Advertisement

ސިޓީބިޓީ: ވިލުފުށި-މަޑިފުށި ކޯޒްވޭ

7 ފެބުރުވަރީ 2024 - 08:43 1


ސިޓީބިޓީ: ވިލުފުށި-މަޑިފުށި ކޯޒްވޭ

7 ފެބުރުވަރީ 2024 - 08:43 1

އިންފްރާސްޓަރަކްޗާ މިނިސްޓަރަށް،

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތ. އަތޮޅު ގުރައިދޫއަށް ވަޑައިގެން މުހިންމު ވައުދެއް ވެވަޑައިގަތެވެ. އެ މަނިކުފާނު ވިދާޅުވީ މިހެންނެވެ.

"ވިލުފުށި ދާއިރާގެ ރަށެއް މަޑިފުށްޓަކ.ީ އެ ދެރަށް ދޭތެރޭ އިރާދަކުރެއްވިއްޔާ ކޯޒްވޭ އަކުން ގުޅާލައިދޭނަން،"

ތ. އަތޮޅަކީ ރާއްޖޭގެ އެންމެ ބޮޑު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ. އިރު އުތުރަށްވާ ގޮތަށް އަތޮޅުގެ އަނގަމަތީގައި އޮތް ވިލުފުއްޓާއި، އެ ބިތުން އެއް ފަޅެއްގައި އޮތް މަޑިފުށި ގުޅައިލާ ވާހަކަ އަޑުއިވުމުން، އެ އަތޮޅު ނޭނގޭ މީހަކަށް ތަސްވީރު ވާނީ އެއީ މިހާރު ކޯޒްވޭތަކުން ގުޅުވާލާފައިވާ ރަށްރަށް ގޮތަށް ވަރަށް ކައިރީގައި އޮތް ދެ ރަށެއްގެ ގޮތުގަ އެވެ.

ހަގީގަތަކީ އެއީއެއް ނޫނެވެ. ވިލުފުއްޓާއި މަޑިފުށި އެއް ފަޅެއްގައި އޮތަސް އެއީ 17 ކިލޯމީޓަރުގެ ރާސްތާ އެކެވެ. ގޫގުލް އާތުން ބަލައިލާށެވެ. އެ ފަޅުގައި ފަޅުރަށުގެ ގޮތުގައި ގާތްގަނޑަކަށް 7.5 ކިލޯމީޓަރު ދިގު ފަހަލައާއެކު ޖުމުލަ ފަސް ރަށެއް އަދި، ރީތި، ދޮންވެލި ފިނޮޅުތަކެއް އެބަ އޮތެވެ.

އެ ދެމެދު ކޯޒްވޭއަކުން ނުވަތަ ބްރިޖަކުން ގުޅައިލުމަކީ ނުކުރެވޭނެ ކަމެއް ނޫނެވެ. ބަލަން ޖެހެނީ ހިނގާނެ ހަރަދާއި ދައުލަތުގެ ފޯރުންތެރިކަމަށެވެ. ފައިދާ އާއި ގެއްލުމަށެވެ.

އަހަރެންނަކީ ތިމާވެށީގެ މާހިރެއް ނޫނެވެ. ނަމަވެސް މި ކޯޒްވޭއެއް އެޅުމަކީ އެ ރީތި، ސާފު ފަޅާއި، އެފަޅުގައި އަތް ނުލައި އޮތް ދޮންވެލި ފިނޮޅުތަކާއި އެ ފިނޮޅުތަކުގެ "އަހުލުވެރިންނަށް" އަދި އެހެން ދިރުންތަކަށް ގެއްލުން ލިބިދާނެ ކަމެކެވެ. މި ގެއްލުމުގެ ކުޑަބޮޑުމިން ބިނާވަނީ ޕްރޮޖެކްޓު ކުރިއަށް ގެންދާ ގޮތަކުންނެވެ. ފަޅު ހިއްކާލައިގެން ކޯޒުވޭ އަޅާނަމަ ގެއްލުން ބޮޑުވާނެ ކަމަށް ބެލެވެ އެވެ.

ދެން އޮތީ ތަނބު ޖަހައިގެން ބުރިޖެއް އެޅުމެވެ. ކާރާއި ޕިކަޕާއި ސައިކަލް އަދި އެހެން ވެހިކަލްތައް ދުއްވޭ ގޮތަށް ބްރިޖެއް އަޅާނަމަ އެއީ ވަރަށް ވަރުގަދަ، ހަރަދު ވެސް ބޮޑު ކަމަކަށް ވާނެ އެވެ.

މި މަޝްރޫއު ކުރިއަށް ގެންދާނަމަ ފަހަލަ އަށް ވާނީ ކިހިނެއްތޯ އެވެ؟ ކޯޒްވޭގެ މަޑިފުއްޓަށްވީ ކޮޅު ފަލަހަ ތެރެއިން ނުވަތަ އެ ރަށުގެ ފަޅު ތެރެއިން ނުގެންދާނަމަ ދެން ޖެހޭނީ ފުން އެތެރެވަރީގެ ބަތާނައަށް ތަނބު ޖަހާށެވެ.

ފަހަލައަކީ ޓޫރިޒަމް ތަރައްގީކުރަން ދޫކޮށްފައިވާ ރަށެކެވެ. ޓޫރިޒަމް ތަރައްގީކުރަން ރަށް ދޫކުރަނީ ފަޅާވެސް އެކުގަ އެވެ. އެހެންވެ، ފަހަލައިގެ މިހާރުގެ ވެރިން، ކޯޒްވޭ މަޝްރޫއުއަށް އެއްބަސްވާނެތޯ އެވެ؟

މި ސަބަބުތައް މިހެން ހުރުމާއެކު، މިއީ ވާނެ ކަމެތޯ ނޫންތޯ ސާފުކޮށް ދެއްވުން އެދެމެވެ. އަދި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދެވޭނެ ހިސާބެއް ބުނެލަ ދެއްވުން އެދެމެވެ.

އަހަރެންގެ ސިކުނޑީގައި ކުރެހިފައިވާ ވިލުފުށި-މަޑިފުށި ކޯޒްވޭ ވާނީ ރާއްޖޭގެ އެންމެ ދިގު ކޯޒްވޭ އަށެވެ. އެ މަޝްރޫއު ހަގީގަތަކަށް ވެއްޖެ ނަމަ، އެއީ ދެވަނައެއް ނެތް ޗާލު ތަނަކަށް ވާނެ އެވެ.

6 ފެބްރުއަރީ 2024

މުހައްމަދު އަލީ - ކޮޅުމަޑުލު ދަރިއެއް