ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު. -- ފޮޓޯ: އަަދަދު
ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އެމްޑީޕީން ވަކިކޮށް، އަދި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރުމުގެ ފުރުސަތު އޭނާއަށް ނުދިނުމަށް ނިންމައިފި އެވެ.
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން މިިގޮތަށް ނިންމީ އެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައެއް ބެލުމަށް ފަހު، އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރެ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް މަސަލަހަތު ގެއްލޭ ގޮތަށް ޖާބިރު ތަކުރާރުކޮށް އަމަލުކުރަމުން ގެންދާތީ އެވެ.
"މި ކަމަކީ މި ޕާޓީ އާއި ޕާޓީގެ އާންމު މެމްބަރުންގެ މަސްލަހަތަށް އުނިކަން ލިބޭ ފަދަ އަމަލެއް ކަމުގައި ވާތީ މި ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލަ ބެލުމަށް ފަހު އަބްދުﷲ ޖާބިރު 20 ވަަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުގައި މި ޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ނުދިނުމަށާއި، އަދި މިއަދުން ފެށިގެން ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް މި ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ވަނީ ނިންމައިފަ އެވެ،" އެމްޑީޕީން ދާދި ދެންމެ ނެރުނު، ފިޔަވަޅު އަޅާ ކޮމިޓީގެ ނިންމުމުގައި ވެއެވެ.
ޖާބިރަށް އެމްޑީޕީގެ މެމްބަރުކަން ދެން ދޭނީ ޕާޓީގެ ގައުމީ މަޖިލިހަށް ހުށައަޅައި އެ މަޖިލިހުން ނިންމާ ގޮތެއްގެ މަތިން ކަމަށް ފިޔަވަޅު އަޅާ ކޮމިޓީގެ ނިންމުމުގައިވެ އެވެ. އަދި ޕާޓީގެ މެމްބަރުކަން އަލުން ދިން ނަމަވެސް ފަސް އަހަރު ވަންދެން ޕާޓީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި އޭނާއަށް ވާދަ ނުކުރެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.
މި އަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާއަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓު ޖާބިރަށް ލިބިފައި ވާއިރު، އޭނާގެ ދަރިފުޅު މުއާޒު އަބްދުﷲ ޖާބިރު ވަނީ މަހިބަދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބުކޮށް ޓިކެޓު ހޯދައިފަ އެވެ.
Comment