7 ފެބުރުވަރީ 2024 - 13:14 0
ލީވާން އަލީ ނާސިރު
ވޯލްޑް ބޭންކްގެ އިސްވެރިންނާ ރައީސް ޑރ.މުއިއްޒު ބައްދަލުކުރައްވަނީ -- ފޮޓޯ؛ ރައީސް އޮފީސް
7 ފެބުރުވަރީ 2024 - 13:14 0
މި ސަރުކާރުގެ އިގްތިސާދީ މެނިފެސްޓޯ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކުން ބަލައިގަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުއްޖެ އެވެ.
ތ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ދިޔަމިގިލީ ރައްޔިތުންނާ އިއްޔެ ބައްދަލު ކުރައްވައި، ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހުށަހެޅި އިގްތިސާދީ މެނިފެސްޓޯ ވޯލްޑް ބޭންކް އަދި އައިއެމްފް އިން ބަލައިގަންނަ ކަމަށެވެ.
"ވާރުތަވެފައި އޮތީ [އިގުތިސޯދު] ދެރަ ނިކަމެތި ހާލަތެއްގައި. ދަރަނި މިހިރަ ހިސާބުން އަޅުގަނޑުމެން އެބަ ޖެހޭ ކަންތައްތަކެއް ކުރަން. މި ކަންކަން ރަނގަޅު ކުރުމަށް ވަރަށް ބުރަ ބޮޑު މަސައްކަތްތަކެއް ފެށިފައި މިވަނީ. އަޅުގަނޑު ކެމްޕޭނުގައި ހުށަހެޅި އިގުތިސޯދީ މެނިފެސްޓޯ ބަލައިގަނޭ އައިއެމްއެފްއިން ވެސް ވޯލްޑް ބޭންކުން ވެސް," ރައީސް މުއިއްޒު ވިދާޅުވި އެވެ.
ވޯލްޑް ބޭންކާއި އައިއެމްއެފްގެ ފަރާތްތަކާއި ބައްދަލުކުރެއްވިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރާއްޖޭގެ އިގުތިސޯދީ ހާލަތު ރަނގަޅު ކުރުމަށް މިވަގުތު އޮތް ހައްލަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުން ކަމަށް އެބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ދަށްކަން ފާހަގަކުރައްވާ ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ދަރަނި ހުރި ހިސާބުން އަރައިގަންނަން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
"މި ކަންކަން ރަނގަޅު ކުރުމަށް ވަރަށް ބުރަ ބޮޑު މަސައްކަތްތަކެއް ފެށިފައި މިވަނީ. އައިއެމްއެފް އަދި ވޯލްޑް ބޭންކްގެ އެއްބާރުލުން ލިބޭނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދާއި މާލީ ހާލަތާ ބެހޭ ގޮތުން ވޯލްޑް ބޭންކްގެ ވަފްދެއް މި ހަފްތާގައި މިނިސްޓްރީތަކާ މަޝްވަރާ ކޮށްފައިވާއިރު، އިގްތިސާދު މެނޭޖްކުރަން ފަންނީ އެހީދޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން އައިއެމްއެފް އިން ވަނީ މި އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި 3.3 ޕަސެންޓު ދަށްވާނެ ކަމަށް ލަފާކޮށްފަ އެވެ. އަދި މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު 8.1 ޕަސެންޓު ކުރިއަރާފައިވާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެ އެވެ.
މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 5.5 ޕަސެންޓު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާ ކޮށްފައިވާ އިރު، ސަރުކާރުން ލަފާކުރާ ގޮތުގައި މި އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުންނާނީ 6.7 ޕަސެންޓުގަ އެވެ.
Comment