Advertisement

ވިކްޓަރީ ނޫނީ ނިއު އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ފެންނާނެ

9 ފެބުރުވަރީ 2024 - 15:17 1

މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ނިއު އިން ކުޅުނު މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު


ވިކްޓަރީ ނޫނީ ނިއު އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ފެންނާނެ

9 ފެބުރުވަރީ 2024 - 15:17 1

މިހާރު ކުރިއަށްދާ އެމްޕީއެލް އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ކުޅެން ޖެހުމުން، މި ދެ ޓީމުގެ ތެރެއިން، އެއް ޓީމަށް އަންނަ ސީޒަނު ފުރަތަމަ ޑިިވިޝަނުން ފުރުސަތު ލިބޭނެކަން ކަށަވަރުވެއްޖެ އެވެ.

ފަނަރަ ޓީމު ވާދަކުރި މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދިޔަ ޓީމުތައް މިހާރު ވަނީ ކަނޑައެޅިފަ އެވެ. އާދިއްތަ ދުވަހު ހަވީރު، ފުރަތަމަ ސެމީގައި މަސް އޮޑި ސްޕޯޓްސް ކްލަބުން ނުކުންނާނީ ޓެންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އަދި ހޯމަ ދުވަހު ހަވީރު، ދެ ވަނަ ސެމީގައި ނިއު ރޭޑިއަންޓާއި ވިކްޓަރީ ވާދަކުރާނެ އެވެ.

މުބާރާތުގެ ގަވާއިދުގައިވާ ގޮތުން، އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާނީ ސެމީން މޮޅުވެ، ފައިނަލަށް ދަތުރުކުރާ ދެ ޓީމެވެ. އެހެންވުމާ އެކު، މިހާރު ނިއު އާއި ވިކްޓަރީ ތެރެއިން ޓީމަަކަށް މި އޮތީ ފުރަތަމަ ޑިވިޝަން ޔަގީންވެފަ އެވެ.

ވިކްޓަރީ އާއި ނިއު އިން ވެސް ދެ ވަނަ ޑިވިޝަނުގައި މި ކުޅެނީ ދެ ވަނަ ސީޒަނުގަ އެވެ. އެފްއޭއެމް އިން 2019 އާއި 2020 ވަނަ އަހަރު ދިން ސަސްޕެންޝަނާ އެކު، ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވި ވިކްޓަރީ އަށް، އަލުން ސަސްޕެންޝަނަށް ފަހު ކުޅެން ފެށުނީ މީގެ އެއް އަހަރު ކުރިން ބޭއްވި، މިދިޔަ ސީޒަނުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ފެށެން ގާތްވެފައި ވަނިކޮށެވެ.

އެހެންވެ، މިދިޔަ ފަހަރު ދެ ވަނަ ޑިވިޝަނަށް ޕްރޮމޯޓްވާން މި ދެ ޓީމަށް މާ އެދެވޭ މަސައްކަތެއް ނުކުރެވުނެވެ. ވިކްޓަރީ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ނިއު ކެޓީ ސެމީ ފައިނަލުގައި ބުރު ސްޕޯޓްސް ކްލަބް އަތުންނެވެ.

އެކަމަކު، މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ދުރާލާ އެންމެ ރަނގަޅަށް ތައްޔާރުވި ޓީމުތަކުގެ ތެރޭގައި ނިއު އާއި ވިކްޓަރީ ހިމެނެ އެވެ. ވިކްޓަރީ އާއި ނިއު އިން މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދީ މިހާތަަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެން، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ.

މީގެ ތިނެއް ނޫނީ ހަތަރު އަހަރު ކުރިން، ނިއު އާއި ވިކްޓަރީ ސަސްޕެންޑްކުރަން، އެންމެ ފުރަތަމަ އެފްއޭއެމުން ނިންމީ އެ ދެ ކްލަބުގެ މާލީ މައްސަލަތަކާ ހެދި އެވެ. އޭރު އެ ދެ ކްލަބުން ތުހުމަތުކުރި ގޮތުގައި މި ސަސްޕެންޝަނަކީ، އެފްއޭއެމްގެ ރައީސް ކަމުން ބައްސާމް އަދީލް ޖަލީލް ދުރުކުރަން އެ ދެ ކްލަބުން މަސައްކަތް ފެށުމުން އައި ކަމެއް ކަމަށެވެ.

އެފްއޭއެމް އިން ވަނީ ދެ އަހަރު ވަންދެން ނިއު އާއި ވިކްޓަރީގެ ސަސްޕެންޝަން ކޮންގްރެސްގެ ތާއީދާ އެކު ދަމަހައްޓައިފަ އެވެ. ސަސްޕެންޝަން އުވާލީ، އެ ދެ ކްލަބުން ދޭން ޖެހޭ ދަރަނިތައް އަދާކޮށް، އިދާރީ ގޮތުން ފުރިހަމަ ކުރަން ހުރި ކަންތައްތައް ކުރުމުންނެވެ.