Advertisement

އެއް މަސް ތެރޭ ހުރިހާ ކައުންސިލްތަކާ ބައްދަލުކުރަން ދާނަން: ރައީސް

8 ފެބުރުވަރީ 2024 - 18:09 1

ނިމާ ހަސަން

ނިމާ ހަސަން

ރައީސް މުއިއްޒު, ތ. ކިނބިދޫގައި ވާހަކަދައްކަވަނީ: އެއް މަސް ތެރޭ ހުރިހާ ކައުންސިލްތަކާ ބައްދަލުކުރަން ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


އެއް މަސް ތެރޭ ހުރިހާ ކައުންސިލްތަކާ ބައްދަލުކުރަން ދާނަން: ރައީސް

8 ފެބުރުވަރީ 2024 - 18:09 1

ގާތްގަނޑަކަށް އެއް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކާ ބައްދަލުކުރައްވަން ރަށްރަށަށް ދަތުރުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރައީސް ވިދާޅުވީ މިހާރު ވެސް މަސައްކަތް ކުރަވަން ބޭނުންވެ ވަޑައިގަންނަވަނީ ލަފްޒީ މާނާގައި ރައްޔިތުންނާ ގާތުން ކަމަށެވެ. އެގޮތުން ރަށްރަށަށް ވަޑައިގެން ކައުންސިލާ ބައްދަލުކުރައްވަން ބޭނުންވެ ވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ހުންނަ ތަނަށް އޮފީހަށް ކައުންސިލް ގެނެސްގެން ކައުންސިލާ ބައްދަލުކުރާކަށް ނޫން ބޭނުންވަނީ. ކައުންސިލް އޮތް ތަނަށް [ބައްދަލުކުރަން ދާން] އަޅުގަނޑު ބޭނުންވަނީ" ކިނބިދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ތ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅުގެ ގިނަ ކައުންސިލްތަކާ ބައްދަލުކުރެއްވިއްޖެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ, އަންނަ ހަފުތާގެ ރާއްޖެއިން ބޭރުގެ ދަތުރަށް ފަހު އަނެއްކާ ވެސް އަތޮޅުތެރެއަށް ދަތުރު ކުރައްވާނެ ކަމަށެވެ.

"މަސް ދުވަސް މި ކަނޑައަޅަނީ, ގާތްގަނޑަކަށް އެއް މަސް ތެރޭގައި އަޅުގަނޑުމެން ހުރިހާ ކައުންސިލްތަކާ ބައްދަލުކުރަން ރަށްރަށަށް ދާނަން, ހުރިހާ ކައުންސިލްތަކާއި ޑަބްލިއުޑީސީއާ" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ހުރިހާ ކައުންސިލްތަކާ ބައްދަލުކުރެއްވިއަސް, އެއް މަސް ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިނުގެންނެވޭނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވަޑައިގަންނަވާ ރަށަކަށް, އެ ރަށާ ކައިރީގައިވާ ރަށްރަށުގެ ކައުންސިލަރުން ގެންގޮސް ބައްދަލުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކައުންސިލްތަކާ ބައްދަލުކޮށް, ރައްޔިތުން ބޭނުންވާ ކަންކަން ފަސޭހައިން ފަހިވާ ގޮތަށް ބައްޓަންކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.