ލަންޑަން (ފެބްރުއަރީ 13) - އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން 3-1 އިން ފަހު ވަގުތު ކްރިސްޓަލް ޕެލަސް ބަލިކޮށްފި އެެވެ.
ޗެލްސީ ވަނީ މި މޮޅާ އެކު، އަލުން 10 ވަނަ އަށް ޖެހިލައިފަ އެވެ. ޗެލްސީ އަށް 24 މެޗުން ވަނީ 34 ޕޮއިންޓް ލިބިފަ އެވެ. ގަދަ ހަތަރަކާއި ޗެލްސީއާ ދެމެދު 13 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް 24 މެޗުން ވަނީ 47 ޕޮއިންޓް ލިބިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ޕެލަސް އިން ވަނީ 30 ވަނަ މިނިޓްގައި ޖެފަސަން ލޭމާ، ގޯލުގެ މަތީ ކަނަށް ފޮނުވާލި ބޯޅައިން ލީޑުނަގައިފަ އެވެ.
ފުރަތަމަ ހާފުގައި ޗެލްސީގެ އެޓޭކް ދަށްކޮށް ފެނިގެންދިޔަ ނަމަވެސް ދެ ވަނަ ހާފުގައި އެ ޓީމުން ވަނީ އެކަން ރަނގަޅުކޮށްފަ އެވެ. އެ ގޮތުން، ދެ ވަނަ ހާފު ފެށިގެން ދެ މިނިޓް ތެރޭ ޗެލްސީން ގޯލެއް ޖަހައި އެއްވަރުކުރި އެވެ. މި ލަނޑު ޖެހީ، ކުރިން ލޯން އެއްބަސްވުމެއްގެ ދަށުން ޕެލަސް އަށް ކުޅުނު ކޮނާ ގެލަގާ އެވެ. މިއީ، މަލޯ ގުސްޓޯ ނަގައިިދިން ހުރަހަކުން ގެލަގާ ޖެހި ލަނޑެކެވެ.
މެޗު އެއްވަރުވާން ދަނިކޮށް، އިތުރު ވަގުތުގައި ދެ ގޯލު ޖަހައި، ޗެލްސީން ވަނީ މޮޅުވެފަ އެވެ. އެ ގޮތުން، އެ ޓީމަށް ލީޑުނަގައިދިން ލަނޑު ޖެހީ، ވެސް ގެލަގާ އެވެ. އަދި ތިން ޕޮއިންޓް ކަށަވަރުކުރީ އެންޒޯ ފެނާންޑޭޒް ޖެހި ލަނޑުންނެވެ. މި ދެ ލަނޑު ވެސް ޖެހީ، ޗެލްސީ ޖޯޒީގައި މި ސީޒަނު މޮޅު ކުޅުމެއް ދައްކަމުން އަންނަ، ކޯލް ޕާމާގެ އެހީތެރިކަމާ އެކުގަ އެވެ.
މައުރީސިއޯ ޕޮޗެޓީނޯ ކޯޗުކޮށްދޭ ޗެލްސީ އަށް މި މަހަކީ މުހިންމު ދުވަސްވަރަކެވެ. އެއީ، ލީގުގައި މެންޗެސްޓާ ސިޓީއާ ކުޅޭ މެޗާއި ލީގު ކަޕްގެ ފައިނަލުގައި ލިވަޕޫލާ ކުޅޭ މެޗުތައް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އޮތުމުންނެވެ.
Comment