Advertisement

ރަތް ރޮނގު ހުރަސްކޮށް އިންޑިއާއިން ހިންގި ޖަރީމާ އަދި ކަނޑުގެ ގާނޫނުގެ "ތިލަކަން"

7 ފެބުރުވަރީ 2024 - 10:07 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓް ވޯކް: ރައްޔާން މުހައްމަދު / އަދަދު


ރަތް ރޮނގު ހުރަސްކޮށް އިންޑިއާއިން ހިންގި ޖަރީމާ އަދި ކަނޑުގެ ގާނޫނުގެ "ތިލަކަން"

7 ފެބުރުވަރީ 2024 - 10:07 1

"ރާއްޖޭގެ 900،000 އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލުކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ގާއިމު ކުރެވިގެންދާނެ."

ދިވެހިރާއްޖޭގެ ދިފާއީ ބާރު ވަރުގަދަ ކުރުމަށް، ބޮޑުތަކުރުފާނާއި ދޮންބަންޑާރައިންނާއި ބޮޑުރަސްގެފާނާއި އިސްކަންދަރު މަހާރަދުން ކުރެއްވި ކަންކަމުން މިސާލު ނަންގަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ހޯމަ ދުވަހު ވިދާޅުވި މި ޖުމްލަ ވެގެންދިޔައީ ހާއްސަ ޖުމްލައަކަށެވެ.

މަލަބާރީންނާ ކަންނައްނޫރު އަލީރާޖާގެ ހަމަލާތަކުން ދިފާއުވުމަށް ފުރަމާލޭގައި ބުރުޒުތައް ހައްދަވައި، އަސޭކަރައިން ރަތުލޯބަޑީގެ 14 ބަޑި ހޯއްދެވިގޮތުގެ ވާހަކައާއެކު ރައީސް ފާހަގަކުރެއްވީ ރާއްޖޭގެ ސަލާމަތައް އޭރު ހުރި ނުރައްކާތަކެވެ.

ރައީސްގެ މި ޖުމްލަ ނުވަތަ މި އިބާރާތް މިވަގުތަށް ހާއްސަވަނީ ރާއްޖޭގެ އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން (އީއީޒެޑު) ގެ ނުވަތަ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ރައްކާތެރިން ނިމިދިޔަ ހަފުތާ "ގެއްލިފައި" ވާތީ އެވެ. ރާއްޖޭގެ ސަލާމަތަށް އާ ނުރައްކަލެއް ކުރިމަތިވެފައިވާތީ އެވެ.

އިންޑިއާގެ ކޯސްޓް ގާޑް ޝިޕް 246 އާއި ކޯސްޓް ގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމުތަކުން ހަތިޔާރާއެކު ދިވެހި ތިން މަސް ދޯންޏަކަށް އަރައި ފާސްކުރީ، ހއ. ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގައި ތިއްބާ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވެ އެވެ.

ދޯނިތަކަށް އެރުމަށްފަހު ބަލައި ފާސްކޮށް، މަސްވެރިންނަށް ވަކި ގޮތަކަށް އަމަލު ކުރުމަށް އިންޑިއާ ސިފައިން އަމުރުކޮށްފައިވާ ކަމަށް އޮޑިވެރީން މި ނޫހާ ވާހަކަ ދައްކަމުން އެ ދުވަހު ބުންޏެވެ.

އެ ހާދިސާގެ ހަބަރުތައް ފެންމަތިވެ ވީޑިއޯތަކާއި ފޮޓޯތައް ދައުރުވާން ފެށުމުން، ސިޔާސީންނާއި އާންމުން ހިމެނޭހެން ހުރިހާ ދިވެހީން ކަންބޮޑުވުން ފާޅުކުރި އެވެ. ސޯޝަލް މީޑިއާގައި ހާސްކަން އިތުރުކުރުވި އެވެ. ޕާޓީތަކުގެ ބަޔާންތަކާއި ސަރުކާރަށް ކުރިމަތި ކުރުވި ފާޑުކިޔުންތައް ވެސް މަދެއް ނޫނެވެ.

ދިވެހި މަސް ދޯންޏެއްގައި އިންޑިއާ ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަނީ - ފޮޓޯ: މަސްވެރިންގެ ޔުނިއަން


އެ ހާލަތުގައި ހަނދާނަށް ގެނެވުނީ މީގެ ދެމަހާ ބައި ކުރިން ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ރައީސް މުއިއްޒު ގައުމާ މުހާތަބު ކުރައްވާ ދެއްވި ހިތާބެވެ. އެމަނިކުފާނު ދަންމަވާނެ ކަމަށް ވިދާޅުވި މިނިވަންކަމުގެ ރަތް ރޮނގުގެ ވާހަކަ އެވެ.

