Advertisement

ހަތަރު ދާއިރާއަކަށް ވާދަނުކުރަން އެމްޑީޕީން ނިންމައިފި

12 ފެބުރުވަރީ 2024 - 14:34 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓެއް: މަޖިލިސް އިންތިހާބުގައި ހަތަރު ދާއިރާއަކަށް އެމްޑީޕީން ވާދަނުކުރުމަށް ނިންމައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ހަތަރު ދާއިރާއަކަށް ވާދަނުކުރަން އެމްޑީޕީން ނިންމައިފި

12 ފެބުރުވަރީ 2024 - 14:34 0

އަންނަ މަހު ބާއްވަން ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އިދިކޮޅު މައި ޕާޓީ އެމްޑީޕީން ހަތަރު ދާއިރާއަަކަށް ވާދަނުކުރުމަށް ނިންމައިފި އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރާއިރު، އެމްޑީޕީން މިއަދު ހުށަހެޅީ 89 ދާއިރާއަށް ވާދަކުރާ ފޯމެވެ.

އެމްޑީޕީން ވާދަނުކުރާ ހަތަރު ދާއިރާއަކީ؛

  • ފެލިދޫ ދާއިރާ
  • ތ. ގުރައިދޫ ދާއިރާ
  • ނިލަންދޫ ދާއިރާ
  • ފުވައްމުލައް އުތުރު ދާއިރާ

އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) "އަދަދު" ނޫހަށް ވިދާޅުވި ގޮތުގައި އެ ދާއިރާތަކަށް ވާދަނުކުރުމަށް ޕާޓީން މިހާރު ނިންމާފައިވާ ކަމަށެވެ.

އޭގެ ބަދަލުގައި އެ ދާއިރާތަކަށް ވާދަކުރާ އެހެން ކެންޑިޑޭޓަކަށް، ޕާޓީން ތާއީދު ކުރުމަށް ނިންމުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕާޓީން ނިންމީ ދެން އެ ހަތަރު ދާއިރާއަށް ވާދަނުކުރަން، ދެން އެ ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑޭޓަކަށް ޕާޓީން ތާއީދުކޮށްފާނެ،" އިބުރޭ ވިދާޅުވި އެވެ.

ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކުރަން ހުޅުވައިލި މުއްދަތު ހަމަވިއިރު، އެއްވެސް މީހަކު ކުރިމަތިނުލާ 14 ދާއިރާއެއް ފުރަތަމަ އޮތެވެ. އެ ފަހުން ޕާޓީގެ ލީޑާޝިޕުން ޝައުގުވެރިވާ މީހުން ބެލުމަށް ފަހު، އެއިން 10 ދާއިރާއަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓު ވަނީ އަރުވައިފަ އެވެ.

ޕްރައިމަރީއާ ހަމައަށް ވެސް އެ ޕާޓީން ބުނަމުން އައީ ހުރިހާ ދާއިރާއަކަށް ވާދަކުރާނެ ކަމަށެވެ. އަދި އެ ވަގުތު ކުރިމަތިލުމަށް އެއްވެސް މެންބަރަކު ޝައުގުވެރިކަން ފާޅުނުކުރާ ދާއިރާތައް އެހެން ޕާޓީއަކަށް ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށް އެ ޕާޓީން އޭރު ބުނެފައިވެ އެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީން ބޮޑު ކާމިޔާބީއެއް ހޯދާފައިވެ އެވެ. 2019 ވަނަ އަހަރު ބޭއްވި އެ އިންތިހާބުގައި އެ ޕާޓީން ވަނީ 87 ދާއިރާގެ ތެރެެއިން 65 ދާއިރާ ކާމިޔާބުކޮށްފަ އެވެ. އެއީ އެއް ޕާޓީއަކަށް އެހާ ބޮޑު މެޖޯރިޓީއެއް ލިބުނު ހަމައެކަނި ފަހަރެވެ.

ބައިލައްކައެއްހާ މެންބަރުން ތިބި އެމްޑީޕީއަކީ، އިންތިހާބު ކާމިޔާބު ކުރުމުގެ ޓްރެކް ރެކޯޑު އެންމެ ބޮޑު ޕާޓީ އެވެ. އެ ޕާޓީން ވަނީ ތިން ކައުންސިލް އިންތިހާބަކާއި، މިހާތަނަށް ބޭއްވި ހަތަރު ރިޔާސީ އިންތިހާބުގެ ތެރެއިން ދެ ރިޔާސީ އިންތިހާބު އެ ޕާޓީން ކާމިޔާބުކޮށްފައިވެ އެވެ.