Advertisement

ސާޖިދާގެ ލިސްޓަކަށް ފްލެޓު ބަހަން އުޅޭ ވާހަކަ ރައީސް ދޮގުކުރައްވައިފި

6 ފެބުރުވަރީ 2024 - 08:14 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ -- ފޮޓޯ: ރައީސް އޮފީސް


ސާޖިދާގެ ލިސްޓަކަށް ފްލެޓު ބަހަން އުޅޭ ވާހަކަ ރައީސް ދޮގުކުރައްވައިފި

6 ފެބުރުވަރީ 2024 - 08:14 0

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ 4000 ފްލެޓު ބަހަން އުޅެނީ އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ލިސްޓަކަށް ކަމަށް ފަތުރަމުން ގެންދާ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގުކުރައްވައިފި އެވެ.

ރައީސް އޮފީހުން ސޯޝަލް މީޑިއާގައި ގެނެސްދޭ "ރައީސްގެ ޖަވާބު" ސިލްސިލާގައި މިއަދު ޕޯސްޓުކުރި ވީޑިއޯގައި މީހަކު ސުވާލުކުރީ ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ލިސްޓަކަށް ފްލެޓާއި ގޯތި ބަހަން އުޅޭ ކަމަށް ދެކެވޭ ވާހަކައާ ގުޅޭ ގޮތުންނެވެ.

އެއީ ހަގީގަތެއް ނޫން ކަމަށާއި އެއީ ފިތުނަ އުފެއްދުން ދައްކާ ވާހަކަ ކަމަށް ރައީސް ވިދާޅުވި އެވެ. ގިނަ ބައެއްގެ ހިތުގައި އެ ސުވާލު އުފެދިފައި ވަނީ އެހެންވެ ކަން އެ މަނިިކުފާނު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑެއް އަދި އަޅުގަނޑުގެ އަންހެނުން ވިޔަސް އަދި އަޅުގަނޑުގެ ރައްޓައްސެއްވިޔަސް، ސަރުކާރުގެ މަގާމެއްގައި ހުރި މީހަކަށް ވިޔަސް އަދި އެއްވެސް ކަހަލަ ނުފޫޒެއް އެއްވެސް ދިމާއަކުން ފޯރުވައިގެންނެއް މި ސަރުކާރުން އެއްވެސް ރައްޔިތެއްގެ ހައްގަކަށް ނާރާނެ،" ރައީސް ވިދާޅުވި އެވެ.

"އެއީ ގެދޮރުވެރިކަމުގެ ފްލެޓެއް ވިޔަސް އަދި އެހެން ކަހަލަ ހައްގެއް ކަމަށް ވިޔަސް އެ ހައްގަކުން އެއްވެސް މީހަކު މަހުރޫމުކުރުމަކަށް ކަމެއް ނުކުރާނެ. އެފަދަ ކަމެއް ކުރުމަކަށް އަޅުގަނޑު ޖާގައެއް ވެސް ނުދޭނަން."

ފްލެޓު ލިސްޓު ވިޔަސް، ގޯތި ލިސްޓުވިޔަސް އަދި އެހެން އެއްވެސް ޕްރޮގްރާމެއްގެ ތެރެއިން ހަމަޖެހޭ ކަމެއް ވިޔަސް އެކަން ކުރިއަށް ދާނީ ހަމަހަމަ ކަމާއި އިންސާފުވެރި ކަމާއެކީ ދެފުށްފެންނަ ގޮތަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެއިން އެއްވެސް ކަމަކަށް އެއްވެސް ފަރާތެއްގެ ނުފޫޒު ފޯރުވުމަކީ އަޅުގަނޑު ޖާގަ ދޭނެ ކަމެއް ނޫން. އަދި އެކަހަލަ ކަމެއް ހިންގާ މީހަކުގެ މައުލުމާތު ލިބިއްޖިއްޔާ އެކަމަކަށް އިސްވެ ފިޔަވަޅު އަޅުގަނޑު އަޅާނަން،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ ހައްގު ތެދުވެރިކަމާއެކު އަދާކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިމާރާތް ކުރަން ފަށައި ނިންމަމުންދާ ގެދޮރުވެރިޔާ ސްކީމުގެ 4000 ފްލެޓަށް ޝަރުތުހަމަވެ، ފްލެޓު ލިބޭނެ ކަމަށް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ކަނޑައެޅި މީހުންގެ ތެރެއިން 60 ޕަސެންޓު މީހުންގެ ޝަރުތުހަމަނުވާ ކަމަށް، އޭސީސީން އިއްޔެ ވަނީ ބުނެފަ އެވެ.