"އެއީ ކޮންމެ ގައުމެއްގައި ވެސް އޮންނާނެ ރަތް ރޮނގެއް، އޮންނަން ވާނެ ރަތް ރޮނގެއް، ދިވެހި ދައުލަތަށް ވެސް އެ ހައްގު އޮންނަން ވާނެ، އެ އިހުތިރާމު ލިބެން ވާނެ،" ރައީސް އެދުވަހު މިހެން ވިދާޅުވި އެވެ.

ނަމަވެސް، އިންޑިއާގެ ސިފައިން އެންގުމަކާ ނުލާ، ދިވެހީން އެންމެ ފަހުރުވެރިވާ މަސްވެރިންނާ ދިމާކޮށް، ހަތިޔާރު ދިއްކުރުމަކީ ހަމަގައިމުވެސް މި ފަލަ، ރަތް ރޮނގު ހުރަސްކުރުމެވެ. އެބައިމީހުންގެ އަސްކަރީ މަތިވަންތަކަމުގެ ނާޖާއިޒު ބޭނުން ހިފާ ދިވެހިންނަށް ބިރު ދެއްކުމެވެ.

ޖަވާބު ދާރީ ކުރުވުން ދިވެހި ސަރުކާރުން މަޑު ދުވެލީގަ

އެ ހާދިސާގެ ރިޕޯޓު އެންމެ ފުރަތަމަ ސޯޝަލް މީޑިއާއަށް ދޫކޮށްލީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުންނެވެ. މެންދުރުފަހު ކުރި އެ ޕޯސްޓަށް، ގައުމީ ސަލާމަތީ ބާރުން ބަހެއް ބުނީ އަސުރަށްފަހެވެ. ހާދިސާގެ ރިޕޯޓު ލިބިފައިވާ ކަމަށާއި އެ ސަރަހައްދަށް ކޯސްޓްގާޑުގެ އުޅަނދެއް ދަތުރުކުރަމުންދާ ކަމަށް ބުނެ އެވެ.

އެރީ ސިފައިން ކަމެއް، ހަތިޔާރު އެޅި އެހެން ބަޔަކު ކަމެއް، ކޮން ގައުމެއްގެ ބަޔެއް ކަމެއް ވެސް އެމްއެންޑީއެފުން އެންމެ ފުރަތަމަ ކަށަވަރެއް ނުކޮށްދެ އެވެ. މައްސަލައިގެ ހައްސާސްކަން ކިތަންމެ ބޮޑު ނަމަވެސް، އެކަން އެއިރު އޮތީ ވަހުތާނެއްހެން އާންމުންގެ ތެރެއަށް ދޫކޮށްލާފަ އެވެ. ނޫސްތަކާއި ސޯޝަލް މީޑިއާގެ ހީތަކަށް ދޫކޮށްލާފަ އެވެ.

ދޭދޭ ދެ ގައުމުގެ ދޭތެރޭ ޖެހޭ މިފަދަ މައްސަލަތަކުގައި ސަރުކާރުތަކުން ހަރުކަށި ޕްރޮޓޮކޯލަކަށް އަމަލުކުރެ އެވެ. އެ ގައުމެއްގައި ހުންނަ އަނެއް ގައުމުގެ ސަފީރު ހާޒިރުކޮށް ސުވާލު ވެސް ކުރެވިދާނެ އެވެ. ނަމަވެސް ހާދިސާއަށް ހަފުތާއެއް ފާއިތުވެފައިވާއިރު ވެސް އިންޑިއާގެ ސަފީރު، ދިވެހި ހާރިޖިއްޔާއަށް ހާޒިރުކޮށްފައެއް ނުވެ އެވެ.

އެކަން ކުރަން މި ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުން، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވެސް އެކަން ފާހަގަ ކުރެއްވި އެވެ.

"މިއަދުވެސް ހަމަ ހަމަޖެހިލާފައި މިތާ ފަހަތުގައި [މަޖިލީހުގެ ޖަލްސާ އަޑުއަހަން ވަންނަ މީހުން ތިބޭ މާލަމުގައި] އިން އިންޑިއާ އެމްބެސެޑަރު. އެންމެން ސަލާންކޮށްފައި މިވަރެއް ނެތިގެން އުޅުނީ،" ދިވެހި ސަރުކާރަށް ފާޑުވިދާޅުވި އޭނާ ވިދާޅުވި އެވެ.

