12 ފެބުރުވަރީ 2024 - 13:39 3
ސާއިފް ޝިޔާދު
އެމްޑީޕީގެ ޕޯޑިއަމެއްގައި ފައްޔާޒު ވާހަކަ ދައްކަވަނީ. ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީއަށް ވޯޓު ދިނުމަށް އެދިވަޑައިގެންނެވި --- ފޮޓޯ: އެމްޑީޕީ
12 ފެބުރުވަރީ 2024 - 13:39 3
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ މެދު ރައްޔިތުން ކުރި އުންމީދާއި އިތުބާރު މި ހިނގަމުންދާ ދެމަސް ދުވަހުގެ ތެރޭގައި ގެއްލިފައިވާ ކަމަށް އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމުތައް ހުށަހެޅުމަށް މިއަދު ހެނދުނު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އިންތިހާބާ ބެހޭ މަރުކަޒަށް ވަޑައިގެން އެތަނުގައި ހުންނަވައި ފައްޔާޒު ވަނީ ސަރުކާރުން އަމަލުކުރަމުންދާ ގޮތްތަކަށް ފާޑުވިދާޅުވެފަ އެވެ.
"މުޅި ރާއްޖެއިން އެބަ ފެނޭ ރައްޔިތުން އެކަމާ ކަންބޮޑުވާ ތަން. ވާ ވައުދުތައް އެއްކޮޅުން އަނެއް ކޮޅަށް ޖަހާފައި ރައީސުލްޖުމްހޫރިއްޔާ ވާހަކަ ދައްކަވަނީ. އަދި, އެ ވައުދުތައް މުޅިން ބަދަލުކުރައްވާފަ ވިދާޅުވަނީ ތިމަންނަ މިހުރީ ކުރިން ވެސް ހުރި ގޮތަށޭ," ފައްޔާޒު ވިދާޅުވި އެވެ.
"އިތުބާރެއް ނެތް. ސަރުކާރުގެ ގާބިލުކަމާ ދޭތެރޭ މިހާރު ރައްޔިތުންނަށް ވަރަށް ބޮޑަށް ޝައްކު އުފެދިއްޖެ,"
އެމްޑީޕީން މިދިޔަ ދައުރުގައި ވެރިކަން ކުރަމުންދިޔައީ ދަތި ދުވަސްވަރެއްގައި ކަމަށް ވިދާޅުވެ ފައްޔާޒު ވަނީ ކޮވިޑުގެ ހާލަތާއި ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ފާހަގަކުރައްވާފަ އެވެ.
"ރައްޔިތުންނަށް ދަތި ނުވާ ގޮތަށް ތަރައްގީގެ ކަންކަން މަޑުޖެހުމެއް ނެތި ކުރަމުންދިޔައީ އުނދަގޫ ހާލަތެއްގައި. ކަންބޮޑުވުން އެބަ އޮތް ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ މާލީ ހާލަތާ ހެދި, އަޅުގަނޑުމެން ތިބިއިރު ވެސް ފަސޭހަކޮށް އޮތް ކަމެއް ނޫން އެއީ, ކުރިއަށް ދުވަސްތަކުގައި ދަތި އުނދަގޫ ހާލަތަކަށް ރައްޔިތުން ދާ ތަން," ފައްޔާޒު ވިދާޅުވި އެވެ.
ކަން މިހެން އޮތުމާއެކު މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ކުރުވަން އިދިކޮޅު ޕާޓީތަކެއް ނެތް ނަމަ "ރައްޔިތުން ވަރަށް ނިކަމެތިވެގެން ގޮސްފާނެ" ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މަޖިލީހުގެ މެޖޯރިޓީ އޮތް ކަމަށްވާނަމަ މި ނާގާބިލު ސަރުކާރު މަޖިލިސްގެ ތެރެއިން ގާބިލުކަން ގެނެވޭނެ, މަސައްކަތް ވެސް ކުރެވޭނެ އޭރުން," އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ މުހިންމުވާ ސަބަބު ބަޔާންކޮށްދެއްވަމުން ފައްޔާޒު ވިދާޅުވި އެވެ.
ނަވާރަވަނަ މަޖިލީހުގައި އެމްޑީޕީގެ ސުޕަމެޖޯރިޓީއެއް 65 ގޮނޑިއާއެކު އޮތެވެ. ނަމަވެސް, ފަހުން އެ ޕާޓީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ވަކިވި މެމްބަރުންނާއި މި ސަރުކާރު ވެރިކަމަށް އައުމުން އެ ޕާޓީން ވަކިވި މެމްބަރުންނާ އެކު އެ ޕާޓީއަށް ވަނީ މެޖޯރިޓީ ގެއްލިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment