Advertisement

ކުރީ ޖެނުއަރީއަށް ވުރެ ހަރަދާއި އާމްދަނީ ދަށް، ނަމަވެސް ބަޖެޓު ސާޕްލަސް

11 ފެބުރުވަރީ 2024 - 12:23 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް: ސަރުކާރުން ބުނަނީ ހަރަދު ކުޑަކުރަން ފިޔަވަޅުތައް އަޅަމުންދާ ކަމަށް -- އަދަދު ފައިލް ފޮޓޯ


ކުރީ ޖެނުއަރީއަށް ވުރެ ހަރަދާއި އާމްދަނީ ދަށް، ނަމަވެސް ބަޖެޓު ސާޕްލަސް

11 ފެބުރުވަރީ 2024 - 12:23 0

މިދިޔަ އަހަރުގެ ޖެނުއަރީއަށް ވުރެ މި އަހަރުގެ ޖެނުއަރީގައި ދައުލަތަށް ލިބުނު އާމްދަނީ އާއި ކުރި ހަރަދު މަދު ކަމަށް ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ މާލިއްޔަތު ރިޕޯޓުން ދައްކައިފި އެވެ.

ފިނޭންސުން އާންމުކުރި ޖެނުއަރީގެ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުގައި އާމްދަނީއަށް ލިބުނީ 3.5 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދުކުރީ 2.9 ބިލިއަނެވެ. މިދިޔަ އަހަރުގެ ޖެނުއަރީގައި އާމްދަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ލިބުނު އިރު، 4.9 ބިލިއަން ރުފިޔާ ހަރަދުކުރި އެވެ.

މި އަހަރުގެ މިހާތަނަަށް އެންމެ ބޮޑު ހަރަދެއް ހިނގީ ރިކަރަންޓު ހަރަދުތަކެވެ. ރިކަރަންޓު ހަރަދުތަކުގެ ބޮޑު ބަޔެއް ހިނގީ މުވައްޒަފުންގެ މުސާރަ އާއި އެލަވަންސަށެވެ. އެގޮތުން ކުރި ހަރަދު ކުރީ ޖެނުއަރީއަށް ވުރެ ހަ ޕަސެންޓު އިތުރެވެ. ނަމަވެސް ދައުލަތުގެ ހިންގުމުގެ ހަރަދު ކުރީ އަހަރަށް ވުރެ 31 ޕަސެންޓު ދަށެވެ.

ކުރީ އަހަރަށް ވުރެ އެންމެ ބޮޑު ތަފާތެއް ފެންނަނީ ކެޕިޓަލް ހަރަދުތަކުގެ ދާއިރާއިންނެވެ. އެގޮތުން ކުރީ އަހަރަށް ވުރެ ބިމާއި އިމާރާތްތަށް ކުރި ހަރަދު 67 ޕަސެންޓު އަދި އުމްރާނީ ތަރައްގީގެ ބިނާތަކަށް ކުރި ހަރަދު 89 ޕަސެންޓު ދަށެވެ.

އާމްދަނީއަށް ބަލާއިރު ކުރީ ޖެނުއަރީއަސް ވުރެ ޓެކުހާއި ޓެކްސް ނޫން އާމްދަނީ ވެސް މަދެވެ. ޓެކްސް އާމްދަނީ ހަތް ޕަސެންޓު ދަށްވެފައިވާއިރު އެހެނިހެން އާމްދަނީ 52 ޕަސެންޓު ދަށެވެ. ނަމަވެސް ދައުލަތުގެ ހަރަދުތައް އާމްދަނީއަށް ވުރެ ދަށްވުމާ ގުޅިގެން ބަޖެޓު ވަނީ، ސާޕްލަސް ވެފަ އެވެ.

އެގޮތުން ޕްރައިމަރީ ބެލެންސް (ފައިނޭންސިން އާއި އިންޓްރެސްޓު ހަރަދުތައް ނުލައި) 776 މިލިއަން ރުފިޔާ ސާޕްލަސް ވެފަ އެވެ. އަދި އޯވަރޯލް ބެލެންސް (ފައިނޭންސިން އާއި އިންޓްރެސްޓު ހަރަދަށް ކެނޑުމަށް ފަހު) 585 މިލިއަން ރުފިޔާ ސާޕްލަސް އެވެ.

ބަޖެޓު ސާޕްލަސްވީ ހަރަދުތައް ކުޑަކުރަން ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގެ އެވެ. މި ފިޔަވަޅުތަކުގެ ތެރެއިން މި ވަގުތަށް އެންމެ ހިންގަން ބޭނުންވާ މަޝްރޫއުތައް ތަރުތީބުކުރުމަށް ފަހު އަންގަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިފަހުން ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެދިވަޑައިގެންފައިވެ އެވެ. ސަބަބަކަށް ދެއްކެވީ މާލިއްޔަތުގައި ހުރި ތާށިކަމެވެ.