ހާދިސާ ހިނގިކަމާމެދު ވެސް ސުވާލު އުފައްދަން ބަޔަކު ފަށާފައި ވަނިކޮށް، ހާދިސާގެ ދެ ދުވަސް ފަހުން، ފެބްރައަރީ 2، 2024 ގެ ރޭ 10:30 ހާއިރު ދިފާއީ ވުޒާރާއިން ބަޔާނެއް ނެރުނެވެ. ރާއްޖޭގެ ތިން ދޯންޏަކަށް އެރީ އިންޑިއާގެ ދެ އުޅަނދަށް ނިސްބަތްވާ އެ ގައުމުގެ ސިފައިންކަން ވެސް ޔަގީންވީ އެ ބަޔާނުންނެވެ.

އަސުރުމާ-3، ނިރު-7 އަދި މާހޯރަ-3 ދޯންޏަށް އިންޑިއާ ސިފައިން އެރި ސަބަބު ހާމަ ކުރަން އެދި ދިވެހި ސަރުކާރުން އިންޑިއާއަށް ސިޓީއެއް ފޮނުވި ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އިތުބާރު ހުރި މަސްދަރުތަކުން ޔަގީންކޮށްދޭ ގޮތުގައި އެ ސިޓީގެ ޖަވާބެއް މިހާތަނަށް ދިއްލީއިން މާލެއަށް ފޮނުވާފައެއް ނުވެ އެވެ.

ރާއްޖޭގެ ކަނޑުގެ ގާނޫނުގެ މިންތައް

ރާއްޖޭގައި މިހާރު އަމަލުކުރާ ކަނޑުގެ ގާނޫނު އެކުލަވާލީ 1996 ގަ އެވެ. މަދު އިސްލާހުތަކަކާއެކު މިހާރުވެސް އަމަލުކުރަމުން ދަނީ އެ ގާނޫނަށެވެ. ޖެހިފައިވާ މައްސަލާގައި އެންމެ މުހިންމު އެއް ގާނޫނަކީ މިއީ އެވެ.

ރާއްޖޭގެ އުތުރު ކަނޑުގެ އިން ވަކިކުރަން، އިންޑިއާއާއެކު އެއްބަސްވުމެއްގައި ސޮއިކުރީ ޑިސެމްބަރު 28، 1976 ގަ އެވެ. އިންޑިއާގެ ވެރި ރަށުގައި ސޮއިކުރި މި އެއްބަސްވުމުގައި ދެ ގައުމުގެ ދެމެދުގައި ފުށޫއަރާ ކަނޑުގެ ބޯޑަރުގެ މައްސަލަ ހައްލުކޮށް އެ ބޯޑަރުގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް ހިމަނާފައިވެ އެވެ.

އެ އެއްބަސްވުމުގެ އެންމެ މުހިންމު އެއް ނުކުތާއަކީ އެއްބަސްވުމުގެ ހަތަރުވަނަ ބާބުގެ ތިންވަނަ މާއްދާ އެވެ. އެ މާއްދާގައިވާ ގޮތުން އެއް ގައުމުން އަނެއް ގައުމުގެ ސަރަހައްދީ ކަނޑު އަދި އީއީޒެޑުގެ ތެރެއިން ދަތުރުކުރަން ވާނީ، ނުވަތަ އެ ސަރަހައްދު ހުރަސް ކުރަން ވާނީ އަނެއް ގައުމުގެ ގާނޫނުތަކާ އެއްގޮތަށެވެ.

ރާއްޖޭގެ ގާނޫނަށް ބަލައިލަމާ ހިންގަވާށެވެ. ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކުގައި ގައުމެއްގެ ކޯސްޓުގާޑުގެ އުޅަނދުތައް މާނަކުރެވޭނީ ހަނގުރާމަމަތީ އުޅަނދުގެ ގޮތުގަ އެވެ. މި ހާދިސާގައި ރާއްޖޭގެ އީއީޒެޑަށް ވަނީ އިންޑިއާގެ ކޯސްޓުގާޑުގެ ދެ އުޅަނދެވެ.

ނަމަވެސް، ރާއްޖޭގެ ގާނޫނު އޮންނަ ގޮތުން، ބޭރު ގައުމެއްގެ ހަނގުރާމަ މަތީ އުޅަނދެއް ދިވެހި ސަރުކާރުން ހުއްދަ ނަގަން ޖެހޭނީ، ރާއްޖޭގެ ސަރަހައްދީ ކަނޑު (ޓެރިޓޯރިއަލް ވޯޓާސް) އަށް ވަންނަ ނަމަ އެވެ. އީއީޒެޑަށް ވަނުމަށް ހުއްދަ ނަގަން ޖެހެނީ މަސްވެރިކަންކުރާ އުޅަނދުތައް އެކަންޏެވެ.

ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1996-06)


13 ވަނަ މާއްދާ - ސަރަހައްދީ ކަނޑަށް ވަނުން (ށ) އެއްވެސް ބޭނުމަކު ބޭރު ގައުމެއްގެ ހަނގުރާމަމަތީ އުޅަނދެއް ނުވަތަ ނިއުކްލިއަރ ހަތިޔާރު ހިފައިގެން ދަތުރުކުރާ އުޅަނދެއް ނުވަތަ ނިއުކްލިއަރ ހަކަތައިން ދުއްވާ ނުވަތަ ނުރައްކާތެރި ވިހައިގެ ބާވަތްތައް ހިފައިގެން ދަތުރުކުރާ އުޅަނދެއް ދިވެހި ސަރުކާރުގެ ހުއްދަ ކުރިން ލިބިގެން ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން މެނުވީ، ދިވެހިރާއްޖޭގެ ސަރަހައްދީ ކަނޑަށް ވަދެގެންނުވާނެއެވެ. 14 ވަނަ މާއްދާ - އިގްތިސާދީ ސަރަހައްދަށް ވަނުން ބޭރު ގައުމެއްގެ މަސްވެރިކަންކުރާ އުޅަނދެއް، ދިވެހިރާއްޖޭގެ ގާނޫނުގައިވާ ގޮތުގެމަތިން ދިވެހިސަރުކާރުގެ ހުއްދަ ކުރިން ލިބިގެންމެނުވީ، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަދަގެން ނުވާނެއެވެ.

ދެން މި ދެ ސަރަހައްދުގެ މާނަ ކުރުމަށް ބަލާލަމާ ހިނގާށެވެ. ގާނޫނުގައިވާ ގޮތުން ރާއްޖޭގެ ސަރަހައްދީ ކަނޑަކީ ރާއްޖޭގެ "އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ 12 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަހައްދު" އެވެ.

ހަމަ އެ ގާނޫނުގައިވާ ގޮތުން ރާއްޖޭގެ އީއީޒެޑަކީ، "އާކިޕެލަޖިކް ބޭސް ލައިންތަކުންފެށިގެން ބޭރުގައިވާ 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަހައްދުގެ ތެރެއިން، މިގާނޫނުގެ ހަތަރު ވަނަ މާއްދާގައި ބުނެފައިވާ ދިވެހިރާއްޖޭގެ ސަރަހައްދީ ކަނޑުގެ ބޭރަށް އޮންނަ ސަރަހައްދާއި އެސަރަހައްދުގެ ކަނޑު އަޑީގައިވާ ފަސްގަނޑެވެ."

ދިވެހިރާއްޖޭގެ ކަނޑާ ބެހޭ ގާނޫނު ލިޔުއްވި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނަށްވަރާ ދެކެވުނު ވާހަކައިގައި، އޭނާ ވެސް ވަނީ މި މާނަކުރުންތަކާ އެއްބަސްވެފަ އެވެ.

އާކިޕެލަޖިކް ބޭސްލައިންތައް އަދި އިންޑިއާއާއެކު އޮންނަ ކަނޑުގެ ބޯޑަރު


މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވި މައުލޫމާތަށް ބަލާއިރު އިންޑިއާ ސިފައިން އެރި ތިން ދޯނި އޮތީ، ހއ. ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގަ އެވެ. ސަރަހައްދީ ކަނޑުގެ 60 އެއްހާ މޭލު ބޭރުގަ އެވެ. އީއީޒެޑު ތެރޭގަ އެވެ. ރާއްޖޭގެ ގާނޫނުތަށް ބުނާ ގޮތުން، މި ހިސާބަށް ބޭރު ގައުމެއްގެ ހަނގުރާމަމަތީ އުޅަނދެއް ވަނުމަށް ދިވެހި ސަރުކާރުގެ ހުއްދަ ހޯދާކަށް ނުޖެހެ އެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކުގައި ބުނަނީ ކީކޭ؟

މި ހިސާބުން ހިތަށް ވަންނަނީ، ސަރުކާރުގެ އަދި ސިޔާސީ ޕާޓީތަކުގެ ބަޔާނުގައިވެސް ބުނެފައިވާ ބައިނަލްއަގުވާމީ ގާނޫނުތަކުގައިވާ އެއްޗަކާމެދު ކުރެވޭ ސުވާލެވެ. ގައިމުވެސް ދިވެހިން ބުނަނީ އިންޑިއާއިން އެ ގާނޫނުތަކާ ހިލާފުވި ކަމަށެވެ. ސަރުކާރާއި އިދިކޮޅުގެ ބަޔާންތަކާއި އަދި އާއްމުންގެ އެކި ޕޯސްޓުތައް އެއްކޮށްލުމުން މިތާ ދިވެހިންނޭ މި ބުނަނީ ޖުމްލަ ކޮށެވެ.

