6 ފެބުރުވަރީ 2024 - 13:48 0
މިންހާ އަބްދުﷲ
ރުހުން ނުދިން ތިން ވަޒީރުން، މި ވަޒީރުންނަށް އަލުން ރުހުން ދިނުމަށް މަޖިލީހަށް ފޮނުވީ މިއަދު
6 ފެބުރުވަރީ 2024 - 13:48 0
ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުންނަށް ރުހުން ހޯދުމަށް އަލުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ވަޒީރުންނަށް ރުހުން ދޭން ދައުރުން ބޭރުން މިދިޔަ ޖެނުއަރީ 29، ގައި ބޭއްވި ޖަލްސާގައި މަޖިލީހުން ރުހުން ދީފައި ނުވަނީ ބަންޑާރަނައިބު އަހުމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ.
ރުހުން ނުދިން ތިން ވަޒީރުން ވެސް އެ ދުވަހު އަނެއްކާވެސް އެ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަލުން އައްޔަން ކުރެއްވި އެވެ.
މި ވަޒީރުންނަށް ރުހުން ދިނުމަށް އެދި އަލުން މަޖިލީހަށް ފޮނުވާފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު "އަދަދު"އަށް ކަށަވަރު ކޮށްދެއްވި އެވެ.
އުޝާމަށް ރުހުން ނުދޭން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 64 މެމްބަރުންގެ ތެރެއިން 44 މެމްބަރުން އެގޮތަށް ވޯޓު ދެއްވައިގެންނެވެ. އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 24 މެމްބަރުންނެވެ.
ޑރ.ޝަހީމަށް ރުހުން ދޭން ނުފެންނަ ކަމަށް، 31 މެމްބަރަކު ވޯޓު ދެއްވި އިރު އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް، 30 މެމްބަރަކު ވޯޓު ދެއްވި އެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވައި އަށް މެމްބަރަކު ތިއްބެވި އެވެ.
ހައިދަރަށް ރުހުން ދޭން ނުފެންނަ ކަމަށް 46 މެމްބަރަކު ވޯޓު ދެއްވި އިރު އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް 24 މެމްބަރަކު ވޯޓު ދެއްވި އެވެ.
ރުހުން ނުދިން ތިން ވަޒީރުން އަލުން އައްޔަންކޮށް ރުހުން ހޯދަން މަޖިލީހަށް ފޮނުވުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ބުނެ ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އީވާ އަބްދުﷲ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅާފައިވެ އެވެ.
މިއީ ސަރުކާރަށް އޮތް އިތުބާރު ގެއްލި މަޖިލީހަށް ދީފައިވާ ބާރު ކަނޑުވާލުން ކަމަށް އީވާގެ ގަރާރުގައިވެ އެވެ.
ރުހުން ދިނުމަށް ތާވަލު ކުރި ޖަލްސާއާ ދިމާކޮށް، ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްއިން ނިންމި އެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ތެރޭގައި ސަރުކާރާއި އިދިކޮޅު މެމްބަރުންނާ ދެމެދު ހަމަނުޖެހުން ހިނގައި ބައެއް މެމްބަރުންނަށް އަނިޔާ ލިބިފައިވެ އެވެ.
ރުހުން ނުދޭން އެ ދެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ވިޕްލައިނެއް ނެރުނު ކަމަށް ނުރަސްމީކޮށް އެނގުނު ނަމަވެސް ރުހުން ނުދޭން ނިންމީ ސީދާ ކޮންކޮން ވަޒީރުންނަކަށް ކަމާއި ރުހުން ނުދޭން ނިންމި ސަބަބުތައް އެ ދެ ޕާޓީން ހާމައެއް ނުކުރެ އެވެ.
Comment