Advertisement

ރާއްޖޭގެ މާލީ ހާލަތާމެދު ވޯލްޑު ބޭންކުގެ ކަންބޮޑުވުން: ހުރިހާ ހަރަދެއް ކުޑަކޮށް، އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ

7 ފެބުރުވަރީ 2024 - 08:10 0

ވޯލްޑް ބޭންކުގެ ސައުތް އޭޝިއާގެ ވައިސް ޕްރެޒިޑެންޑް މާޓިން ރެއިސާ، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހޯމަ ދުވަހު ރައީސް އޮފީހުގައި ބައްދަލު ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް


ރާއްޖޭގެ މާލީ ހާލަތާމެދު ވޯލްޑު ބޭންކުގެ ކަންބޮޑުވުން: ހުރިހާ ހަރަދެއް ކުޑަކޮށް، އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ

7 ފެބުރުވަރީ 2024 - 08:10 0

ތަރައްގީގެ ދާއިރާތަކުގައި ފާހަގަ ކުރެވޭ ކުރިއެރުންތަކެއް ރާއްޖޭން ހޯދާފައި ވިޔަސް، މާލީ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށް، ހުރިހާ ދާއިރާއަކުން ހަރަދު ކުޑަކޮށް، ހާލަތު ރަނގަޅު ކުރަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވޯލްޑު ބޭންކުން ބުނެފި އެވެ.

މިގޮތަށް ގޮވައިލީ، ވޯލްޑް ބޭންކުގެ ސައުތް އޭޝިއާގެ ވައިސް ޕްރެޒިޑެންޑް މާޓިން ރެއިސާ ރާއްޖެއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރު އިއްޔެ ނިންމައިލުމަށް ފަހު ނެރުނު ބަޔާނުގަ އެވެ.

މާޓިން ރެއިސާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރުގެ ވެރިންނާ ބައްދަލު ކުރައްވައިފަ އެވެ. އެ ބަދަލުވުންތަކުގައި ރެއިސާގެ ކަންބޮޑުވުންތައް ވެސް ހިއްސާ ކުރެއްވި އެވެ.

އެގޮތުން ދައުލަތުން ކުރާ ހޭދަ މަތިވުމާއި، ބޭރު ފައިސާގެ ރިޒާވްގެ މަދުކަމާއި، ދަރަނި ބޮޑު ވުމާއި ދުނިޔޭގެ މާލީ ވުޒާރާތަކުގެ އިންޓަރެސްޓް ރޭޓު މަތިވުމާގުޅިގެން ކުރިމަތިވެދާނޭ ނުރައްކާތަކަށް ރިއާޔަތްކޮށް އަވަހަށް ފިސްކަލް ރިފޯމްތައް ގެނައުމުގެ މުހިންމުކަން ރެއިސާ ފާހަގަ ކުރެއްވި ކަމަށް، ވޯލްޑް ބޭންކުން ބުނެ އެވެ.

"ދިވެހިރާއްޖެއިން މިވަނީ ފާހަގަކުރެވޭ މިންވަރަށް ކުރިއެރުން ހޯދާފައި. މިގޮތުން ސިއްހީ ފަރުވާ، ތައުލީމު، ބޯހިޔާވަހިކަން އަދި އެހެނިހެން އާއްމުހިދުމަތްތައް ހިމެނޭހެން އެކި ދާއިރާތަކުން ނަތީޖާ ހާސިލުކޮށްފައިވާ ކަމީ ފާހަގަކުރަންޖެހޭ ކަމެއް. ނަމަވެސް ފިސްކަލް ދަރަނީގެ އިތުރުން ބޭރުގެ އެކިއެކި ފަރާތްތަކަށް އަދާ ކުރަންޖެހޭ ދަރަނި ބޮޑުވުމުގެ ސަބަބުން މި ކުރިއެރުންތަކުގެ ފައިދާ ލިބުމަށް ހުރަސްތައް މެދުވެރިވާނެތީ ވަކި ކަމަކަށް އަމާޒުކުރުމެއް ނެތި ކުރާ ހަރަދުތައް މަދުކުރުމަށާއި އާމްދަނީ އިތުރުކޮށް ދަރަނި ބެލެހެއްޓުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް ސަރުކާރުން އަޅަންޖެހޭ،" ރެއިސާ ވިދާޅުވި އެވެ.