ބައިނަލްއަގުވާމީ ދުނިޔޭގައި، ކަނޑުތަކުގެ އެކި މައްސަލަތަކުގައި އަމަލުކުރަނީ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ސީ" ނުވަތަ ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ މުއާހަދާ އަށެވެ.

ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުގެ 58 ވަނަ މާއްދާގެ ދަށުން އެހެން ގައުމެއްގެ އީއީޒެޑުގެ ތެރޭގައި އެ ގައުމުގެ އުޅަނދުތައް ދުއްވުމުގެ ހައްގު ކޮންމެ ގައުމަކަށްވެސް ލިބިގެންވެ އެވެ. އެ މާއްދާގައި "އުޅަނދުތައް" މާނަކޮށްފައިވާ، އަސްކަރީ ނުވަތަ ހަނގުރާމަ މަތީ އުޅަނދުތައް މީގެ ތެރެއިން އިސްތިސްނާ ނުވެ އެވެ.

އީއީޒެޑުތަކުގެ ތެރޭގައި އަސްކަރީ ހަރަކާތްތައް ހިންގުމާ ގުޅޭގޮތުން، ކޮރެއާގެ އިންޓަނޭޝަނަލް މެެރިޓައިމް އެފެއާޒް އެންޑް ފިޝަރީޒް އިން 2011 ގައި ހަދާފައިވާ ދިރާސާއެއްގައި ބުނާ ގޮތުން، ސަރަހައްދީ ކަނޑުތަކުގައި އަސްކަރީ ހަރަކާތްތައް ކުރުން ގިނަ ގައުމުތަކުން މަނާކުރި ނަމަވެސް އީއީޒެޑުގައި އެކަންކަން ކުރުމަކީ އާންމު އުސޫލެވެ.

މިސާލެއް ނަގާނަމަ، 2021 ގެ ކުރީކޮޅު ރާއްޖޭގެ ސަރަހައްދަށް އެމެރިކާގެ މަނަވަރަކުން ވަދެ ދަތުރުކުރުމަށްފަހު އެ ގައުމުން ބުނީ މަނަވަރުން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދަށް ވަދެ "މައުސޫމް ދަތުރެއްކޮށް"، "އާންމު އޮޕަރޭޝަނެއް" ހިންގާފައިވާ ކަމަށެވެ.

"މި ފްރީޑަމް އޮފް ނެވިގޭޝަން އޮޕަރޭޝަނުން، ރާއްޖޭގެ އެކްސެސިވް މެރިޓައިމް ކްލެއިމްސަށް އަށް ގޮންޖަހައި، އަހަރުމެން މި ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކުން ލިބިދޭ ހައްގުތަކާއި މިނިވަންކަމާއި ގާނޫނާ އެއްގޮތަށް ކަނޑުގައި ހަރަކާތްތެރިވުމުގެ ހައްގު ކަށަވަރުކޮށްފައި،" އޭރު ރާއްޖެ ވަން ޔޫއެސްއެސް ޖޯން ޕޯލް ޖޯންސް އިން ބުނެފައިވެ އެވެ.

ކުރިން ބުނެވުނު ދިރާސާ ބުނާ ގޮތުން، އީއީޒެޑުގެ ތެރޭގައި އަސްކަރީ ހަރަކާތްތައް ހިންގުމަކީ ނުވަތަ އަސްކަރީ އުޅަނދު ދުއްވުމަކީ ރާއްޖޭގެ ގާނޫނުތަކުން ހުއްދަ ކަމެކެވެ. ނަމަވެސް، އެކަމުގެ ސަބަބުން ގިނަ ހާރިޖީ ކޯޅުންތަކެއް އުފެދޭކަން ދިރާސާއިން ވެސް ދައްކަ އެވެ. ހައްލެއްގެ ގޮތުގައި ތަޖުރިބާކާރުން ހުށަހަޅަނީ އީއީޒެޑު ނިސްބަތްވާ ގައުމުގެ ގާނޫނުތަކަށް ތަބާވުމެވެ. ރާއްޖޭގެ ގާނޫނު ކުރިން ތިލަކޮށްދީފައިވާނެ އެވެ.

އެހެންކަމުން އިންޑިއާގެ އަސްކަރީ އުޅަނދުތައް ރާއްޖޭގެ އީއީޒެޑުގައި އަސްކަރީ ހަރަކާތް ހިންގުމާއި ދުއްވުމަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމެއް ނޫންކަން ސާފެވެ. ދެން އުފެދޭ ސުވާލަކީ، ރާއްޖޭގެ މަސް ދޯނިތަކަށް އިންޑިއާ ސިފައިންނަށް އެރޭނެތޯ ކުރެވޭ ސުވާލެވެ.

ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުގެ 111 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، އެ ގައުމެއްގެ އީއީޒެޑުގެ ތެރޭގައި އެ ގައުމުގެ ގާނޫނާ ހިލާފުވި ކަމަށް ޝައްކު ކުރެވޭ ހާލަތުގައި އުޅަނދުތައް ފަހާ ދުއްވާ ހުއްޓުވުމަކީ ކޮންމެ ގައުމެއްގެ އަސްކަރިއްޔާއަކަށް ވެސް ލިބިދޭ ބާރެކެވެ. މިހެން ފަހާ ދުއްވާ ހާލަތެއްގައި އެހެން ގައުމެއްގެ އީއީޒެޑުގެ ތެރެއަށް ވަނުމަކީ ވެސް ކުރިން ބުނެވުނު ގައުމުގެ އަސްކަރީ އުޅަނދަށް ލިބިދޭ ހައްގެކެވެ. އެފަދަ އޮޕަރޭޝަނެއް ހުއްޓާލަން ޖެހޭނީ އެހެން ގައުމެއްގެ ސަރަހައްދީ ކަނޑާ ހިސާބުންނެވެ.

ނަމަވެސް ދިވެހި އުޅަނދުތަކަށް ހަތިޔާރާއެކު ވަނުމަކީ މުޅިން އެހެން ވާހަކައެކެވެ. އެއީ ހަމައެކަނި ދިވެހި ކަނޑުގެ ސަރަހައްދަށް ވަނުމެއް ނޫނެވެ. އެއީ ކަނޑުގެ ސަރަހައްދަށް ވަދެ ދިވެހިންތަކަކާ ދެކޮޅަށް ގާނޫނީ އޮޕަރޭޝަނެއް ހިންގުމެވެ.

ކަނޑު ބެލެހެއްޓުމަށް އިންޑިއާއާއެކު ގިނަ އެއްބަސްވުންތަކެއް

ނިމިދިޔަ އެކި ދިވެހި ސަރުކާރުތަކުން އިންޑިއާ އާއެކު ދިފާއީ ދާއިރާއިން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވެ އެވެ.

އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2016 ގެ ފަހުން ސޮއިިކޮށްފައިވާ ދިފާއީ ހުރިހާ އެއްބަސްވުމެއްގެ ވެސް އަސާސްކަމުގައިވާ ޑިފެންސް އެކްޝަން ޕްލޭން އެވެ. އެ އަހަރު ޔާމީނު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރި މި އެކްޝަން ޕްލޭނުގެ ދަށުން އެމަނިކުފާނު އަދި ދެން އައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް އިންޑިއާއާއެކު ގިނަ އެއްބަސްވުންތަކެއް އެކުލަވާލި އެވެ.

ޔާމީނުގެ އިންޑިއާ ދަތުރާ ގުޅިގެން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ދިން މައުލޫމާތު ތަކަށް ބަލާއިރު، މި އެކްޝަން ޕްލޭނުގައި ރާއްޖޭގައި އަސްކަރީ ބަނދަރުތައް ހެދުމާއި ތަމްރީނުތައް ކުރިއަށް ގެންދިއުމާއި ވަސީލަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، ކަނޑުގެ ސަރަހައްދުތައް ބެލެހެއްޓުމުގައި އެހީތެރިވުން ހިމެނޭ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން 2016 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި، މެހުމާނުން ސޮއިކުރާ ފޮތެއްގައި ސޮއިކުރައްވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ބައްލަވަނީ. ފޮޓޯ: ރައީސް އޮފީސް


"ކުރިއަށް އޮތް ތަނުގައި ހަރުކަށި ފިކުރާއި ރޭވިގެން ހިންގޭ ކުށްތަކާއި އިތުރު ސަލާމަތީ މައްސަލަތަކުގައި އެކުގައި މަސައްކަތް ކޮށް މިހާރު އޮތް ގުޅުން ބަދަހިކުރަން ބޮޑުވަޒީރު މޯދީއާއެކު މަޝްވަރާ ކުރެވުނު،" ދިއްލީގައި ހުންނަވާ ޔާމީނު އެ ދުވަހު ވިދާޅުވެފައިވެ އެވެ.

މި ސްކޯޕުގެ ދަށުން އެތައް އެއްބަސްވުމެއް ހެދިފައިވާއިރު ނިމިދިޔަ ސަރުކާރުން އޭގެ ތެރެއިން ގިނަ އެއްބަސްވުންތަކެއް ވަނީ ސިއްރުކޮށްފަ އެވެ. އެ އެއްބަސްވުންތައް ހާމަކުރަން މި ސަރުކާރުން ވައުދުވި ނަމަވެސް، ސަރުކާރަށް ދެ މަސް ވީއިރު ވެސް އޭގެ ތެރެއިން އެއްވެސް އެއްބަސްވުމެއް ހާމަކޮށްފައެއް ނުވެ އެވެ.

