Advertisement

ރައީސްއާއި ނައިބު ރައީސް މަޖިލީހަށް ހާޒިރުކުރެވޭ ގޮތް ހަދަން ހުށަހަޅައިފި

12 ފެބުރުވަރީ 2024 - 15:17 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އަދި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް (ވ): ރައީސް އަދި ނައިބު ރައީސް މަޖިލީހަށް ހާޒިރު ކުރެވޭ ގޮތަށް ހުށަހަޅަން އިދިކޮޅުން ވިސްނަނީ - ފޮޓޯ: ރައީސް އޮފީސް


ރައީސްއާއި ނައިބު ރައީސް މަޖިލީހަށް ހާޒިރުކުރެވޭ ގޮތް ހަދަން ހުށަހަޅައިފި

12 ފެބުރުވަރީ 2024 - 15:17 0

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް މަޖިލީހުގެ މެންބަރުންނަށް ސުވާލު ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަދަލުކުރަން ހުށަހަޅައިފި އެވެ.

ގަވާއިދަށް އެ ބަދަލު ގެންނަން ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ސަލީމެވެ. ސަލީމް މި ކަން ހާމަކުރެއްވީ ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނު އުވާލަން އޭނަ ހުށަހެޅުއްވި ބިލުގެ ބަހުސް ފަށަން، މަޖިލީހުގެ ތަޅުމަށް ބިލު އިއްވަވަމުންނެވެ.

ސަލީމު ވިދާޅުވި ގޮތުގައި މީގެ ކުރިން އެކަން ނުކުރެވިގެން ދިޔައީ، މިވީހާ ދުވަހު މަޖިލީހުން އަމަލު ކުރަމުން ދިޔަ ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނުގެ ސަބަބުންނެވެ.

އޭނާ ވިދާޅުވީ، ރައީސްއާއި ނައިބު ރައީސް ހާޒިރުކުރުމަކީ މިހާރު ވެސް ގާނޫނު އަސާސީން މަޖިލީހަށް ލިބިފައިވާ ބާރެކެވެ. ގާނޫނު އަސާސީގައި އޮންނަ ގޮތުން ވަޒީރުންގެ މަޖިލީހާއި އެ ނޫން ވެސް ސަރުކާރުގެ އިސް މަގާމުގެ ބޭފުޅުން ހާޒިރުކޮށް ސުވާލު ކުރުމުގެ ބާރު މަޖިލީހަށް އޮންނަ ކަމެވެ.

"ވަޒީރުންގެ މަޖިލީހަކީ ހަމައެކަނި ވަޒީރުންނެއް ނޫން، ވަޒީރުންގެ މަޖިލީހުގައި (ކެބިނެޓުގައި) އެންމެ އިސް ދެ ބޭފުޅުންނަކީ، ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު،" ގަވާއިދަށް ހުށަހަޅާފައިވާ ބަދަލުގެ ވާހަކަ ފާހަގަ ކުރައްވަމުން ސަލީމް ވިދާޅުވި އެވެ.

އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ސަލީމް، ރައީސް އާއި ނައިބު ރައީސް ހާޒިރު ކުރެވޭ ގޮތް ހެދުމަށް ގަވައިދަށް ބަދަލެއް ގެންނަން ހުށަހެޅި އިރު އެމްޑީޕީގެ އިސް ލީޑަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާޒިރު ކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކޮށްފައިވެ އެވެ.

މަޖިލީހުގެ މައިނޯރިޓީން އޭރުގެ ރައީސް ސޯލިހު ހާޒިރު ކުރުމަށް މަސައްކަތް ކުރީ، ރާއްޖެއާއި މޮރިޝަސްގެ ފުށުއަރާ ކަނޑުގެ ސަރަހައްދު ކަނޑައެޅުމަށް އިޓްލޮސްގައި އޮތް މައްސަލާގައި ދިވެހި ދައުލަތުގެ މަސްލަހަތު އޭރުގެ ސަރުކާރުން އިސްކޮށްފައި ނުވާ ކަމަށް ބުނެ އެވެ.

އެ ފަހަރު، އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.

ރައީސްއާއި ނައިބު ރައީސް ހާޒިރުކުރެވޭ ގޮތަށް މަޖިލީހުގެ ގަވައިދު ބަދަލުކުރާ ވާހަކަ ދައްކަވާފައި މި ވަނީ، ރައީސް މުއިއްޒު އަޒުލު ކުރުމުގެ ވިސްނުން ވެސް އެމްޑީޕީން ހާމަކޮށްފައިވަނިކޮށެވެ. އެ ޕާޓީގެ މެންބަރުން ވިދާޅުވަނީ އެ ކަން ކުރާނީ "އެންމެ ރަނގަޅު" ވަގުތު ޖެހުމުން ކަމަށެވެ.