Advertisement

ހަނާން އާއި ރިހާން އަށް ފެތުމުގެ ގައުމީ ރެކޯޑްތަކެއް

28 އޭޕްރީލް 2024 - 07:35 0


ހަނާން އާއި ރިހާން އަށް ފެތުމުގެ ގައުމީ ރެކޯޑްތަކެއް

28 އޭޕްރީލް 2024 - 07:35 0

މެލޭޝިއާގައި ކުރިއަށްދިޔަ 59 ވަނަ މައިލޯ އެމްއޭއެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖްގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސް 2024 ގައި ރާއްޖޭގެ ހަނާން ހުސެއިން ހަލީމް އާއި މުހައްމަދު ރިހާން ޝިހާމް ގައުމީ ރެކޯޑްތަކެއް ހަދައިފި އެވެ.

ހަނާން އެއް ރެކޯޑް ހެދިއިރު، ރިހާން ވަނީ ދެ ރެކޯޑް ހަދައިފަ އެވެ. މީގެ ތެރެއިން އެއް ރެކޯޑަކީ ރިހާން އަތުގައި ކުރިން ވެސް އޮތް ރެކޯޑެކެވެ.

ފިރިހެނުންގެ ލޯންގް ކޯސް 50 މީޓަރު ބަޓަފްލައި އިވެންޓުގެ ޤައުމީ ރެކޯޑް، ރިހާން އާކޮށްފައި ވަނީ 00:26.98 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވުނު 11 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި، 00:27.23 އިން ފަތައިގެން މުޙައްމަދު އާން ޙުސައިން އެވެ.

ފިރިހެނުންގެ ލޯންގް ކޯސް 400 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑް މީގެ ކުރިން ވެސް އޮތީ ރިހާން އަތުގަ އެވެ. ރިޙާން މި ފަހަރު، މި ރެކޯޑް އާކޮށްފައިވަނީ 04:28.34 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. ރިހާން، މި ރެކޯޑް، އެންމެ ފަހުން އާ ކުރީ، މި މަހު ކުރީކޮޅު ބޭއްވި އެރީނާ ތައިލަންޑް އޭޖްގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސްގަ އެވެ. އެ ފަހަރުގެ ވަގުތަކީ 04:29.70 އެވެ.

އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ބަޓަފްލައި އިވެންޓުގެ ޤައުމީ ރެކޯޑް ހަނާން އާކޮށްފައި ވަނީ 00:31.68 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ ވެސް ހަނާން އެވެ. އެއީ މި އަހަރު ފެބްރުއަރީ މަހު ތައިލަންޑްގައި ބޭއްވުނު ބްރިޓިޝް އިންޓަނޭޝަނަލް ސްކޫލްސް އިން އޭޝިއާ ސްވިމިންގ އިންވިޓޭޝަނަލް މުބާރާތުގަ އެވެ. އެ ފަހަރު ހަނާންގެ ޓައިމިން އަކީ 00:32.00 އެވެ.