Advertisement

ފައިލޭރިއާއަށް ސްކްރީން ކުރަން ގައުމީ ކެމްޕޭނެއް ފަށަނީ

12 ފެބުރުވަރީ 2024 - 09:08 0

ނިމާ ހަސަން

ނިމާ ހަސަން

ފައިލޭރިއާ އާޓްވޯކް: ރައްޔާން/ އަދަދު


ފައިލޭރިއާއަށް ސްކްރީން ކުރަން ގައުމީ ކެމްޕޭނެއް ފަށަނީ

12 ފެބުރުވަރީ 2024 - 09:08 0

ފައިލޭރިއާއަށް ސްކްރީން ކުރުމަށް މުޅި ރާއްޖޭގައި ކެމްޕޭނެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ, އެ އެޖެންސީއާއި ރެޑް ކްރެސެންޓް އަދި ކައުންސިލްތަކުގެ އިތުރުން ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތަކުން ގުޅިގެން ކުރިއަށް ގެންދާ ފައިލޭރިއާއަށް ސްކްރީން ކުރުމުގެ ކެމްޕޭނެއް ފަށަން ހަމަޖެހިފައިވަނީ މި މަހު 16 ގައި ކަމަށެވެ.

މި ކެމްޕޭނަކީ ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންގެ މެދުގައި މި ބަލި ހުރި މިންވަރު ދެނެގަތުމަށް ހިންގާ ކެމްޕޭނެއް ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އެހެންކަމުން މި ކެމްޕޭން ކުރިއަށް ގެންދާނީ ރާއްޖޭގެ ހުރިހާ ރަށަކާއި ރިސޯޓު އަދި ސިނާޢީ ރަށްތަކުން ގުރުއަތުން ހޮވާ, އުމުރުން 18 އަހަރު ވެފައިވާ މީހުންނަށް ކަމަށް އެ އެޖެންސީން ބުނެ އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ލޭ ނަގައިގެން އެންޓިޖެން ޓެސްޓު ކިޓް ބޭނުންކޮށްގެން ކުރާ މި ޓެސްޓުގެ ނަތީޖާ 10-15 މިނިޓު ތެރޭ ލިބޭނެ އެވެ.

އެޗްޕީއޭއިން ބުނީ ފައިލޭރިއާ ސްކްރީނިންގައި ބައިވެރިވުމަށް ގުރުއަތުން ހޮވޭ ގޭގެއަށް ޓީމުތަކުން މިމަހު 16 ވަނަ ދުވަހުން ފެށިގެން ހަވީރު 4:00 އިން ރޭގަނޑު 9:00 އާ ދެމެދުގެ ވަގުތެއްގައި ޒިޔާރަތް ކުރާނެ ކަމަށެވެ. އަދި ބިދޭސީންގެ ތެރެއިން ހޮވާހެލޭ މީހުންގެ ސްކްރީނިން ކުރިއަށް ދާނީ ވަޒީފާދޭ ފަރާތްތައް މެދުވެރިކޮށް ކަމަށެވެ.

އެޗްޕީއޭއިން ބުނީ ފައިލޭރިއާއަށް ޕޮޒިޓިވްވާ މީހުން, އެ ބަލީގެ ފަރުވާގެ ގޮތުގައި ބޭނުންކުރަން ޖެހޭ ބޭސް ސިއްހީ ހިދުމަތްތެރިއެއްގެ ބެލުމުގެ ދަށުން ދޭނެ ކަމަށެވެ. އަދި މި ބޭހަކީ އެއް ފަހަރު ބޭނުންކުރަން ޖެހޭ ބޭހެއް ކަމަށާއި, ބޭހުގެ ސަބަބުން ބައްޔަށް ފަރުވާ ލިބުމުގެ އިތުރަށް ބަލި ފެތުރުން ވެސް ހުއްޓުވޭނެ ކަމަށް އެ އެޖެންސީން ބުނެ އެވެ.

ރާއްޖެއިން ނައްތާލާފައިވާ ފައިލޭރިއާ ބައްޔަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ، ގައިންގަޔަށް އަރާ ބައްޔެކެވެ. މަދިރިން ގަޔަށް އަރާ ކުދި ފަނި ނުވަތަ ޕެރަސައިޓްސްގެ ސަބަބުން ޖެހޭ އިންފެކްޝަނެކެވެ. މި އިންފެކްޝަންގެ ސަބަބުން ހަށިގަނޑުގެ ލިމްފަޓިކް ނިޒާމަށް އަސަރުކުރެ އެވެ.

އެޗްޕީއޭ އިސްވެ ކުރިއަށް ގެންދަން ހަމަޖެހިފައިވާ ފައިލޭރިއާ ސްކްރީނިން ކެމްޕޭނުގެ ޕްރީޓެސްޓު ކުރުމުގެ މަސައްކަތް މިއަދު ހުޅުމާލޭގެ ސަރަހައްދުތަކުގައި ކުރިއަށް ދާނެ ކަމަށް ވެސް އެ އެޖެންސީން ބުނެ އެވެ.