Advertisement

ރޯމާ ބަލިކޮށް އިންޓަ އަށް ހަތް ޕޮއިންޓުގެ ލީޑެއް

11 ފެބުރުވަރީ 2024 - 09:48 0


ރޯމާ ބަލިކޮށް އިންޓަ އަށް ހަތް ޕޮއިންޓުގެ ލީޑެއް

11 ފެބުރުވަރީ 2024 - 09:48 0

ރޯމް (ފެބްރުއަރީ 11) - އިޓާލިއަން ލީގުގައި ރޯމާ އަތުން 4-2 އިން މޮޅުވެ، ލީގުގެ އެއް ވަނައިގައި އިންޓަ މިލާނުން ހަތް ޕޮއިންޓުގެ ލީޑެއް ނަަގައިފި އެވެ.

އިންޓަ، އެއް ވަނައިގައި އޮތީ، 23 މެޗުން 60 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޔުވެންޓަސް އަށް ވަނީ 23 މެޗުން 53 ޕޮއިންޓް ލިބިފަ އެވެ. ތިނެއްގައި އޮތް އޭސީ މިލާނަށް 23 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ. އަދި ހަތަރެއްގައި އޮތް އެޓަލަންޓާ އަށް 22 މެޗުން 39 ޕޮއިންޓެވެ. ރޯމާ، ފަސް ވަނައިގައި އޮތީ 24 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ.

ރޯމާ ދަނޑުގައި ރޭ އިންޓަ އިން ލީޑުނެގީ، 17 ވަަނަ މިނިޓްގައި ފްރެންޗެސްކޯ އަޗެއަބީ ބޮލުން ޖެހި ގޯލުންނެވެ. އެކަމަކު، ރޯމާ އިން ވަނީ ފުރަތަމަ ހާފުގައި ނަތީޖާ އަނބުރާލައިފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ، ސްޓެފަން އަލް ޝަރާވީ އާއި ޖިއަންލޫކާ މަންޗިނީ އެވެ.

އިންޓަ އިން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައި ކުޅެން އަރައި، ތިން ލަނޑު ޖަހައިގެންނެވެ.

އެ ގޮތުން، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން، ފަސް މިނިޓް ތެރޭ، އިންޓަ އިން އެއްވަރުކުރި ލަނޑު ޖެހީ، މާކަސް ތުރާމް އެެވެ. އޭގެ ފަހުން، ތުރާމް ބައިވެރިވެގެން ކުރި އެޓޭކެއްގައި، ރޯމާގެ އެންޖެލީނޯ އަތުން ބައިކޮޅަށް ވަން ގޯލުން އިންޓަ އިން ލީޑުނެގި އެވެ.

އިންޓަ އަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެހީ، އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި އަލެސަންދްރޯ ބަސްޓޯނީ އެވެ. މިއީ، ރޯމާ އިން ނަތީޖާ ހަމަހަމަކުރަން ކުރިއަށް ޖެހި ތިބި ވަގުތެއްގައި ކައުންޓަ އެޓޭކަކުން، ލިބުނު ފުރުސަތެއްގައި ބަސްޓޯނީ ޖެހި ގޯލެކެވެ.

މި ފަހަރުގެ ލީގު ޗެމްޕިއަންކަން ހޯދަން އިންޓަގެ ހާއްސަ އަމާޒެއް އެބައޮތެވެ. އެއީ ވާދަވެރި އޭސީ މިލާނަށް ވުރެ ތަށި ގިނަ ކުރުމަށެވެ. އިންޓަ އާއި އޭސީ މިލާނަށް ވެސް އިޓާލިއަން ލީގު ކާމިޔާބުކުރެވިފައި ވަނީ 19 ފަހަރު އެވެ.

އިންޓަގެ ކޯޗު ސިމޯން އިންޒާގީ ބުނީ، މި ވަގުތު ލީޑުގައި އޮތަސް ފަހު މެޗާ ހަމައަށް ވެސް އެއް ރޫހެއްގައި ވިސްނުން ބަހައްޓައި، މެޗުތަކާ ސީރިއަސްކަމާ އެކު ކުރިމަތިލާން ޖެހޭ ކަމަށެވެ.