Advertisement

"އިންޑިއާ އައުޓް" ގަރާރު ބާތިލު ނުކުރަނީ ރައީސް އެކަން ކުރަން ބޭނުން ނުވާތީ ކަމަށް ގާސިމް ވިދާޅުވެއްޖެ

5 ފެބުރުވަރީ 2024 - 15:22 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް : "އިންޑިއާ އައުޓް" ގަރާރު ބާތިލު ނުކުރަނީ ރައީސް އެކަން ކުރަން ބޭނުން ނުވާތީ ކަމަށް ގާސިމް ވިދާޅުވެއްޖެ - ފޮޓޯ: ރައީސް އޮފީސް


"އިންޑިއާ އައުޓް" ގަރާރު ބާތިލު ނުކުރަނީ ރައީސް އެކަން ކުރަން ބޭނުން ނުވާތީ ކަމަށް ގާސިމް ވިދާޅުވެއްޖެ

5 ފެބުރުވަރީ 2024 - 15:22 0

"އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު، މި ސަރުކާރުން ބާތިލު ނުކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން ކުރައްވަން ބޭނުން ނުވާތީ ކަމަށް ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެޕްރީލް 21, 2022 ގައި ރައީސް ސޯލިހު "އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން" ނަމުގައި ނެރުއްވި ގަރާރު މި ސަރުކާރުން އަދިވެސް އުވާލާފައެއް ނުވެ އެވެ. އެންމެ ފަހުން ސަރުކާރުން ބުނީ ގަރާރު އުވާލުމަށް ދިރާސާ ކުރަމުންދާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ހިތްހަމަ ނުޖެހުމާއި ހުޅުގަނޑު ރޯކުރެއްވީ ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގެ ރައީސް އަބްދުﷲ ޔާމީނު ކަމަށެވެ. އަދި އިންޑިއާ ދެކޮޅަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ޕާޓީ ލައިނުން ކަމަށް ދޭހަވާ ބީދައިން ވެސް ގާސިމް ވާހަކަދެއްކެވި އެވެ.

"އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވަން ގަރާރެއް ނެރުނީމަ އެ ގަރާރު ބާތިލު ނުކުރި، ޔާމީނު އަބްދުލްގައްޔޫމު ވިދާޅުވި ކީއްވެގެންހޭ އެކަން ނުކުރައްވާ އެ އޮތީ، ބާތިލެއް ނުކުރައްވާ ދެއްތޯ، އެހެންވީމަ އެބަ އެނގޭ ރައީސް މުއިއްޒު ހުންނެވީކީ އެކަން އެގޮތަށް ކުރައްވާކަން ނޫންކަން" ގާސިމް ވިދާޅުވި އެވެ.

ގާސިމް އިޝާރާތް ކުރެއްވީ، ގަރާރު ބާތިލުނުކުރާތީ "އިންޑިއާ އައުޓް" ކެމްޕޭންގެ އެންމެ އިސްކޮށް ހުންނެވި ޔާމީނު ފާޑުވިދާޅުވެ ދެއްކެވި ވާހަކަތަކަށެވެ. ޔާމީނު ވަނީ އެމަނިކުފާނުގެ ގޭގައި އިންޑިއާއާ ދެކޮޅު ބެނާއެއް ވެސް ދެމޭނީ ގަރާރު ބާތިލުކުރުމުން ކަމަށް ވިދާޅުވެފަ އެވެ.

ކުރީގެ ސަރުކާރުން ނެރުނު ގަރާރަކީ ގާނޫނުއަސާސީގެ 64 ވަނަ މާއްދާއާ ހިލާފު ގަރާރެއް ކަމަށް ބުނެ ގަރާރު ބާތިލުކުރުމަށް ހައި ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ. އެ މައްސަލަ ކޯޓަށް އޭރު ހުށަހެޅީ މުޅި "އިންޑިއާ އައުޓް" ކެމްޕޭންގެ އެންމެ ހަރަކާތްތެރިކޮށް ފެނުނު "ދިޔަރެސް" ނޫހުގެ ތިން މަސްއޫލުވެރިންގެ ފަރާތުންނެވެ.

ހައި ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބެލި މައްސަލައިގައި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ ރައީސްގެ ގަރާރަކީ ގާނޫނެއްގެ ދަރަޖަ ދެވޭނެ އެއްޗެއް ނޫން ކަމަށާއި އެހެންވެ، އެއީ ދުސްތޫރީ މައްސަލައެއް ކަމުގައި ނުބެލެވޭނެ ކަމަށެވެ. އަދި މި މައްސަލަ ބެލުމުގެ އިހްތިސާސް ހައި ކޯޓަށް ލިބިގެން ނުވާ ކަމަށެވެ.

އޭގެ އިތުރުން ގަރާރަކީ ގާނޫނު އަސާސީއާ ހިލާފު ގަރާރެއް ކަމަށް ކަނޑައި ދިނުމަށް ސިވިލް ކޯޓަށް ވެސް ޕީޕީއެމް/ޕީއެންސީން މައްސަލައެއް ހުށަހެޅި އެވެ.

އޭރު އިދިކޮޅުގައި ތިއްބެވި މިހާރު ސަރުކާރުގެ ބޭފުޅުން އެ ގަރާރު ގާނޫނާ ހިލާފު ކަމަށް ގަބޫލުކުރެއްވީ، އެ ގަރާރުގެ ސަބަބުން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމާއި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގު ހަނި ކުރެވިގެންދާތީ ކަމަށް ބުނެ އެވެ.

ރައީސް މުއިއްޒުގެ މުޅި ރިޔާސީ ކެމްޕޭން ބިނާކުރެއްވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާއި އެއްބަސްވުންތައް ހާމަކުރުމުގެ ވައުދާ އެކު އެވެ. ނަމަވެސް, މިއަދާ ހަމައަށް އައިއިރު އިންޑިއާ ސިފައިން ފޮނުވާލުމުގައި ކުރިއެރުންތަކެއް ހޯދުނު ނަމަވެސް އެއްބަސްވުންތަކާ ގުޅޭ މާ ބައިވަރު މައުލޫމާތެއް ނުލިބެ އެވެ.