Advertisement

ގަތަރުގައި މަރުގެ ހުކުމް އިއްވި އިންޑިއާގެ އަށް މީހަކު މިނިވަންކޮށްފި

13 ފެބުރުވަރީ 2024 - 06:21 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިންޑިއާގެ ނޭވީން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން -- ފޮޓޯ: ރޮއިޓާސް


ގަތަރުގައި މަރުގެ ހުކުމް އިއްވި އިންޑިއާގެ އަށް މީހަކު މިނިވަންކޮށްފި

13 ފެބުރުވަރީ 2024 - 06:21 0

ގަތަރުގައި މަރުގެ ހުކުމް އިއްވި އިންޑިއާގެ ކުރީގެ އަށް ނޭވީ އޮފިސަރުން މިނިވަން ކޮށްފި އެވެ.

ގަތަރުގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ޑަހްރާ ގްލޯބަލްގައި މަސައްކަތް ކުރަމުން ދިޔަ އެ މީހުން އޯގަސްޓު 2022 ގައި ހައްޔަރުކުރީ އިޒްރޭލަށް ޖާސޫސްކޮށްދޭ ކަމުގެ ތުހުމަތުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެ މީހުންނަށް ދައުވާކޮށް ހުކުމް ކުރީ އެ މައްސަލައިގަ އެވެ.

ނަމަވެސް އެކަން ގަތަރު އަދި އިންޑިއާއިން ޔަގީންކޮށް ނުދެ އެވެ. އެ މީހުންނަށް މަރުގެ ހުކުމް އިއްވީ މިދިޔަ އޮކްޓޯބަރު މަހު އެވެ.

އިންޑިއާއަކީ ގަތަރުން އެންމެ ގިނައިން ގުދުރަތީ ގޭސް ގަންނަ އެއް ގައުމަށް ވާއިރު، އަށް މީހުން ހައްޔަރުކޮށް މަރުގެ ހުކުމް އިއްވި މައްސަލައިގައި ދެ ގައުމުގެ ގުޅުމަށް ބުރޫއެރި އެވެ. އަދި މައްސަލަ ހައްލުކުރަން ދެ ގައުމުން އައީ ވާހަކަ ދައްކަމުންނެވެ.

"ގަތަރުން ހައްޔަރުކުރި އިންޑިއާގެ ރައްޔިތުންތަކެއް މިނިވަން ކުރަން ނިންމުމުން އެ ގައުމުގެ އަމީރުއަށް ޝުކުރު އަދާ ކުރަން" އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނި އެވެ.

މަރުގެ ހުކުމް އިއްވި އަށް މީހުން މިނިވަން މިކުރީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މި މަހުގެ 14 ވަނަ ދުވަހު ގަތަރަށް ރަސްމީ ދުރުފުޅެއް ކުރައްވަން ހަމަޖައްސަވާފައި ވަނިކޮށެވެ. އަދި ދާދި ފަހުން އިންޑިއާގެ ކުންފުނިތަކަކުން ވަނީ ގަތަރުން ގޭސް ގަތުމަށް އެއްބަސްވުންތަކެއް ވެސް ހަދައިފަ އެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނީ މިނިވަން ކުރި އަށް މީހުންގެ ތެރެއިން ހަތް މީހަރު އަނބުރާ ގައުމަށް ގޮސްފައިވާ ކަމަށެވެ. އަނެއް މީހާ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް ފަހު ލަހެއް ނުވެ އިންޑިއާ ދާނެ އެވެ.