވީ އެވެ.

އަމިއްލަ ގައުމުގައި 2016 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓް ކާމިޔާބުކުރި، ބްރެޒިލުން ވަނީ 2021 ވަނަ އަހަރު ޓޯކިޔޯގައި ކުރިއަށްދިޔަ އޮލިމްޕިކްސްގައި ވެސް އެ ކާމިޔާބީ ތަކުރާރުކޮށްފަ އެވެ. މި ފަހުން، ބްރެޒިލް ސީނިއާ ޓީމުން ޒުވާން ކުޅުންތެރިންނަށް ގިނަ ފުރުސަތު ދިން އެއް ސަބަބަކީ ވެސް އޮލިމްޕިކްސް އަށް ތައްޔާރުވުމެވެ.

އާޖެންޓީނާގެ އިތުރުން، ޕެރިސް އޮލިމްޕިކްސް އިން ފުރުސަތު ހޯދި ދެކުނު އެމެރިކާގެ އަނެއް ޓީމަކީ، ޕެރަގުއޭ އެވެ.

އޮލިމްޕިކްސް އަކީ، 23 އަހަރުން ދަށުގެ މުބާރާތެކެވެ. އެކަމަކު، ގަވާއިދުގެ ތެރެއިން ސީނިއާ ތިން ކުޅުންތެރިންނަށް ޓީމުން ޖާގަ ދެވޭނެ އެވެ. ބްރެޒިލުން 2016 ވަނަ އަހަރު އޮލިމްޕިކްސް ކާމިޔާބުކުރިއިރު، އެ ޓީމަށް ނޭމާ ވަނީ ކުޅެފަ އެެވެ.

ބްރެޒިލް ބަލިކުރި އާޖެންޓީނާ އިން ވެސް ވަނީ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓް ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފަ އެވެ. އެއީ، 2004 އާއި 2008 ވަނަ އަހަރު އެވެ. އެ ޓީމުން އެންމެ ފަހުން އޮލިމްޕިކްސް ކާމިޔާބުކުރިއިރު، ޓީމުގައި ލިއޮނަލް މެސީ އާއި އަންހެލް ޑި މާރިއާ ހިމެނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން، ޕެރިސް އޮލިމްޕިކްސްގައި އާޖެންޓީނާގެ ޓީމުގެ ކޯޗިން ސްޓާފެއްގެ ގޮތުގައި ބައިވެރިވާން މެސީ އަށް ހުށަހަޅާނެ އެވެ. އެކަން ކަށަވަރުކޮށްދިނީ، އާޖެންޓީނާ ޒުވާން ޓީމުގެ ކޯޗު ހަވިއޭ މަޝެރާނޯ އެވެ. މަޝެރާނޯ ވަނީ މެސީއާ އެކު، އާޖެންޓީނާ ގައުމީ ޓީމާއި ބާސެލޯނާ އަށް ކުޅެފަ އެވެ.