އެހެންކަމުން މިފަދަ އެއްބަސްވުމެއްގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިވެހި ދޯނިތައް ބަލާ ފާސްކުރުމުގެ ބާރު އިންޑިއާގެ ސިފައިންނަށް ލިބިދީފައިވާކަން އެނގޭނެ ގޮތެއް ނެތެވެ. ނަމަވެސް އެވެސް ސުވާލު އުފައްދަން ލިބިދޭ ޖާގަ އެކެވެ.

ބައިނަލްއަގުވާމީ މިފަދަ އެތައް މައްސަލައެއް

އީއީޒެޑުގައި ހިނގާ މިފަދަ ހާދިސާތައް އެންމެ ގިނައިން ހިނގަނީ ޗައިނާގެ ވަށައިގެންވާ ކަނޑުގެ ސަރަަހައްދުގަ އެވެ. ހާއްސަކޮށް އެމެރިކާއިން ޗައިނާގެ އީއީޒެޑުގައި ކުރިއަށް ގެންދާ އަސްކަރީ އިންޓެލިޖެންސް ހަރަކާތްތަކާއި އަސްކަރީ ކަނޑުގެ އަދި ވައިގެ އުޅަނދުތަކުން އިތުރު އެތައް ހަރަކާތެއް ހިންގަ އެވެ.

އެގޮތުން ޗައިނާގެ އީއީޒެޑުގައި އެމެރިކާގެ އަސްކަރީ އުޅަނދެއް ހަރަކާތްތެރިވުމުގެ އުޒުރެއްގެ ގޮތުގައި އެމެރިކާގެ އަސްކަރިއްޔާގެ އެޑްމިރަލް މައިކަލް މުލެން ދައްކާފައިވަނީވެސް ބައިނަލްއަގުވާމީ ކަނޑުގެ މުއާހަދާ އެވެ.

އެގޮތުން އެމެރިކާއިން ވަނީ ޗައިނާގެ އީއީޒެޑަށް ކަމަށާއި ސަރަހައްދީ ކަނޑަން ނޫން ކަމަށް ބުނެ، އީއީޒެޑުގައި އަސްކަރީ ހަރަކާތް ހިންގުމުގެ މިނިވަންކަން ބައިނަލްއަގުވާމީ މުއާހަދާއިން ލިބިދޭކަން މުލެން ހާމަކޮށްފައިވެ އެވެ.

މީގެއިތުރުން، ބޮޑެތި ބޯޑަރުގެ ފުށޫއެރުންތަކެއް ހުންނަ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި އީއީޒެޑުގެ މިފަދަ އެތައް ހާދިސާއެއް ވަނީ ހިނގާފަ އެވެ. އެންމެ ފާހަގަކޮށްލެވެނީ ފިލިޕީންސްގެ މަސްވެރިންނަށް އެ ގައުމުގެ އަމިއްލަ އީއީޒެޑުގައިވެސް ޗައިނާ އިން ކުރާ ފިއްތުމާއި ދައްކާ ބިރެވެ.

ދެކުނު ޗައިނާގެ ބޮޑު ބަޔަކީ ޗައިނާގެ އީއީޒެޑު ކަމަށް އެ ގައުމުން ބުނެ އެވެ. ނަމަވެސް، އެ ބޯޑަރާ ފިލިޕީންސްގެ އީއީޒެޑުގެ ބޯޑަރު ފުށޫއަރަ އެވެ.

އަސްލުގެ ގޮތުން ރާއްޖޭގެ މި ހާދިސާއާ އެންމެ ގުޅޭ މިސާލަކީ މިއީ އެވެ. މީގެ އެންމެ ފަހުގެ އަރައިރުން ހިނގީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެފަހަރު، ޗައިނާގެ ކޯސްޓު ގާޑުން ވަނީ ފިލިޕީންސްގެ މަސްވެރިން އުޅަނދުތަކަށް އެ ގައުމުގެ އަމިއްލަ އީއީޒެޑަށް ނުވަދެވޭނެހެން ބެރިއާއެއް ގާއިމުކޮށްފަ އެވެ.

މިފަދަ ގިނަ މައްސަލަތަކުގެ ފަސް ފަހަތަށް ބަލާއިރު، ގަދަ ބަސްބުނުމާއި ބާރުގެ ބޭނުން ކުރުމަކީ ހައްލުގެ ގޮތުގައި ފެނިފައެއް ނުވެ އެވެ. އެފަދަ އަމަލުތަކުގެ އާހިރު ނަތީޖާއަކަށް ވަނީ ކުރިމަތިލުންތަކާއި ހަނގުރާމަތަކެވެ.

