Advertisement

ބީއެމްއެލްގެ ކާޑުތަކުން ބޭރުގައި މުއާމަލާތް ކުރެވޭ މިންވަރު 10 ޕަސެންޓު ކުޑަކުރަނީ

12 ފެބުރުވަރީ 2024 - 12:30 2

އަމަން ހަލީމް

އަމަން ހަލީމް

ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް ކާޑެއް: ބޭންކުން މިގޮތަށް ނިންމީ އިންތިހާއަށް ޑޮލަރު ތާށިވެގެން -- ފޮޓޯ: ބީއެމްއެލް


ބީއެމްއެލްގެ ކާޑުތަކުން ބޭރުގައި މުއާމަލާތް ކުރެވޭ މިންވަރު 10 ޕަސެންޓު ކުޑަކުރަނީ

12 ފެބުރުވަރީ 2024 - 12:30 2

ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ބޭރު ގައުމުތަކުގައި ތިބެގެން މުއާމަލާތް ކުރެވޭ މިންވަރު 10 ޕަސެންޓު ކުޑަކުރަން ނިންމާ، މި މަހުގެ ތެރޭގައި އެ ނިންމުން ތަންފީޒުކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

އިތުބާރު ހުރި މަސްދަރަކުން މިކަމުގެ މައުލޫމާތު ދެމުން "އަދަދު" ނޫހަށް ބުނި ގޮތުގައި ބޭންކުން ނިންމާފައި ވަނީ ބޭރުގައި ތިބެގެން ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުން ވެސް މުއާމަލާތް ކުރެވޭ މިންވަރު ކުޑަކުރަން ނިންމާފަ އެވެ. އަދި މިއީ ޑޮލަރުގެ ހާލަތަށް ބަދަލު ނާންނަ ކަމުގައި ވަންޏާ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ބޭންކުގެ ބޯޑުން ނިންމާފައިވާ ނިންމުމެއްގެ ދަށުން އަޅާ ފިޔަވަޅެއް ކަމަށް އޭނާ ބުންޏެވެ.

ބޭރު ގައުމެއްގައި ބީއެމްއެލްގެ ޑެބިޓް ކާޑަކުން މިހާރު މުއާމަލާތް ކުރެވެނީ މަހަކު 250 ޑޮލަރާ ހަމައަށެވެ. ކްރެޑިޓް ކާޑަކުން މުއާމަލާތްކުރެވެނީ 750 ޑޮލަރާ ހަމައަށެވެ. ބޭންކުން ގެންނަން ނިންމާފައިވާ ބަދަލުތަކާއެކީ ދެން މުއާލަމާތް ކުރެވޭނީ:

  • ޑެބިޓް ކާޑަކުން - 225 ޑޮލަރު
  • ކްރެޑިޓް ކާޑަކުން - 675 ޑޮލަރު

މިކަމާ ގުޅޭގޮތުން ބޭންކުގެ ރަސްމީ ބަހެއް ހޯދަން ގުޅުމުން އެ ބޭންކުގެ އޮފިޝަލަކު ވިދާޅުވީ ބޭންކުން ޑޮލަރާ ގުޅޭ ނިންމުންތައް ނިންމަނީ ބޭންކުގެ ޑޮލަރު ރިޒާވުގެ މައްޗަށް ބިނާކޮށް ކަމަށެވެ. މިއީ ވިޔަފާރިވެރިންގެ ޓީޓީއަށް ޑޮލަރު ސަޕޯޓު ދިނުން ހުއްޓާލުމާއި ބޭރުގައި ތިބޭ ކިޔަވާ ކުދިންގެ ޑޮލަރު ލިމިޓު ބޮޑުކުރަން ދެކޮޅު ހަދަމުން ވެސް ބޭންކުން ދެއްކި ސަބަބެވެ.

ބޭންކަށް ޑޮލަރު ތާށިކަމެއް އައިސްގެން އުޅެނީ ރަސްމީ ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރާ ޑޮލަރުގެ އަދަދު މަދުވުމާ ގުޅިގެންނެވެ.