Advertisement

މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ވާހަކައިގެ "ރާގު" ބަދަލުވެއްޖެ

12 ފެބުރުވަރީ 2024 - 16:40 2

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ހޯމް މިނިސްޓަރު އަލީ އިހުސާން ކެބިނެޓް ބައްދަލުވުމަކަށް ވަޑައިގަންނަވަނީ. އޭނާ އަކީ ބޮޑެތި އަސްކަރީ ތަމްރީނުތަކެއް ހައްދަވާފައިވާ ބޭފުޅެއް. ފޮޓޯ: ރައީސް އޮފީސް


މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ވާހަކައިގެ "ރާގު" ބަދަލުވެއްޖެ

12 ފެބުރުވަރީ 2024 - 16:40 2

"މިސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރަން ނިންމާފައިވާ" ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އަލީ އިހުސާން ދެއްކެވި ވާހަކައިގެ ރާގު ބަދަލުވެ، މަރުގެ އަދަބު ތަންފީޒުނުކުރާ ގިނަ ގައުމުތަކުން ދައްކާ އުޒުރުތައް މިއަދު ދައްކަވައިފި އެވެ.

ޑިސެމްބަރު 4، 2023، ގައި އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަކީ މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމާފައިވާ ސަރުކާރެއް ކަމަށެވެ.

"އަޅުގަނޑުމެން ދިވެހި ސަރުކާރަކީ މިހާރުގެ ސަރުކާރަކީ މަރުގެ ހުކުމް ތަންފީޒު ކުރަން އަޅުގަނޑުމެން ވެސް ހަމަ ނިންމާފައި އޮތް ސަރުކާރެއް،" މިނިސްޓަރު އެ ދުވަހު ވިދާޅުވި އެވެ.

އޭނާ އެ ދުވަހު ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރާނީ ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ކަމަށެވެ.

"އަޅުގަނޑުމެން އެކަމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ބަލަންޖެހޭ ކަންކަން ބަލާފައި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާއި އިމުގެ ތެރޭގައި އެކަން ކުރާނަން،" އިހުސާން އޭރު ވިދާޅުވި އެވެ.

ނަމަވެސް، މިނިސްޓަރު އިހުސާން މިއަދު ވިދާޅުވީ ރާއްޖޭގެ ސިޔާސަތަކީ މަރުގެ އަދަބު ތަންފީޒުކުރުން ކަމަށް ވިޔަސް ރާއްޖެ އާއި ބޭރުގެ ޖަމިއްޔާތަކާ ގުޅިގެން މިހާރު ކުރަމުން އަންނަ މަސައްކަތަކީ މަރުގެ ހުކުމް ކުރެވޭ މީހާއަށް އަދުލުގެ ނިޒާމުގެ ތެރެއިން ކަށަވަރުކުރަން ޖެހޭ ހުރިހާ ހައްގެއް ކަށަވަރު ކުރެވޭތޯ ބެލުން ކަމަށެވެ. އެ މުޅި ނިޒާމުގައި ހުންނަނ ޖެހޭ ފުރިހަމަކަން އެބަ އޮތްތޯ ކަށަވަރުކުރުމަކީ ވެސް މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން ކުރާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"[މަރުގެ އަދަބު ތަންފީޒުކުރުމުގައި] ސަރުކާރުގެ ސްޓޭންޑް އަޅުގަނޑު ކުރީ ދުވަހު ވެސް ފާހަގަކުރިން. އެހެން ނަމަވެސް އަޅުގަނޑުމެން ރާއްޖެއާއި ރާއްޖޭން ބޭރުގައި އެއްކޮށް މަސައްކަތްކުރާ ޖަމިއްޔާތަކާ ގުޅިގެން އެންމެ ފުރަތަމަ އެ ޕްރޮސެސް، މިއީ ބޮޑު ޕްރޮސެސް އެއް އިނގޭތޯ، މި ޕްރޮސެސް ތެރޭގައިި އެންމެ ފުރަތަމަ ކަށަވަރުކުރާ ކަމަކީ ހުކުމްކުރެވޭ މީހާ މުޅި އަދުލުގެ ނިޒާމުގެ ތެރޭގައި އޭނާއަށް ދެވެން ޖެހޭ ހުރިހާ ހައްގެއް ކަށަވަރު ވެފައި އޮތްތޯ [ބެލުން]،" ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ އިދާރާތަކަކުން ނޫސްވެރިންނަށް މައުލޫމާތު ދޭން އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ބައްދަލުވުމުގައި "އަަދަދު" ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

މުޅި ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު އޮތްކަން ކަށަވަރުކުރުމަކީ ވެސް މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެކަން ޔަގީންކުރުމަކީ އަޅުގަނޑުމެން ފުރަތަމަ ކުރާނެ ކަންކަން،" އިހުސާން ވިދާޅުވި އެވެ.

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ނިންމި އެވެ. އެހެން ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ސިޔާސަތު 2018 ގައި ބަދަލުކުރި އެވެ.

މަރުގެ އަދަބު ތަންފީޒުކުރުން ހުއްޓާލާފައި އޮތް އޮތުން އިއާދަކުރަން ނިންމި ސަބަބެއް ކަމަށް އެ ސަރުކާރުން ވެސް ބުނީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް އިތުބާރު ނެތުމެވެ.

މިވަގުތު މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގައި ހަތަރު މީހަކު އެބަ ތިއްބެވެ. އޭގެ ތެރޭގައި އޮކްޓޯބަރު 1، 2012، ގައި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރުގެ ހުކުމް އިއްވާފައިވާ ހުސެއިން ހުމާމް އަހުމަދު ހިމެނެ އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރާ މަރުހަލާގައި ދެން ތިބީ ގ. ރީފް، މާލެ، މުހައްމަދު ނަބީލް އާއި މ. މަސްރޫރާ އަހުމަދު މުއްރަތާއި ދަފުތަރު ނަމްބަރު 3912، މުހައްމަދު ޝައިފަން އެވެ.

ނަބީލްއަކީ، ސ. ހުޅުދޫ، ލިލީމާގޭ، އަބްދުﷲ ފަރުހާދު މާޗް 8، 2009، ގައި މަރާލި މައްސަލައިގައި މަރުގެ ހުކުމް އިއްވާފައިވާ މީހެކެވެ. މުއްރަތަށް މަރުގެ ހުކުމް އިއްވީ ވަކީލު އަހުމަދު ނަޖީބު ޖުލައި 1، 2012، ގައި މަރާލި މައްސަލައިގަ އެވެ. ޝައިފަން މަރަން ހުކުމް ކުރީ އޭޕްރީލް 1، 2012، މ. ފެއާރީކޯނާ، އަލީ ޝިފާން މަރާލި މައްސަލައިގަ އެވެ.

ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމެއް ތަންފީޒު ކުރީ މީގެ 70 އަހަރު ކުރިން 1953 ވަނަ އަހަރެވެ. މަރުގެ ހުކުމް ތަންފީޒު ކުރެވުނީ ހަކީމް ދީދީގެ މައްޗަށެވެ. އޭނާގެ މައްޗަށް ސާބިތުވީ ސިހުރު ހަދައި، ވިހަ ހިކައެއް ލައިގެން ސައި ކައްކައި ހުވަދު އަތޮޅު އަތޮޅުވެރިޔާ ވީރު އަލިދީދީ އަށް އެރުވި ކަމުގެ ކުށެވެ. ހުކުމް ކުރެއްވީ އަބްދުﷲ ޖަލާލުއްދީނެވެ.