ވޯލްޑް ބޭންކާއި ސަރުކާރުން ގުޅިގެން ފެބްރުވަރީ 6 ވަނަ ދުވަހު ނެރުނު، ދިވެހިރާއްޖޭގެ ފުރަތަމަ ހިއުމަން ކެޕިޓަލް ރިވިއު ރިޕޯޓު، "ހިއުމަން ކެޕިޓަލް ރިވިއު ފޯ ދަ މޯލްޑިވްސް" އިން ދައްކާ ގޮތުން ދިވެހިރާއްޖޭގެ އިންސާނީ ކެޕިޓަލް ހުރީ މި ސަރަހައްދުގެ އެހެން ކުދި ޖަޒީރާ ގައުމުތަކާއި، އާމްދަނީގެ ގޮތުން ވާދަކުރާ ކުދި ގައުމުތަކަށް ވުރެ މަތީގައި ނަމަވެސް ސަރަހައްދީ އަދި މިންތީގެ ނަހަމަކަން އަދިވެސް ރާއްޖޭގައި އެބައޮތެވެ. ދައުލަތުގެ ހަރަދު ކުޑަކުރަން ޖެހިފައިވާ އިރު އުފެދިފައި ހުރި ފަރަގުތައް ހަނިކުރުމަކީ އިތުރަށް މާލީ ހޭދަކޮށްގެން ހައްލުކުރެވޭނެ ކަންކަމެއް ނޫން ކަމަށް ވޯލްޑު ބޭންކުން ބުނެ އެވެ.

އޭގެ ބަދަލުގައި އިސްކަންދޭ ތަރުތީބަކުން ކުރަން މުހިންމު ހޭދަތައް ތަރުތީބުކޮށެގެން ހޭދަކުރުމާއި، ބޭނުންޖެހިފައިވާ ފަރާތްތައް ދަނެގަނެ އެފަރާތްތަކަށް އެކަނި ސަބްސިޑީ ދިނުމާއި، ރަށްރަށުން ލިބެން ހުންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަކީ ރާއްޖޭގެ ކުރިއެރުމަށްޓަކައި ކަށަވަރުކުރަންޖެހޭ ކަމަށް ރެއީސާ ވިދާޅުވި އެވެ. އަދި މި މަސައްކަތުގައި ވޯލްޑް ބޭންކް ގްރޫޕްގެ މާލީ އަދި ފަންނީ އެހީ ރާއްޖެއަށް ފޯރުކޮށްދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވޯލްޑް ބޭންކާއި ދިވެހި ދައުލަތާއި ދެމެދު އޮންނަ ގުޅުމަށް މިހާރުވަނީ 45 އަހަރު ފުރިފަ އެވެ. ވޯލްޑް ބޭންކުގެ އެހީގައި މިވަގުތު ރާއްޖޭގައި 10 މަޝްރޫއެއް ހިނގަމުން އެބަދެ އެވެ. އޭގެތެރޭގައި ވޯލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) ގެ އެހީގައި ހިންގާ ޕްރޮޖެކްޓާއި ރީޖަނަލް އެއް ޕްރޮޖެކްޓް، އަދި އައިޑީއޭގެ ގެރެންޓީ އޮޕަރޭޝަންއެއް ހިމެނެ އެވެ. މި ޕްރޮޖެކްޓުތަކުގެ ޖުމުލަ އަގަކީ 217 މިލިޔަން ޑޮލަރެވެ.

މި ޕްރޮޖެކްޓުތައް ހާއްސަކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި އިޔާދަކުރަނިވި ހަކަތަ، ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތް، ޔޫތް ރެސިލިއެންސް އަދި ޒުވާނުންނަށް ވަޒީފާ ހޯދައިދިނުން، ޑިޖިޓަލް ޑިވެލޮޕްމަންޓް، އާބަން ޑިވެލޮޕްމަންޓް، ކުނި މެނޭޖްކުރުން، ކޮވިޑް 19 ގެ އިޖާބީ މަސައްކަތްތައް، މަސްވެރިކަން، މަސައްކަތްތެރިން، ސިއްހީ ނިޒާމު، ތައުލީމީ ނިޒާމުގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާ ހިމެނެއެވެ. އަދި މެކްރޯ ފިސްކަލް މޮނިޓަރިން އާއި ޕޮލިސީ އެނަލައިޒް ކުރުން، މާލީ ދާއިރާ އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާ އާއި ފަގީރުކަން ނައްތާލުމުގެ މަސައްކަތަކަށް ވެސް އެނަލަޓިކަލް ސަޕޯޓު ވޯލްޑް ބޭންކުން ދެއްވަ އެވެ.

ރާއްޖޭގެ މާލީ ހާލަތާމެދު ވޯލްޑް ބޭންކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ކުރިއަށް އޮތީ ތަދު ދުވަސްތަކެއްކަން ފާހާގަ ކުރައްވައި، މަޝްރޫއުތައް ވެސް ކުރިއަށް ގެންދަން ދަތިވާނެ ކަމުގެ އިޝާރާތެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ދެއްވައިފަ އެވެ.