"އެންމެ ގާތް" ގައުމުން ޖަވާބުދާރީ ވާން ޖެހޭ

މައްސަލާގެ ހައްސާސްކަން ކުޑަ ވާނެ އެއްވެސް ގޮތެއް ނެތެވެ. ރާއްޖޭގެ އާ ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތަކީ، ސަބަބެއް ނެތި ރާއްޖޭގެ އީއީޒެޑުގެ ތެރެއިން މަސްވެރިންނަށް ބިރު ދައްކާ ހަތިޔާރު ދިއްކުރަން ޖެހޭ ސަބަބެއް ނޫންކަން ޔަގީނެވެ.

ޖަވާބެއް ހޯދުމުގައި ދިވެހި ސަރުކާރުން އިތުރު މަސައްކަތްތަކެއް ކޮށް، އިންޑިއާއަށް ޕްރެޝަރު ކުރަން ޖެހެ އެވެ. ރާއްޖޭގެ އެންމެ ގާތް، އެންމެ އެކުވެރި މިތުރު ކަމުގައި އަވަށްޓެރި އިންޑިއާއިން އަބަދުމެ ބުނާ ބުނުމުގައި ހަގީގަތެއްވާ ނަމަ، ދިވެހި ހާރިޖިއްޔާގެ ސިޓީއަށް އެ ގައުމަށް ޖަވާބެއް ދެވެން ވާނެ އެވެ.

މި މައްސަލާގައި ދެން ޖެހެމުންދާ އެންމެ ބޮޑު ކުންޏަކީ ދެ ސަރުކާރުން ވެސް މައުލޫމާތު ހާމަ ނުކުރުމެވެ. ސިއްރިއްޔާތަކީ މި މައްސަލާގައި ހެދޭނެ އެންމެ ބޮޑު އެއް ގޯހެވެ.

މިކަމާ ގުޅިގެން އިއްޔެގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު ވަނީ، ދިވެހި ސަރުކާރުން މައުލޫމާތު ނުދޭތީ ފާޑުވިދާޅުވެފަ އެވެ.

"އެކަމަކު އަޅުގަނޑުމެންނަށް އެބަ ފެނޭ އެބޭފުޅުންގެ ސިޔާސީ ޝައުގު ހުންނަ ކަންކަމުގައި ބަރިބަރިއަށް ވަޒީރުންނާއި ރައީސް އަރުއްވައިގެން ބައިސާތައް ކަނޑުއްވާތަން، އެކަމަކު ދިވެހި އުޅަނދުތަކަށް ބަޑި ހިފައިގެން އަރައި އުޅުނު، މިހާ ސީރިއަސް މައްސަލައެއްގައި އެކަމުގެ މައުލޫމާތު ނުދޭ،" ކުއްލި މައްސަލަ ހުށަހެޅުށްވުމަށްފަހު އޭނާ ވިދާޅުވި އެވެ.

އެހެން ގައުމުތަކުގެ ދެމެދު، އީއީޒެޑުގައި ހިނގާ މިފަދަ ހާދިސާތަކުގެ ތާރީހަށް ބަލާނަމަ މިކަން ތަކުރާރު ނުވާނެ އެންމެ ފަސޭހަ އަދި އެންމެ ހެޔޮވިސްނޭ ގޮތަކީ ހާރިޖީ މަޝްވަރާ އެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ ތެރެއިން ހޯދޭނެ ހައްލެވެ.

ނަމަވެސް، މިފަދަ ބިރު ދެއްކުމަކީ ދިވެހިންގެ ޒަމާންވީ ތާރީހުގައި ބޯލަނބާފައިވާ ކަމެއް ނޫނެވެ. މާ ބާރުވެރި އެކި ގައުމުތަކުގެ ކުރިމަތީ ދިވެހި ގައުމުގެ މިނިވަންކަން އެތައް ހާސް އަހަރަކަށް ދެމިގެން ދިޔަ އެއް ސަބަކީވެސް މިއީ އެވެ.

ގާނޫނުތަކުގެ ކަޅާ ހުދުން ސަލާމަތްވި ނަމަވެސް، ދިވެހިންގެ ވިސްނުމުން މި ހާދިސާގައި އިންޑިއާ ސަލާމަތެއް ނުވާނެ އެވެ. ވެރިކަމާ ނުރުހުނަސް، ހާރިޖީ ސިޔާސަތު ތިމާމެންނާ ފޭވިޔަސް، މިފަހަރު އިންޑިއާއިން ކޮށްފައިމިވާ ކަމަށް ޖަވާބު ނުދިނުމަކީ ހެދޭނެ ގޯހެކެވެ. އެއީ ހާރިޖީ އެންމެ ނުރަނގަޅު މަގެވެ.