Advertisement

އދ. ގެ ބަޔޯޑައިވާސިޓީ މުއާހަދާގައި ރާއްޖޭން ބައިވެރިވާން ކެބިނެޓުން ނިންމައިފި

11 ފެބުރުވަރީ 2024 - 20:42 1

ސަރުކާރު ކެބިނެޓުގެ ބައްދަލުވުމެއް: ބަޔޯޑައިވާސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން (ބީ.ބީ.އެން.ޖޭ) މުއާހަދާގައި ބައިވެރިވާން ނިންމި - ފޮޓޯ: ރައީސް އޮފީސް


އދ. ގެ ބަޔޯޑައިވާސިޓީ މުއާހަދާގައި ރާއްޖޭން ބައިވެރިވާން ކެބިނެޓުން ނިންމައިފި

11 ފެބުރުވަރީ 2024 - 20:42 1

މާކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމާ ގުޅޭ ގޮތުން ޔުނައިޓެޑް ނެޝަންސް ނުވަތަ އދ. ގެ އާންމު މަޖިލީހުން ފާސްކުރި ބަޔޯޑައިވާސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން (ބީބީއެންޖޭ) ގައި ރާއްޖޭން ބައިވެރިވާން، ރައްޔިތުންގެ މަޖިލީހުން އެ ކަމުގައި ރުހުން ދިނުމަށް ފޮނުވަން ސަރުކާރު ކެބިނެޓުން މިއަދު ނިންމައިފި އެވެ.

ކެބިނެޓުގެ ނިންމުން އާންމުކޮށް، ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރި ލިޔުމުގައިވާ ގޮތުންް، އެ ނިންމުން ކެބިނެޓުން ނިންމީ އެންވަޔަރަމެންޓް މިނިސްޓްރީން އެ ކަމަށް ހުށަހެޅި ކަރުދާހާ ގުޅޭ ގޮތުން، ކެބިނެޓުގައި ތިއްބެވި ވަޒީރުން މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.

އެއީ، މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުމަށް އެކުލަވާލާފައިވާ މުއާހަދާއެކެވެ.

ރައީސް އޮފީހުން ބުނީ، އެ މުއާހަދާ އެކުލަވައިލެވިގެން ދިއުމަކީ މާކަނޑުގެ މާހައުލީ ނިޒާމު ހިމާޔަތް ކުރުމަށް ބައިނަލް އަގުވާމީ ފެންވަރުގައި ކުރެވުނު އެންމެ މުހިންމު މަސައްކަތް ކަމަށެވެ. އަދި މިފަދަ މުއާހަދާއެއްގައި ރާއްޖެ ފަދަ ކަނޑުގެ ސަރަހައްދު ބޮޑު ޖަޒީރާ ގައުމަކުން ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށް ބުންޏެވެ.

މިފަދަ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ރާއްޖޭން ބައިވެރިވެވޭނީ ކެބިނެޓުން ނިންމުމަށް ފަހު، ރައްޔިތުންގެ މަޖިލީހުން ވެސް އޭގެ ރުހުން ދިނުމުންނެވެ.

މި މުއާހަދާގައި މިހާތަނަށް 80 އަށް ވުރެ ގިނަ ގައުމުތަކުން ވަނީ ސޮއިކޮށްފަ އެވެ.