Advertisement

ނިއު ރޭޑިއަންޓް ކަޓުވާލައި ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެއްޖެ

12 ފެބުރުވަރީ 2024 - 17:34 0

ވިކްޓަރީ ޓީމުގެ ފައިޓޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ނިއު ރޭޑިއަންޓް ކަޓުވާލައި ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެއްޖެ

12 ފެބުރުވަރީ 2024 - 17:34 0

އެމްޕީއެލް އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް ދެ ވަނަ މެޗުން ނިއު ރޭޑިއަންޓް އަތުން 2-0 އިން މޮޅުވެ، ވިކްޓަރީ ސްޕޯޓްސް ކްލަބުން ދެ ވަނަ ޑިވިޝަނުގެ ފައިނަލުގެ ޖާގައަކާ އެކު، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެއްޖެ އެވެ.

މިއީ، ސަސްޕެންޝަނުގެ ސަބަބުން ދެ ވަނަ ޑިވިޝަނަށް ވެއްޓުނު ނިއު އާއި ވިކްޓަރީ، މި ޑިވިޝަނުގައި ކުޅޭ ދެ ވަނަ ސީޒަނެވެ. މުސާރަ ނުދޭ މައްސަލަ އާއި އެޑްމިނިސްޓްރޭޓިވް މައްސަލަތަކާ ހެދި ވިކްޓަރީ ސަސްޕެންޑްކުރީ 2020 ވަނަ އަހަރު އެވެ. މާލީ މައްސަލަަތަކެއްގައި ނިއު ސަސްޕެންޑްކުރީ އޭގެ އެއް އަހަރު ކުރިންނެވެ. އެ ސަސްޕެންޝަނުން އަަރައިގަނެ، ނިއު އާއި ވިކްޓަރީން މިދިޔަ ސީޒަނުގެ ދެ ވަނަ ޑިވިޝަނުގައި ކުޅެފަ އެވެ. މިދިޔަ ސީޒަނުގެ ދެ ވަނަ ޑިވިޝަނުގައި ވިކްޓަރީ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ނިއު އަށް އެ ފަހަރު ވެސް މުބާރާތް ނިމުނީ މި ސީޒަނެކޭ އެއްގޮތަށް ސެމީ ފައިނަލުންނެވެ.

ވިކްޓަރީގެ އިތުރުން، މި ފަހަރުގެ ދެ ވަނަ ޑިވިޝަންގެ ފައިނަލަށް ދަތުރުކުރި، މަސް އޮޑި ސްޕޯޓްސް ކްލަބަށް ވެސް ވަނީ އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބިފަ އެވެ. ވިކްޓަރީ އާއި މަސް އޮޑި ކުޅޭ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު އެވެ.

މި މެޗަށް ވިކްޓަރީން ނުކުތްއިރު އެ ޓީމުގެ ކިރްގިސްތާން މިޑްފީލްޑަރު، އަނަޓޯލީ ވްލަޝީޗޭފް ވަނީ، އެންމެ ފަހުން، ކުއާޓާ ފައިނަލުގައި ކުޑަހެންވޭރު ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގި ހަމަނުޖެހުމަށް ފަހު، ލިބުނު އަނިޔާތަކާ ހެދި ކްލަބްގައި އެދިގެން، ރާއްޖޭން ފުރައިފަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވިކްޓަރީން ވަނީ ހަތަރު ވަނަ މިނިޓްގައި ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. ހިލޭޖެހުމަކުން، ވިކްޓަރީގެ ފުރްކަޓްޖޯން ހަސަންބޮއެވް އަށް ލިބުނު ފުރުސަތުގައި އޭނާ ޖެހި ބޯޅަ ނިއުގެ ކީޕަރު، މުހައްމަދު ޖަޒްލާން (ބަބޭ) ވަނީ މަތަކޮށްފަ އެވެ.

ނިއު އަށް ފުރަތަމަ ފުރުސަތު ލިބުނީ 20 ވަނަ މިނިޓްގަ އެވެ. އެ ޓީމުގެ ގާނާ ފޯވާޑް، ކޯފީ އޮވޫސޫ ދިން ބޯޅައަކުން އޭރިއާތެރެއިން އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ފޮނުވާލި ޝޮޓް، ވިކްޓަރީގެ ޕާކިސްތާން ކީޕަރު، ހަނީފް ސާގިބް ވެއްޓިގެންފައި ފައިން ވަނީ މަތަކޮށްފަ އެވެ. އޭގެ ފަސް މިނިޓް ފަހުން، ވިކްޓަރީން ލީޑުނެގީ، ހުސެއިން ފައިސަލް (ފައިޓޯ) ޖެހި ލަނޑުންނެވެ. މިއީ، މޫސާ ޔާމިން (ޔާމްބެ) ދިން ބޯޅައަކަށް ހުސްކޮށް އަރައި، ފައިޓޯ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.

ވިކްޓަރީން ލީޑުނެގި ފަހުން، ނިއު އިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެ، ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ހޯދި އެވެ. އެ ގޮތުން، އެ ޓީމުގެ އިސްމާއިލް ވިފާގު (އިއްސެ) އާއި ބިޗަޑް އަށް ލިބުނު ބޯޅަތައް ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ވިކްޓަރީ އާއި ނިއު ވެސް ދެ ވަނަ ހާފަށް ނުކުތީ ބަދަލުތަކަކާ އެކު އެވެ. ވިކްޓަރީން ވަނީ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އާއި އިބްރާހިމް ރިޒްހާން (ރިޒްކޯ) ކުޅެން އަރުވައިފަ އެވެ. ނިއު އިން ވަނީ އެ ޓީމުގެ، ޝަމްވީލް މުހައްމަދު (ބޮންޑާ) ކުޅެން އަރުވައިފަ އެވެ.

ވިކްޓަރީން ވަނީ މެޗުގެ 67 ވަނަ މިނިޓްގައި ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މި ލަނޑު ޖެހީ ރިޒްކޯ އެވެ. މިއީ، ވިކްޓަރީގެ މުހައްމަދު އުމައިރު އާއި ބޮކުރީ އަދި ޔާމްބެ ގުޅިގެން ކުރި އެޓޭކެއްގައި ރިޒްކޯ އަށް އޭރިއާތެރެއިން ލިބުނު ބޯޅައަކުން ޖެހި ގޯލެކެވެ.

ކައުންޓަ އެޓޭކުގައި ނިއު އިން މެޗުގެ 80 ވަަނަ މިނިޓްގައި ރަނގަޅު ފުރުސަތެއް ހޯދި އެވެ. ބަދަލަކަށް ކުޅެން އެރި ނިއުގެ އަހުމަދު ޝަމީމް އަރިމަތިން އަރައި، އެ ޓީމުގެ އަޔާޒް އަހުމަދު (އަޔާ) އަށް ދޭން ނެގި ހުރަހެއް، ވިކްޓަރީގެ ކެޕްޓަން، އަކުރަމް އަބްދުލް ގަނީ (އަކޫ) ވަނީ ބޭރުކޮށްލައިފަ އެވެ.

މިއީ، ސޮބާހު މުހައްމަދު (ސޮބާ)ގެ އިރުޝާދުގެ ދަށުން، ދެ ވަނަ ޑިވިޝަނުން ޓީމެއް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން، 2016 ވަަނަ އަހަރު ކްލަބް ގްރީން ސްޓްރީޓްސް އިން ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވިއިރު، ކޯޗަކަށް ހުރީ ސޮބާ އެވެ.

މިދިޔަ ސީޒަނުގައި ނިއުގެ ކޯޗަކަށް ހުރި، ސޮބާ، މި ވަނީ މި ފަހަރު ވިކްޓަރީއާ ހަވާލުވެ، އެ ޓީމު އަލުން ފުރަތަމަ ޑިވިޝަނަށް ގެންގޮސްދީފަ އެވެ.