Advertisement

14 އަހަރުގެ މެރާލް ގިނަ އަހަރުތަކެއްވީ ގައުމީ ރެކޯޑްތަކެއް މުގުރާލައިފި

10 ފެބުރުވަރީ 2024 - 09:08 0


14 އަހަރުގެ މެރާލް ގިނަ އަހަރުތަކެއްވީ ގައުމީ ރެކޯޑްތަކެއް މުގުރާލައިފި

10 ފެބުރުވަރީ 2024 - 09:08 0

ގައުމީ ފެތުންތެރިޔާ، މެރާލް އައިން ލަތީފް، 14، ގިނަ އަހަރުތަކެއްވީ ގައުމީ ރެކޯޑްތަކެއް މުގުރާލައިފި އެވެ.

އެ ގޮތުން، މެރާލް މުގުރާލާފައިވަނީ، އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ މިޑްފީލްޑް އެންޑް ސްޓްރީޓް ކައުންޓީ ކޮލިފަޔާގައި ވާދަކޮށް އަންހެނުންގެ ޝޯޓްކޯސް 50 މީޓަރު، 100 މީޓަރު އަދި 200 މީޓަރު ބަޓަފްލައި އަދި 200 މީޓަރ މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް އެވެ.

މީގެތެރެއިން، 50 މީޓަރު ބަޓަފްލައި އިވެންޓު ނިންމާފައިވަނީ 00.32.56 އިންނެވެ. ފަންސާސް މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ އާމިނަތު ރޫޔާ ޙުސައިން އެވެ. އެއީ، 2008 ވަނަ އަހަރު ބޭއްވުނު 8 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސް (25 މީޓަރު) ގައި 00.32.78 އިން ރޭސް ނިންމައިގެންނެވެ.

މެރާލް، 100 މީޓަރު ބަޓަފްލައި އިވެންޓް، 01.14.76 އިން ނިންމާފައިވާއިރު، 200 މީޓަރު ބަޓަފްލައި އިވެންޓް ފުރިހަމަކޮށްފައިވަނީ 02.54.52 އިންނެވެ. ސަތޭކަ މީޓަރު ބަޓަފްލައި އިވެންޓުގެ ގއުމީ ރެކޯޑް އެންމެފަހުން އާކޮށްފައިވަނީ އައިޝަތު ސައުސަން އެވެ. އެއީ، 2018 ވަނަ އަހަރު ބޭއްވުނު 14 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސް (25 މީޓަރު) ގައި 01.23.16 އިން ރޭސް ނިންމައިގެންނެވެ.

އަދި 200 މީޓަރު މެޑްލޭ އިވެންޓުގައި މެރާލް ރެކޯޑް ހެދި، ޓައިމިން އަކީ 02.48.74 އެވެ. ޝޯޓްކޯސް 200 މީޓަރު މެޑްލޭ އިވެންޓު އެންމެފަހުން ރެކޯޑް އާކޮށްފައިވަނީ 2023 ވަނަ އަހަރު ހަންގޭރީގައި ބޭއްވުނު އެ ގައުމުގެ ޝޯޓްކޯސް ޤައުމީ މުބާރާތުގައި 02.55.12 އިން ރޭސް ފުރިހަމަކޮށްގެން ހަމްނާ އަޙްމަދު އެވެ.

ލޯންގް ކޯސް 200 މީޓަރު، މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް ތަޒްކިޔާ އަށް

ތައިލަންޑްގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް 2024 ގައި ވާދަކޮށް އަމްނާ ތަޒްކިޔާ މިރުޞާދު، އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު، މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑް އާކޮށްފި އެވެ.

ތަޒްކިޔާ، މި އިވެންޓްގެ ރެކޯޑް އާކޮށްފައިވަނީ 02.53.20 އިން އިވެންޓް ފުރިހަމަ ކޮށްގެންނެވެ.

ދުއިސައްތަ މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް އެންމެފަހުން އާކޮށްފައިވަނީ 2016 ވަނަ އަހަރު ބޭއްވުނު ސްޕީޑޯ ތައިލަންޑް އޭޖް ގްރޫޕް ސްވިމިންގް ޗެމްޕިއަންޝިޕްސްގައި އާމިނަތު ޝަޖަން އެވެ. މި ވަގުތު ސްޕޯޓްސް މިނިސްޓްރީގެ ނައިބަކަށް ހުންނެވި ޝަޖަން، އެ ފަހަރު، މި އިވެންޓު ނިންމައިފައިވަނީ 02.54.36 އިންނެވެ.